ފުލުހުންގެ ލޯތައް ހުޅުވަންވީ ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް: ރައީސް

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ދެއްވައިފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި ކުށަކީ އިމްޕޯޓްކޮށް އަދި އެކްސްޕޯޓް ވެސް ކުރެވޭ އެއްޗެއް ކަމަށާއި އެއް ގައުމެއްގައި ހުރެގެން މާ ދުރުގައި އޮންނަ އެހެން ގައުމެއްގައި ޖަރީމާއެއް ހިންގުމަކީ ވެސް މި ޒަމާނުގައި ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ބޯޑަރުތަކާއި ސަރަހައްދީ އިމަކީ ކުށްވެރިންނާއި ކުށުގެ މާހައުލު ދަންނަ އެއްޗެއް ނޫން ކަމަށާއި އެހެންކަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަޅި މިއަދު އަމާޒުކުރަން ޖެހެނީ ހަމައެކަނި މި ރާއްޖެއަކަށް ނޫން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“ދިވެހިރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭ.“ ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދުގެ ދުނިޔޭގައި ރާއްޖެއަކީ ވެސް ބައިނަލްއަގުވާމީ އާއިލާގެ އެއްބައެއް ކަމަށާއި އެ ސަބަބަށްޓަކައި ރާއްޖެއާއި ރާއްޖޭގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން އަދި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެހެން ގައުމުތަކުގެ ފުލުހުންގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ހުންނަ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“ދިވެހި ފުލުހުންނަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި ހިނގާ އެފަދަ އޮއިވަރުތަކަށް ހޭލައި ތައްޔާރީ ހާލަތުގައި ތިބޭ ބައެއް. ބައިނަލްއަގްވާމީ ފުލުހުންގެ އިދާރާ އިންޓަރޕޯލްގެ ފިކްސްޑް ނެޓްވަރކް ޑޭޓާބޭސްއާއި ރާއްޖޭގެ ބޯޑަރ މެނޭޖްމަންޓް ސިސްޓަމް 2019 ވަނަ އަހަރުން ފެށިގެން ވަނީ ގުޅައިލާފައި. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އިންފޮރމޭޝަން ސިސްޓަމް ވެސް 2020 ވަނަ އަހަރުން ފެށިގެން ވަނީ އިންޓަރޕޯލްގެ ޑޭޓާބޭސްއާ ގުޅައިލެވިފައި.“ ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެ ނިޒާމުގެ ތެރެއިން ރާއްޖެއާއި އިންޓަރޕޯލް ގުޅައިލުމުން ވަރަށް ގިނަ މަންފާތައް ރާއްޖެއަށް ވެސް އަދި ބައިނަލްއަގުވާމީ މުޖުތަމައުއަވެސް ލިބެމުން ދާނެ ކަމަށާއި ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކޮންމެ ފަސިންޖަރެއްގެ މައުލޫމާތު އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް އިންޓަރޕޯލްގެ ޑޭޓާބޭސްތަކުން ޗެކް ކުރެވޭނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ފުލުހުންގެ ފްރޮންޓްލައިން އޮފިސަރުން ބަލައި ފާސްކުރާ އެއްވެސް މީހެއްގެ މައުލޫމާތު އިންޓަރޕޯލްގައި ހުރިނަމަ އެ މައުލޫމާތެއް ވެސް އެ ނިޒާމުގެ ތެރެއިން ދިވެހި ފުލުހުންނަށް މިހާރު ފެންނާނެ ކަމަށާއި އަދި ރާއްޖޭގައި މި ވަގުތު ހުރި ހުރިހާ ޕޮލިސް ސްޓޭޝަނެއްގައި ވެސް މި ނިޒާމު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް  ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“މިއީވެސް ބޯޑަރުތައް ހުރަސްކޮށް ހިންގާ ޖަރީމާތަކާއި ޓެރަރިޒަމާއި އެނޫން ބޮޑެތި ކުށްތަކާ ދެކޮޅަށް  ވެސް ދުރާލައި ފިޔަވަޅު އެޅުމަށް މަގު ފަހިވެގެންދާނެ ކަމެއް. އަޅުގަނޑުމެން އެންމެން ވެސް އުޅެމުން މިދަނީ ވަރަށް އަވަސްއަވަހަށް އަންނަ ބަދަލުތަކެއްގެ ދުނިޔެއެއްގައި. ކޮންމެ ރަނގަޅު ބަދަލަކާ ވިދިގެން ނުރަނގަޅު ބަދަލެއް އައުމަކީ ދުނިޔަވީ ސުންނަތެއް. ޒަމާނީ ޓެކްނޮލޮޖީއަކީ ސިނާއީ އިންގިލާބު މިހާތަނަށް ގެނެސްދިން އެންމެ ހެޔޮ ބަދަލު. އެއާއެކު އެ ލިބުނު ރަނގަޅުގެ ނާޖާއިޒު ބޭނުން ހިފައިގެން ކުށުގެ ވެށި ފުޅާކުރުމަކީ އިންސާނުން ހަދާ އެންމެ ބޮޑު ގޯސް.“ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަރނެޓްގެ ޒަރީއާއިން ހިންގާ ކުށްތަކާއި މީހުންގެ ފުރާނައާއި މުދަލާއި ފައިސާއަށް ދޭ ގެއްލުންތަކަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެފަދަ ކުށްތައް އިތުރުވަމުންދާއިރު އޭގެ ބާވަތްތައް ވެސް ތަފާތުވަމުންދާ ކަމަށެވެ. މިއީވެސް މި ޒަމާނުގެ ފުލުހުންގެ ޚިދުމަތްތަކުގައި ޚާއްސަ ސަމާލުކަމެއް ދީފައިވާ ކަމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިފަދަ ގޮންޖެހުންތައް ހުރި ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަން ކުރަމުން މި އަންނަނީ ޒަމާނީ ޓެކްނޮލޮޖީއާއި އައު ވިސްނުންތަކުގެ އަލީގައި ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ މުއައްސަސާއެއްގެ ގޮތުގައިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް