ތުރުކީއާއި ރަޝިޔާ އަދި އީރާނާއި ސީރިޔާގެ ވާހަކަތަކުގެ މިސްރާބު ރަނގަޅު

Loading

Facebook
Twitter
WhatsApp

އެތައް އަހަރެއްގެ ރުޅިވެރިކަމާއި ދުޝްމަނީ އަށްފަހު ސީރިޔާއާއި ތުރުކީ އެއްގަލަކަށް އެރުވުމަށްޓަކައި ސުރުޚީގައިވާ ހަތަރު ގައުމުގެ ދިފާޢީ ވަޒީރުންނާއި ޖާސުސީ އިދާރާތަކުގެ ވެރިންގެ މެދުގައި ދެކެވެމުންދާ ވާހަކަތައް ދަނީ ރަނގަޅު މިސްރާބަށް ކަމުގައި އަންކާރާއާއި މޮސްކޯއިން ހާމަކޮށްފިއެވެ.

ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގައި ފާއިތުވެގެންމިދާ 12 ވަރަކަށް އަހަރުގެ ތެރޭގައި ސީރިޔާގައި ކުރެވެމުންދިޔަ ދާޚިލީ ހަނގުރާމާގައި އަންކާރާގެ ރުހުން އޮތީ އިދިކޮޅު ހަނގުރާމަ ވެރިންނަށެވެ. މޮސްކޯގެ ތާއީދު އޮތީ ބައްޝާރުލް އަސަދަށެވެ. މޮސްކޯއިން މިހާރު އަސަދަށް މަޝްވަރާ ދަންނަވަމުން ގެންދަވަނީ ހަނގުރާމަ ހުއްޓާލުމަށާއި ސުލްޙައިގެ މަގު ޚިޔާރު ކުރެއްވުމަށެވެ.

އެހެންނަމަވެސް އަސަދު ވިދާޅުވަނީ ސުލްޙައިގެ ވާހަކަތަކަށްޓަކައި ތުރުކީގެ ހުރިހާ ސިފައިން ސީރިޔާއިން ފައިބަން ޖެހޭނެ ކަމަށެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިންނާއި ތުރުކީގެ ދިފާއީ ވުޒާރާއިން ވަކިވަކިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރެވެމުންދާ މަޝަވަރާތަކުގައި ސީރިޔާގެ ރައްކާތެރިކަން ވަރުގަދަ ކުރުމާއި ދިމިޝްގާއި އަންކާރާގެ ގުޅުން ރަނގަޅުކުރުމަށް ބާރު އަޅުއްވަމުން ގެންދަވައެވެ.

އަދި މިހާތަނަށް ދެކެވުނު ވާހަކަތަކުގައި ސީރިޔާގެ ބިމުގެ އިން ކަށަވަރު ކޮށްދޭނެ ކަމަށާއި ސީރިޔާގެ ރެފިއުޖީން އަނބުރާ ގައުމަށް ގެނެވޭނެ ގޮތުގެ މައްޗަށް ވަރަށް ޚާއްސަ އަހަންމިއްޔަތެއް ދެވިފައިވެއެވެ.       

ސީރިޔާގެ ދިފާއީ ވުޒާރާއިން ވިދާޅުވެފައިވަނީ ދެކެވެމުންދާ ވާހަކަތަކުގައި ސީރިޔާގައި ތިބި ތުރުކީގެ ސިފައިން ފޭބުމާއި އަދި އަވަށްޓެރި ގައުމުތަކާއެކު ވިޔަފާރިއާއި ޓްރާންސްޕޯރޓްގެ ވަސީލަތްތަކަށް މަގުފަހި ކުރުމުގެގޮތުން މަޝްހޫރު އެމް 4 ގެ ނަންދެވިފައިވާ ހައިވޭގެ މަގުހުޅުވުންވެސް ހިމެނޭ ކަމަށެވެ. 

ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނުފަހުން ތުރުކީއާއި ސީރިޔާގެ އެންމެ އިސްބޭފުޅުންގެ ބައްދަލުވުމެއް ބޭއްވުނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މޮސްކޯގައެވެ. އެއީ އެ ދެގައުމުގެ ދިފާއީ ވަޒީރުންގެ ބައްދަލު ވުމެކެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް މިއަންނަ މޭމަހުގެތެރޭގައި ހަތަރު ގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ވަނީ ތާވަލްކުރެވިފައި ކަމަށް މިދިޔަ ހަފްތާގައި ތުރުކީގެ ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ. ބައްދަލުވުން ބާއްވާނެ ތާރީޚު އަދި ހަމައެއް ނުޖެހެއެވެ.                                                        

ތުރުކީގެ ސިފައިންގެ ތާއީދު އިދިކޮޅު ބާރުތަކަށް ދިނުމުގެ ސަބަބުން ރަޝިޔާއިންވެސް ވަނީ ބައްޝާރުލް އަސަދަށް ހަނގުރާމަ ކާމިޔާބު ކޮށް ނުދެވިފައެވެ. މިސަބަބަށްޓަކައި ތުރުކީގެ ސިފައިން ސީރިޔާއިން ފޭބުމަށް ސީރިޔާއިން ގެންދަނީ ވާހަކަތަކުގައިވެސް ބާރު އަޅަމުންނެވެ.                                         

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް