އިންޑިއާގެ ޕަންޖާބުގައި ސިކުންގެ މަޒުހަބަށް ނިސްބަތްކުރެވޭ މީހުންގެވަކިދައުލަތެއް އުފެއްދުމަށް ވަކާލާތު ކުރަމުންގެންދާ އަމްރިތު ޕާލް ހޯދަން އިންޑިއާގެ ފުލުހުން އެތައްދުވަހަކު އަތްފުނާ އެޅުމަށްފަހު ހައްޔަރުކޮށްފިއެވެ. ޕަންޖާބުގައި ސިކުންގެ ވަކި ދައުލަތެއް ގާއިމްކުރުމަށް ޒުވާބުކޮށް ކުރިމަތިލުންތައް ހިންގަމުން ގެންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހު ސިކުންގެ ދައުލަތަކަށް ތާއީދުކުރާ ބަޔަކު ކަނޑިއާއި ލަޓިބުރިތަކެއް ހިފައިގެން އަންޖާލާ ޕޮލިސް ސްޓޭޝަނަކަށް ވަދެ ޖަލުގައި ބަންދުކޮށްފައިހުރި އެމީހުންގެ ލީޑަރަކު ދޫކޮށްލުމަށް ބާރުއަޅައި މާރާމާރީވެސް ވަނީ ހިންގާފައެވެ.
ފެބްރުއަރީ މަހުގެ ހިލުވާލުންގަނޑަށްފަހު އަމްރިތުޕާލް އުޅެނީ ފިލައިގެންނެވެ. ނަމަވެސް މިއަދު ފުލުހުން އޭނާ ހައްޔަރުކޮށްފި ކަމަށާއި އާންމުރައްޔިތުން ހަމަހިމޭނުން ތިބުމަށް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ.
ސިކުންގެ ދީނީ ލީޑަރ ޖަސްބީރު ސިންގ ރޮއްޑޭ ވިދާޅުވެފައިވަނީ އަމްރިޕާލް ހެނދުނުގެ އަޅުކަމަށްފަހު އަމިއްލައަށް ފުލުހުންނާއި ހަވާލުވީ ކަމަށެވެ.
ޕަންޖާބުގައި ސިކުންގެ އަމިއްލަ ދައުލަތެއް ވުޖޫދުކުރުމަށް ހިންގަމުންގެންދާޙަރަކާތްތަކަށް ދުވަސްގަނޑެއް ވެއްޖެއެވެ. މި ޙަރަކާތުގައި އެންމެ ބޮޑު ލޭއޮހޮރުވުމަކަށް ގޮސްފައިވަނީ 1980 ވަނައަހަރުގައެވެ. ސިކުންގެ ބޮޑީގާޑަކު އިންދިރާ ގާންދީއަށް ބަޑިން ޙަމަލާދީ އަވަހާރަކޮށްލީވެސް އެއަހަރުގެ ތެރޭގައެވެ. އެކަމަނާ އަވަހާރަކޮށްލުމާއި ގުޅިގެން ސިކުންނާއި ހިންދޫންނާދޭތެރޭ ގިނަ ދުވަސްތަކެއް ވަންދެން ލޭ އޮހޮރުވުމާއި އެކު ދެކޮޅުވެރިކަން ދެމިގެންދިޔައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަމްރިތުޕާލް ސިންގއަކީ ސިކުންގެ މަޒުހަބުގެ އިމާމެއް ކަމަށާއި އަދި ގައުމުގައި އިދިކޮޅު ފިކުރު އުފެއްދުމަށް މަސައްކަތް ކުރުމާއި ގައުމުގެ މަސްލަޙަތު ނަގާލަން މަސައްކުރުމުގެ ތުޙުމަތު ކުރެވޭ މީހެއް ކަމަށެވެ. އަދި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަން ހުރަސް އެޅުމާއި މީހުން މެރުމަށް ހިތްވަރުދިނުންވެސް ހިމެނޭ ކަމަށެވެ.
2022 ވަނައަހަރު އިންޑިއާއަށް އައުމާ ހަމަޔަށްވެސް އަމްރިތުޕާލް ސިންގއަކީ މާބޮޑަށް ތަޢާރުފް ވެފައިވާ މީހެއް ނޫނެވެ. އެހެންނަމަވެސް އިންޑިއާއަށް އައުމާއިއެކު ސިކުންގެ ޙައްގުތަކަށް ވަކާލާތުކުރުމުގެ އެންމެ އިސް ސަފުން އޭނާ ފެންނަން ފެށިއެވެ. އިންޑިއާގެ އާބާދީ %1.7 އަކީ ސިކުންނެވެ.
އަމްރިތުޕާލް ސިންގއަކީ ސިކުންގެ މިލިޓަރީ ލީޑަރ ޖަރްނައިލް ސިންގް ބިންދްރަންވާލޭގެ ފިކުރަށް ތާއީދުކުރާމީހެކެވެ. ބިންދްރަން ވާލޭއާއި އޭނާއަށް ތާއީދުކުރާ ވަރަށްގިނަބަޔަކު 1984 ގައި ގޯލްޑަން ޓެމްޕަލްގެ ޙަމަލާގައި މަރުވެގެން ދިޔައީއެވެ. ގޯލްޑަން ޓެމްޕަލް އަކީ ސިކުންގެ އެންމެ މުގައްދަސް ބިނާއެވެ.
ފަހަކަށް އައިސް އިންޑިއާގައި އުފެދިގެން އުޅޭ ދަނޑުވެރިންގެ މައްސަލާގައިވެސް އަމްރިތުޕާލްގެ ބައިވެރިވުން އޮންނަކަމަށް ތުޙުމަތު ކުރެވެއެވެ.
ގަބޫލުކުރެވޭ ގޮތުގައި ވާރިސް ޕަންޖާބް ދޭ ( ޕަންޖާބުގެ ވާރުތަވެރިން ) މި ޖަމާއަތުގެ އެންމެ އިސް މީހަކީވެސް އަމްރިތުޕާލް ސިންގ އެވެ. ދަނޑުވެރިންނާއިބެހޭ ގޮތުން ފާސްކުރި ގާނޫނަށް ނަފްރަތުކޮށް ނިއުދިއްލީގެ ރަށްބޭރުގައި ދަނޑުވެރިން ބަޑަހަ ޖަހައިގެން ތިބިތިބުން އިންތިޒާމް ކުރުމުގައިވެސް އެންމެ އިސް ރޯލެއް އަދާކުރީ އަމްރިތުޕާލް ކަމުގައި ބުނެއެވެ.
އަމްރިތުޕާލް ސިންގެ ގެ ތަގްރީރިތަކަށް ޚާލިސްތާން އުފެއްދުމަށް މަސައްކަތްކުރާ ޖަމާޢަތްތަކުގެ މެދުގައި ވަރަށް މަތީ ތަރްހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
ޚާލިސްތާނު އުފެއްދުމުގެ ޙަރަކާތްތަކަށް މާޒީގައި ކޮންމެވެސް ވަރެއްގެ ފަނޑުކަމެއް އައި ކަމުގައިވިޔަސް އެމެރިކާއާއި ކެނެޑާއާއި ޔޫކޭފަދަ ގައުމުތަކުގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ސިކުންގެ އުންމީދުވެސް ޚާލިސްތާނާ ގުޅިފައިވާ ކަމަށް ބުނެވިދާނެއެވެ.
އެހެންނަމަވެސް ނިއު ދިއްލީން މާނަކުރާގޮތުގައި ޚާލިސްތާން އުފެއްދުމުގެ ޙަރަކާތަކީ އިންޑިއާއަށް އޮތް ބިރުވެރިކަމެކެވެ. ހަމަހިލާ އެކަން އެގޮތަށްވިޔަކަ ނުދޭނެކަމުގައެވެ.
One Response
މިނިވަން ގައުމަކަށް އެދި މަސައްކަތްކުރުމަކީ ކޮންމެމީހެއްގެވެސް ހައްގެކެވެ. އެއްވެސް ސިފައެއްގައި އަޅުވެތިކަން ގަބޫލެއް ނުކުރެވޭނެއެވެ. ހިތާމައަކީ މިނިވަންކަން ހޯދުމަށް ކުރަމުންގެންދާ ދައުވާގައި އާންމު ރައްޔިތުންތަކެއް އެބައިމީހުންގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރަން ޖެހުމެވެ. އަދި މިނިވަންކަން ލިބުމަށްފަހު އެއީ ވަކި ބަޔަކު އިސްވެ ތިބެ ކުރިން މަސައްކަތުން އެމީހުންލިބިގަތް އެމީހުންގެ މިލްކެއް ކަމަށް ވެދެއެވެ. ރައްޔިތުމީހާއަށް ދެންވެސް އޮތީ އަޅުވެތި ކަމެވެ.