މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ފުލުހުންނަށް ފިލައިގެން އުޅުމަށްފަހު އަމިއްލަައަށް ފުލުހުންނާ ހަވާލުވި އިބްރާހީމް ފައިޙް ނިޡާމަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އައި ސ.މަރަދޫފޭދޫ, ރަށްދެބައިގޭ އިބްރާހީމް ފައިޙް ނިޡާމް އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ފުލުހުންނާ ހަވާލުވީ މިދިޔަ މާޗު 21 ވަނަ ދުވަހުގެރޭގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ ފައިޙްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކަމަށް ޝަފީޢު ވިދާޅުވިއެވެ. ނަމަވެސް ދައުވާގެ ތަފްސީލެއް ނުދެއްވައެވެ.
ފައިޙްއާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ފުލުހުންގެ ބަޔާންތަކާއި, އަނިޔާ ލިބުނު މީހާގެ ބަޔާނާއި, މި ބާވަތުގެ ކުށްތައް ކުރިން ކޮށްފައިވާކަން އެނގޭނެ ކުރީގެ ކުށުގެ ރެކޯޑާއި, ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓް ހިމެނެއެވެ.
ފައިޙްގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު އޭނާ ހުރީ ބަންދުކޮށްފައެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހި 30 ދުވަސް ހަމަވުމުން މިދިޔަ ބުދަ ދުވަހު ކޯޓުން ވަނީ އިތުރު 07 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
One Response
Allaahge gaanoon mugutaalaa ehen gaanooneh gaanoonakah baaru hingan huvaakuri bayegge bass gabool nukurebeyne