ޗާގޯސް މައްސަލައިގައި ރައީސް ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީ ބާތިލުކުރަން ސްޕްރީމް ކޯޓަށް

Loading

Facebook
Twitter
WhatsApp

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ގަބޫލުކުރައްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ބާތިލުކޮށްދިނުމަށް އެދި ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ރައީސްގެ ސިޓީ ބާތިލުކުރަން ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި މުޙައްމަދު މުސްތާގު އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަޙްމަދުމަނިކުގެ ފަރާތުންނެވެ.

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ގަބޫލުކުރައްވައި ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވީ މިދިޔަ އަހަރުގެ އޮގަސްޓު 22 ވަނަ ދުވަހުއެވެ. މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ އޭރު އޮތީ ބައިނަލްއަގްވާމީ ޓްރައިބިއުނަލުގައެވެ.

ބައިނަލްއަގްވާމީ ޓްރައިބިއުނަލުން މިދިޔަ ހުކުރު ދުވަހު ނިންމީ ކަނޑުގެ ސަރަހައްދު ދެ ގައުމަށް ބަހައިލުމަށެވެ. އެއީ ރާއްޖެއަށް 47232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަ ކިލޯމީޓަރު ލިބޭ ގޮތަށެވެ.

މައްސަލައިގައި ފާހަގަކޮށްފައިވާ ނުކުތާތައް:

ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ދައުލަތުގެ ސަރަހައްދު ބަޔާން ކުރުމަށްފަހު ދެން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމުގައި.

އެކަން އެހެން އޮއްވައި ފޯޅަވައްސާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް އަދި ނިންމުމެއް ނެތި، އަދި އެ މަޖިލީހަށް ކަމާބެހޭ އެއްވެސް މައުލޫމާތެއް ފޯރުކޮށްދިނުމެއް ނެތި ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭނާގެ ވަޒީރަކު ސޮއި ކުރައްވައިފައި ފޮނުއްވައިފައި ވާކަމަށް ބުނެވޭ ލިޔުން ސައްހަ ވާނޭ އެއްވެސް ގޮތެއް ނެތް.

ފޯޅަވަހީގެ މިލްކުވެރިކަމަށް މޮރިޝަސްއިން ދައުވާ ކުރާ ކުރުން ބަލައިގަނެ، ނުވަތަ އެކަމާ މެދު އިއުތިރާޒު ނުކުރާކަން ބަޔާން ކޮށް ސިޓީއެއް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގާނޫނުއަސާސީއާ ޚިލާފަށް ކުރެއްވި ކަމެއް.

މައްސަލައިގައި ބުނެފައިވަނީ ފޯޅަވައްސަކީ ޔޫރަޕުގެ ބައެއް ބާރުތަކުން އެ ޖަޒީރާތަކަށް އަރައި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެ ޖަޒީރާތައް އިސްތިއުމާރު ކުރުމުގެ ކުރީން ރާއްޖެ ފިޔަވައި އެހެން އެއްވެސް ބަޔަކަށް އެ ބިމުގެ މައްޗަށް ސިޔާދަތީ މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިގެން ވީ ބިމެއް ނޫން ކަމަށެވެ. އަދި އެ ބިމަކީ ރާއްޖޭގެ ބިމެއް ކަމަށް ރާއްޖޭގެ ރަސްކަލަކު ސިއްކަ ޖައްސަވައި އެހެން ދައުލަތަކަށް ފޮނުއްވެވި ލިޔުމެއްގައި އެބައޮތް ކަމަށާއި އެ ޒަމާނުގައި ރާއްޖޭގެ ވަސީލަތްތައް ހުރި ގޮތުންނާއި ރާއްޖޭގެ އާބާދީ އޮތް ގޮތުން ފޯޅަވަހީގައި ދިވެހީން ވަޒަންވެރި ވެގެން އުޅެފައި ނުވިޔަސް، އެ ބިމަށް ދިވެހީންނަށް އޮތް ހައްގު ނުގެއްލޭ ކަމަށެވެ. ޚުދު ރާއްޖޭގެ ސަރަހައްދުގައި މިހާރު ގާނޫނުއަސާސީގެ މާއްދާތަކުން ހިމަނައިފައިވާ އަތޮޅުތަކުގައި ވެސް، ދިވެހީން ވަޒަންވެރި ވެގެން ނުއުޅޭ ރަށްރަށް އެބަހުރި ކަމަށާއި އެއާއެކު، މީގެ އެތައް ގަރުނެއް ކުރީއްސުރެ، ފޯޅަވަހީގެ ބިން ބޭނުންކޮށް، އެތަނުގެ ރުއްގަހުގައި އަޅާ ތަކެތި ބޭނުންކޮށް އުޅުނީ ދިވެހީންކަމީ ތާރީޚުން ފެންނަ ހަގީގަތެއް ކަމަށެވެ.

“އެ ގޮތުގައި ކަން އޮއްވައި، ޔޫރަޕުގެ އިސްތިއުމާރީ ބާރުތަކެއް އެތަނަށް އަރައި އެތަނަށް ބާރު ހިންގުމަށްފަހު، އެ އިސްތިއުމާރު ނިމުމަކަށް އައުމުން، ދެން ފޯޅަވަހި ލިބުން އެންމެ ހައްގުކަން ބޮޑީ ދިވެހިރާއްޖެއަށްކަން ޔަގީން.“ މައްސަލާގައި ބުނެފައިވެއެވެ.

އޭގެ ސަބަބުތަކަކީ އެ ޖަޒީރާތަކަކީ ޖިއޮލޮޖިކަލް ގޮތުން ބަލާއިރު ރާއްޖެ އޮތް އަށީގައިވާ އަދި ރާއްޖެ އޮތް އާރޗިޕެލަގޯއަށް ޖިއޮލޮޖިކަލް ގޮތުން ނިސްބަތް ވާ ޖަޒީރާތަކެއް ކަމުގައިވުމާއި, އެ ޖަޒީރާތަކާ އެންމެ ކައިރީގައި އޮތް ގައުމަކީ ރާއްޖެ ކަމުގައިވުމާއި, ރާއްޖޭގެ ރަސްކަމުން އެއީ ރާއްޖޭގެ ސަރަހައްދުކަމަށް ބުނެ މީގެ އެތައް ގަރުނެއް ކުރީން ބައިނަލްއަގުވާމީ ފެންވަރުގައި އެކަން ބަޔާން ކޮށްފައިވުމެވެ.

މައްސަލައިގައި ބުނެފައިވާ ގޮތުން މޮރިޝަސްއިން ފޯޅަވައްސާ މެދު ކުރާ ދައުވާއަކީ ތާރީޚީ އަދި ވާޤިޢީ އެއްވެސް އަސާސެއް ނެތް ގާނޫނީ އެއްވެސް ބިންގަލެއް ނެތް ބާތިލު އަދި ނުހައްގު ދައުވާއެކެވެ. 

މައްސަލައިގައި އެދިފައިވަނީ:

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭގޮތުން މޮރިޝަސްއަށް ނުވަތަ އެހެން ފަރާތަކަށް ވިޔަސް، އޭނާ ސޮއި ކުރައްވައިފައި ނުވަތަ އޭނާގެ ވަޒީރަކު ސޮއި ކުރައްވައިފައި ވިޔަސް ފޮނުއްވެވި ލިޔުން ހާމަ ކުރުމަށް އަމުރު ކޮށްދެއްވުމަށް.

އެ ލިޔުމަކީ ގާނޫނުއަސާސީއާ ޚިލާފު އަދި ޣައިރުދުސްތޫރީ، ބާތިލު، ލިޔުމެއް ކަމަށް ކަނޑައަޅުއްވައިދެއްވުމަށް.

އެ ލިޔުމާ ގުޅިގެން ކުރެވިފައި ވާ ހުރިހައި މުއާމަލާތުތަކާއި ހިންގައިފައި ވާ އެންމެހައި މުއާސަލާތުތަކާއި އިޖުރާއާތުތައް ބާތިލު ކަމުގައި ކަނޑައަޅުއްވައިދެއްވުމަށް.

އެ ލިޔުމާ އެއްގޮތް ވާ ގޮތުގެ މަތީން، އަދި/ނުވަތަ ފޯޅަވައްސާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ލިބިގެންވާ މަތީގައި ދެންނެވި ހައްގުތަކަށް އުނިކަމެއް އަތުވެދާނޭ ފަދައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގެ މެންބަރެއް ކަމުގައި ވާ އޭނާގެ އެޓަރނީ ޖެނެރަލް ހިންގައިފައިވާ އެންމެހައި މުއާމަލާތުތަކާއި ކޮންފައިވާ އެންމެހައި ކަންކަން ވެސް ބާޠިލު ކަމަށް ކަނޑައަޅުއްވައިދެއްވުމަށް.

މައްސަލައާ ގުޅިގެން އިތުރު އެއްވެސް ކަމެއް ދިވެހި ދައުލަތުގެ ފަރާތުން ކުރެވޭނީ ރައްޔިތުންގެ މަޖިލިހަށް ކަމާބެހޭ ހުރިހައި ހަގީގަތްތަކެއް ހުރިހައި ލިޔެކިޔުމަކާ އެކު ހުށައަޅައި، އެ މަޖިލިހުން ގާނޫނުއަސާސީގެ 3 ވަނަ މާއްދާއާ އެއްގޮތަށް ފާސްކުރާ ކުރުމެއްގެ މައްޗަށްކަމަށް ކަނޑައަޅުއްވައި ދެއްވައި މި މައްސަލަ އަވަސް ގޮތެއްގައި ފައިސަލާ ކޮށްދެއްވުމަށް.

Loading

One Response

  1. ރައީސް އަށް ގާނޫނު އެނގޭކަށް ބޭނުމެއްނޫން. ޚުދުމުޚުތާރުކޮށް އެމްޑީޕީގެ ސަރުކާރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެނީ ދިވެހިރާއްޖޭގައި ޑިމޮކްރެސީ އާއި ޢަދުލް އިންސާފު ހޯދުމަށް ބަޔަކު ޖާނާއި މާލުން ގުރުބާން ކޮށްގެން ލިބުނު ބަދަލުގައި ވެރިކަން ހިންގުމަށް އިސްކުރެވުނީ އެމްޑީޕީ ކަމަށްވާތީއެވެ. ދެން ގަރާރުހަދައިގެން ގާނޫނު ސަސްޕެންޑްކޮށްގެން ދައުލަތް ހިންގުމަކީ ލަދުވެތި އަނިޔާވެރި ޢަމަލަކެވެ. ގާނޫނުން ބާރުނުލިބޭ ކަންތައް ކުރަން އުޅުމަކީ ގައްދާރުވުން ކަމުގައި ބެލެވޭނެއެވެ. އެމީހަކަށް ރައްޔަތުން ގާނޫނީ ހަމަތަކުން ދީފާވާ ބާރަކާއި ދީފާވާ ބަޖެޓަކުން ދައުލަތް ހިންގަނުދެވެންޏާއި އިސްތީޢުފާ ދެއްވީމާ ބެސްޓްވީއެވެ. އެހެނީ ދައުލަތަކީ ބަޔެއްގެ ޕްރައިވެޓް ކުންފުނި ހިންގާގޮތަށް ޖެހުނުހާ ދިމާލަކުން ފައިސާހޯދާ ރައްޔަތުން ދަރުވާލައިވެގެނ ގަދަބާރުން ހިންގާކަށް ނުޖެހެއެވެ. ރައިސް އިބްރާހިމްގެ ނަން ވަރަށް ދެރަގޮތަކަށް ތާރީޚްގައި ލިޔެވިގެންދާނޭ ކަމާއިމެިދު ޝައްކެއްނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް