ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމް ހުންނަވާ ކޮޓަރިއާއި ފާހާނައިގައި ކެމެރާ ހަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާކަމަށް ނިންމަވައި އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގައެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީން ނިދިިކުރައްވާ ކޮޓަރިއާއި ވަދެވަޑައިގަންނަވާ ފާހާނާއާއި ހޯލުގައި ކެމެރާ ހަރުކޮށް ފޯނަށް އެޕްލިކޭޝަން އަޅައިގެން ބަލަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ކެމެރާގެ މަންޒަރުތައް ވަގުތުން ބެލޭ ގޮތަށް ހޯމް މިނިސްޓަރު އިމްރާންގެ ފޯނަށް އެކްސެސް ދީފައިވާ ކަމަށާއި ރައީސް ޔާމީން އުޅުއްވާ ގޮތް އިމްރާން އޭނާގެ އެކުވެރިންނާއެކު ކޮފީ މޭޒުތަކުގައި ތިއްބަވައިގެން ބައްލަވާކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ފެށުނީއްސުރެ ސަރުކާރުން ދަނީ ރައީސް ޔާމީނަށް އަނިޔާކުރަމުންނެވެ. ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ވެސް ރައީސް ޔާމީނަށް އަނިޔާކުރުމުގައި ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިމްރާނަކީ ނުބައިނުލަފާ އިންސާނެއް ކަމަށާއި އިމްރާން ރަނގަޅުވާނީ އިންސާނުން ނޫޅޭ ފަޅު ރަށެއްގަ ހައްޔަރުކޮށްފައި ބެހެއްޓުން ކަމަށެވެ.
“މީނައަކީ ނުބައިނުލަފާ އިންސާނެއް. އިންސާނުން ދިރިއުޅޭ ގައުމެއްގަ ގެންގުޅެން ހެޔޮވާވަރު މީހެއް ވެސް ނޫން. މީނަ ރަނގަޅުވާނީ އިންސާނުން ނޫޅޭ ފަޅު ރަށެއްގަ ހައްޔަރުކޮށްފަ ބެހެއްޓިއްޔާ. މީނައަށް ކާން ވެސް ގެންގޮސްދޭންވާނީ 24 ގަޑިއިރުން އެއްފަހަރު. ހަމަ ހަގީގަތުގަ ވެސް އިންސާނުން ނުވާނެ މީނަ ފެންނަ ހިސާބަށްދާކަށް. މީނަ ފަހަށްނުދާނެ އިންސާނުން ކޮށައިގެން ކާން ވެސް. އެހާ ނުބައިނުލަފާ އިންސާނެއް. އެހެންނޫންނަމަ އޭނަގެ ބެލުމުގެ ދަށުގަ ހުރި ޖަލެއްގަ ބަންދުކޮށްފަ ހުރި މީހަކާ ދޭތެރޭގަ އެފަދަ ވާހަކައެއް ނުދައްކާނެ.“
އަދުރޭ އެހެން އެ ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން ކަމަށް އިމްރާން މިއަދު ވިދާޅުވުމާ ގުޅިގެންނެވެ. އެއީ ރައްޔިތުން ސަމާލުވާންޖެހޭ ކަމެއް ކަމަށާއި އެމަނިކުފާނަކީ 100,000 އަށްވުރެ ގިނަ މީހުންގެ ހައްގު ކޮނޑުފުޅުގައި އަޅުއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރާއްޖެ ދުވަހަކު ވެސް ނުދެކޭ ތަރައްގީ އެންމެ ފަސް އަހަރުން ގެނެސްދެއްވާފައިވާ ބޭފުޅެއް ކަމަށާއި އެ ފަސް އަހަރަކީ ގައުމު ދުށް އެންމެ ތިޔާގި, އެންމެ ބޮޑު ހަމަޖެހުން ގާއިމުކުރި ފަސް އަހަރު ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.