ހޫނު ގަދަވުމުގެސަބަބުން ގެއިންބޭރަށް ނުނިކުތުމުގެ އިންޒާރު

Loading

Facebook
Twitter
WhatsApp

ހޫނުގަދަވުމުގެ ސަބަބުން ތައިލޭންޑުގައި މީހުން ގެއިން ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރުން އިންޒާރު ދީފިއެވެ. މިދިޔަ ހޮނިހިރުދުވަހު ބެންކޮކްގައި 42 ދަރަޖަ ސެންޓިގްރޭޑްގައި ހޫނުމިން ހުރިނަމަވެސް ޖައްވުގައި އެއްވެސް ފިނިކަމެއް ނެތުމާއިއެކު 54 ދަރަޖަ ސެންޓިގްރޭޑުގެ ހޫނު އިޙްސާސް ކުރަން ޖެހުނުކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

ކޮންމެ އަހަރެއްގެ އޭޕްރިލް މަހަކީ ތައިލޭންޑަށްވެސް އެންމެ ހޫނުވާ ދުވަސްވަރެވެ. އެމަހުގެ ތެރޭގައި އާންމުކޮށް ހޫނުމިން އެންމެ މައްޗަށް ދަނީ 37 ދަރަޖަ ސެންޓިގްރޭޑަށެވެ. އެހެންނަމަވެސް މިހަފްތާބަންދުތެރޭގައި ތައިލޭންޑުގެ 77 ސަރަޙައްދުގެ ތެރެއިން 28 ސަރަޙައްދެއްގައި ހޫނުމިން 40 ދަރަޖަ ސެންޓިގްރޭޑަށް ވުރެން މައްޗަށް ދާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މިދިޔަ ހަފްތާގައި 45 ދަރަޖައަށް ހޫނު އަރައިގެންދިއުމަކީ ތައިލޭންޑުގެ ތާރީޚުގައި އެންމެފުރަތަމަ އެވަރުގެ ހޫނެއް ފާހަގަކުރެވުނު ފަހަރެވެ.

ހަމަ އެއާއިއެކު މިދިޔަ ހަފްތާގައި ކަރަންޓު ބޭނުންކުރެވުނު މިންވަރުވެސް 39000 މެގަވޮޓަށް އަރައިގެން ދިޔަކަމަށް ބުނެފާވެއެވެ. މިދިޔައަހަރުގެ އޭޕްރިލްމަހުގެ އެ ހަފްތާގައި ބޭނުން ކުރެވިފައިވަނީ 32000 މެގަވޮޓުގެ ކަރަންޓެވެ.                                                  

އިންޑިއާއާއި ބަންގްލާދޭޝްގެ ބައެއްހިސާބުތަކުގައި ހޫނުގަދަވެ ކަރަންޓް ފޯރުކޮށްދޭ ފަރާތްތަކަށް އޮބިނޯވެގެން ދޭތެރޭދޭތެރޭން ކަރަންޓްކަނޑާލަން ވަނީ ޖެހިފައެވެ. ބަންގްލާދޭޝްގެ ހަކަތައާއި ބެހޭ ވަޒީރު ނަސްރުލް ޙަމީދު ވިދާޅުވެފައިވަނީ ފާއިތު ވެގެން މިދާ 50 އަހަރުގެ ތެރޭގައި މިވަރުގެ ހޫނުކަމެއް އިޙްސާސްކުރަންޖެހިފައި ނުވާކަމަށެވެ. ބަންގްލާސްދޭޝްގެ ވެރިކަންކުރާރަށް ޑާކާގައި ހޫނުމިން އުޅެނީ 43 ދަރަޖަ ސެންޓިގްރޭޑުގައެވެ.   

ހޫނުގަދަވުމުގެ ސަބަބުން އިންޑިއާގެ ޓްރިޕޫރާއާއި ހުޅަނގުބަންގާޅުގެ ބައެއް ސްކޫލްތައްވެސް ވަނީ ބަންދުކުރަން ޖެހިފައެވެ.                                                                  

އިންޑިއާއާއި ޕާކިސްތާނުގެ މިލިއަނަކަށްވުރެން ގިނަމީހުން މޫސުމުގެ މި ނުރައްކާ އުފުލަން ޖެހޭނެ ކަމަށް ސައެންސްވެރިން ގެންދަނީ ބުނަމުންނެވެ. އިންޑިއާގެ ރަސްމީ އިދާރާއިން ހާމަކުރަމުން ގެންދާ ގޮތުގައި މޭ މަސް ނިމެންދެން މިހާރު ކުރިމަތިވެފައިވާ ހޫނު މޫސުން ކުރިއަށްދާނެއެވެ. އަދި ދޭތެރޭ ދޭތެރޭން ހޫނުގެ ތޫފާނާ ކުރިމަތިލާންވެސް ޖެހޭނެއެވެ.                                                    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް