މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ހޫނުގަދަ ދުވަސްވަރަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ އޭޕްރީލް މަހަކީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުވާ މަސް ކަމަށާއި ކޮންމެ ދުވަހަކު ވެސް އެންމެ ހޫނުގަދަވާނީ މެންދުރުފަހު 14:00 ގައެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި:
ހދ.ހަނިމާދޫގެ މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.7 ޑިގްރީ ސެލްސިއަސް.
މިދިޔަ 29 އަހަރުގެ އޭޕްރީލް މަހު ހުޅުލޭގައި އެވްރެޖް ފިނިހޫނުމިނަކީ 29.6 ޑިގްރީ ސެލްސިއަސް.
އަދި މިދިޔަ 29 އަހަރުގެ އޭޕްރީލް މަހު އައްޑޫ ސިޓީ ގަމުގެ އެވްރެޖް ފިނިހޫނުމިނަކީ 28.9 ޑިގްރީ ސެލްސިއަސް.
މެޓް އޮފީހުން އާންމުކުރި މައުލޫމާތަކުގައިވާ ގޮތުން ހޫނުމިން އިހުސާސް ކުރެވޭ މިންވަރު ހދ.ހަނިމާދުއާއި ލ.ކައްދުއަށް މިއަދު ހުރީ 40.4 ޑިގްރީ ސެލްސިއަސްގައެވެ. މާލެ ސަރަހައްދަށް 39.3 ޑިގްރީ ސެލްސިއަސްގައެވެ.
މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެން އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ހޫނު ގަދަވުމުގެ ސަބަބުން ބައެއް ސިއްހީ މައްސަލަތައް ދިމާވެދާނެތީ މިކަމުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.