ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލޭފަދަގޮތަކަށް ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ރައްޔިތުންނަށް ހާމަކުރުމަށާއި، ރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލްހަދާފައިވާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ދިވެހިރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ކޮޑި އިންޗިއެއްގެ މިންވަރުވިޔަސް އެއްވެސް ބަޔަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ ދިވެހިން ނިހާޔަތަށް ދެކޮޅުހަދާ ކަމެއް ކަމަށެވެ.
އެކަން އެހެން އޮތްއިރު ފޯޅަވަހި ހިމެނޭ ގޮތުން ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް އައިލެންޑްސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެގޮތުގައި ހަމަޖެއްސުމަށް އެ ގައުމުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޮރ ލޯވް އޮފް ދަ ސީސްއަށް ހުށަހަޅާފައިވާ ހައްސާސް މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރި މައްސަލަ، ވާދަވެރި އޮޕޮޒިޝަންގެ ފަރާތުން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް މި މަހުގެ 28 ވަނަ ދުވަހު އެ މައްސަލައަށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވާކަން ވެސް މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމުގައި ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އަދި ގާނޫނު އަސާސީގެ 248 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުގައްޔާއި ކަނޑުގެ އަޑީގެ ބިމުގައިވާ ދިރުންހުރި އަދި ދިރުމެއްނެތް ޠަބީޢީ އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ ދިވެހި ދައުލަތަށް ކަމަށް ބަޔާން ކުރެވިފައިވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
ޗާގޯސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ޚާރިޖީ، އިގުތިސާދީ އަދި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތަކާ ނުހަނު ގުޅުންހުރި މައްސަލައަކަށްވާއިރު، އެމްޑީޕީ ލީޑުކުރާ ކޯލިޝަން ސަރުކާރު އައުމުގެ ކުރިން ދިވެހިރާއްޖެއިން ވަކާލާތުކޮށްފައިވަނީ މޮރިޝަސްއާ ދެކޮޅަށް، ޗާގޯސްގެ މައްޗަށް ބާރު ހިނގާ ގއުމެއްގެގޮތުގައި އިނގިރޭސިވިލާތް އޮތުމަށް ކަމަށްވެސް މައްސަލާގައި ފާހަގަކުރައްވާފައިވެއެވެ.
އަދި އެގޮތަށް އޮތުމުން އެ ސަރަހައްދުން ރާއްޖެ ހިމެނޭ ބައި ހޯދުމަށް މޮރިޝަސްއިން ވަކާލާތުކުރުމުގެ ފުރުސަތު ހަނިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް އެއްވެސް ކަމެއް ހާމަކުރުމެއް ނެތި، ކުރިން ދިވެހިރާއްޖެއިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމުކަމުގައި ސަރުކާރުން ނިންމަވައި، އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، މޮރިޝަސްއަށް ސިޓީއަކުން އެންގެވުމަކީ އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުން ދިވެހިރާއްޖެއަށް ލިބޭނެކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވަނީ ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމަށް ސަރުކާރުން އަޑި ނޭނގޭ ޑީލެއް، އދވގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އިންނަވައިގެން ހައްދަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ވިދާޅުވަމުންދާކަން ވެސް ފާހަގަކުރައްވާފައެވެ.
ޝަރީފް ވަނީ ޗާގޯސްގެ މައްސަލާގައި، ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.
އެކަން ކުށްވެރި ކުރައްވައި ޝަރީފް ގޮވައިލެއްވީ ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރި ސަބަބު ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދިނުމަށާއި އެ މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ދެމެހެއްޓުމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަކުރުމަށެވެ. އަދި މޮރިޝަސްއާއިއެކު ހަދާފައިވާ ޑީލް ތަހުގީގުކޮށް އެ ކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވެސް ގޮވައިލެއްވިއެވެ.
މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްކޮށް މިހާރު މެންބަރުން ދަނީ ބަހުސް ކުރައްވަމުންނެވެ. ބަހުސް ކުރަން ފެންނަކަމަށް ވޯޓުދެއްވީ 23 މެންބަރުންނެވެ.