ހުޅުުމާލޭ ކެފޭތަކުގެ ދުވާރު މަތިން ގޮނޑިއާއި މޭޒުތައް ނަގަން އާބަންކޯއިން އަންގައިފި

Loading

Facebook
Twitter
WhatsApp

ހުޅުުމާލޭ ބައެއް މަގުތަކުގެ ދުވާރު މަތީގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރުން އާންމުވެފައިވާތީ އެކަން ހުއްޓައިލުމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި ޓޭކްއަވޭ ޝޮޕްތަކަށް އެ ކުންފުނީގެ ފަރާތުން ދީފައިވާ ހުއްދައާ ޚިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް ދެމުން އަންނަ މައްސަލަ ފާހަގަވެފައިވާ ކަމަށާއި މިކަމުގެ އުނދަގޫ އާންމުންނަށް ފޯރާތީ އެކަމުގެ ޝަކުވާ ވެސް ކުންފުންޏަށް ވަނީ ލިބިފައިވާ ކަމަށެވެ.

“މި މައްސަލާގައި މި ކުންފުނިން ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން ކުންފުންޏަށް ވަނީ އެނގިފައި. މިކަން ހައްލުކުރުމަށްޓަކައި ގޮނޑިއާއި މޭޒު އެ ތަންތަނުން ނެގުމަށް ވިޔަފާރި ހިންފާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ވާނީ އަންގާފައި.“ އާބަންކޯއިން ބުންޏެވެ.

މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު މި ގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށް ވެސް ކުރާ ކަންކަމަށް އާބަންކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

“އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތައް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އެދުމެއް.“

ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ޚިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައި ކަމަށް ވެސް އާބަންކޯއިން ބުންޏެވެ. އަދި ކެފޭތަކާއި، މިފަދަ ޚިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އާންމުންނަށް އަދިވެސް ބޭނުންވާކަން މި ކުންފުންޏަށް ފާހަގަވެފައިވާތީ، އެފަދަ ފުރުސަތު ވެސް ފަހިކޮށްދިނުމަށް ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގެ މާހައުލަކީ އެންމެނަށް ވެސް ފަސޭހަ އަދި ހިތްގައިމު މާހައުލަކަށް ހެދުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް، ހުޅުމާލޭގެ މަގުތަކަށް ބަލައިފިނަމަ މަގުތަކުގެ ބޭނުން އާންމުންނަށް އެންމެ އެކަށީގެންވާނެ ގޮތަށް ކުރެވޭނެ މަގުފަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މަގުތައް ހިޔާވާނެ ހެން ގަސް އިންދުމާއި، އެކްސެސިބިލިޓީގެ ގޮތުން ބެލިނަމަވެސް، އާންމުންނަށް އެންމެ ލުއި ފަސޭހަ ގޮތަކަށް ބައްޓަން ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން ވަނީ އެ ކުންފުނީގެ ފަރާތުން ކުރަމުން އަންނަ މި މަސައްކަތަށް އެންމެންގެ އެއްބާރުލުން ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް