ބެއިޖިންއިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އިސްރާއީލާއި ފަލަސްތީނުގެ ދިގުދެމިގެންދާ މައްސަލައަށް ސުލްޙަވެރިހައްލެއް ހޯދާދިނުމަށް މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހާމަކޮށް އެ ދެގައުމުގެ ޚާރިޖީ ވަޒީރުންނަށް ޗައިނާގެ ޚާރިޖީ ވަޒީރު ގިން ގޭންގް ދަންނަވައިފިއެވެ.
ދެ ގައުމުގެ ކާރިޖީ ވަޒީރުންނަށް ފޯނުކުރައްވައި ދެއްކެވި ވާހަކަފުޅުގައިފަލަސްތީނާއި އިސްރާއީލުގެ ޒަމާންވީ މައްސަލަ ޙައްލު ނުކުރެވި ގޯހުން ގޯހަށް ބަދަލުވެގެންދާތީ ޗައިނާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ހާމަކޮށްފައި ވާގޮތުން ތިޔަ ދެގައުމު ސުލްޙަވެރި ކުރެވޭނެ މަގުތަކެއް ހޯދައި އެ މަގުން މަސައްކަތް ކުރުމުގެ ފުރުސަތަކަށް އެދި ދެންނެވީކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ.
ސަޢޫދީ އެރޭބިޔާއާއި އީރާނުގެ ޒަމާންވީ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމުގައި ޗައިނާއިން ކުރި މަސައްކަތުގެ އަލީގައި ލިބިވަޑައިގެންނެވި ތަޖްރިބާ ބޭނުން ކުރައްވައިގެން ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށްވެސް ސުލްޙަވެރި ހައްލެއް ގެނެވިދާނެ ކަމަށް ޗައިނާއިން އުންމީދު ކުރެއެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުގައި މިކަން ފާހަގަކުރައްވައި ބާރު އެޅުއްވިކަމަށް ޗައިނާގެ ޚާރިޖިއްޔާގެ ބަޔާނުގައި ވެއެވެ. އެވާހަކަފުޅާއި ގުޅިގެން މަސްރަޙު ފިނިކުރެވޭތޯ ބަލާނެ ކަމަށާއި އެކަމަކު ފަލަސްތީނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ މައްސަލަ އަވަހަށް ހައްލު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރާކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ޗައިނާގެ ޚާރިޖީވަޒީރަށް ދެންނެވި ކަމުގައިވެސް އެ ބަޔާނުގައި ވެއެވެ.
އަދި ރޯދަމަހުގެ ދުވަސަތަކުގައި ޓެމްޕްލް މައުންޓް ސަރަޙައްދުގެ އަމާންކަން ކަށަވަރު ކޮށްދިނުމަށާއި ޚާއްސަކޮށް ރޯދަމަހުގެ ފަހުދިހައިގެ ދުވަސްތަކުގައި މުސްލިމުންގެ އަޅުކަމަށް ހުރަސްއެޅިގެން ހިނގައިދިޔަފަދަ ޙަރަކާތްތަކުން ދުރުހެލިވުމުގެ ވާހަކަ ދެއްކެވިކަމަށް އިސްރާއީލުން ބުނެއެވެ. ސުލްޙައިގެ ވާހަކައާއި ބެހޭގޮތުން ދެއްކި ވާހަކައަށް އެއްވެސް އިޝާރާތެއް އިސްރާއީލުން ހާމައެއް ނުކުރެއެވެ. އޭގެ ބަދަލުގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހުއްޓުވާ ދިނުން ޗައިނާގެ ކިބައިން އެދުނުކަމަށް ޔަހޫދީންގެ ބަޔާނުގައި ބުނެފާ ވެއެވެ.
ފަލަސްތީނުގެ މައްސަލަ އަށް ރަނގަޅު ޙައްލެއް ހޯދާދިނުމަށްޓަކައި ޗައިނާއިން ކުރެވިދާނެ ކޮންމެ ކަމަކަށް ތައްޔާރަށް ހުންނެވިކަމަށާއި އަދި ރަނގަޅުކަމެއް ކުރުމަށް ވަގުތު ފާއިތުވެގެން ނުދާނެކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލް މާލިކީއަށް ޗައިނާގެ ޚާރިޖީވަޒީރު ދެންނެވިކަމަށް ޗައިނާގެ ޚާރިޖިއްޔާގެ ސްޕޯކްސްޕާރސަން ވާންގ ވެންބިންގ ޔަގީންކޮށް ދެއްވިއެވެ.
ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ އަށް ގަބޫލު ކުރެވިދާފަދަ ހައްލެއް ގެނައުމަށް ބައިނަލް އަގްވާމީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރާތާ އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ހަމަ އެއާއެކު އިސްރާއީލުގެ ބޮޑުވަޒީރު ގެންދަނީ ހަނގުރާމާގައި ހިފާފައިވާ ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ އަމިއްލަ ބިމެއްކަމުގައި ބަލައިގެން އެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ.
އެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ބައިނަލް އަގްވާމީ ގާނޫނާ ޚިލާފް ކަމެއް ކަމުގައި ބުނެ އެކަމަކު ފަލަސްތީނުގެ ދައުލަތަކަށް އިންކާރުކުރަމުން ގެންދާ އިސްރާއީލުގެ ބައިވެރިންވެސް ހިމެނޭގޮތުގައި ކިޔަމުން ގެންދާ ފާޑުކިއުންތައް ހަރުކަށި ނަތަންޔާހޫ އަޑުއަހާކަށް ބޭނުމެއް ނުވެއެވެ.
2 Responses
މާބޮޑަށް ތިމާއަށް ތިމާފެނުމާ ވާނެގޮތް އެމެރިކާއަށް އެވަނީއެވެ. ބޭނުން ގައުމަކާއި ދިމާކޮށްލާ އަބަދުވެސް އެމެރިކާ ބޭނުންގޮތަކަށް ވާންޖެހޭނީ! އެހެންވެ މިހާރުދެން ތިބޮޑި ބޮއީ. އެހެނަސް ދުލެއްނުކުރަނެ. ކޮންމެވެސަ ގައުމެއް ފަނާކޮށްލާނެއެވެ. ބޮޑު ހަނގުރާމައެއް ނުކޮށް އެމެރިކާގެ އިކޮނޮމީ ދެމެހެއްޓޭނެ ގޮތެއް ނެތެވެ. ޗައިނާއާއި ތޮޅިލާނެކަން ޔަގީނެވެ.
ޗައިނާއިން އިޚްލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރަން ބޭނުން ވިޔަސް އިސްރާއީލާއި ބައިވެރިން އެކަމަށް ފުރުސަތެއް ނުދޭނެއެވެ. ދިވެހިން ބުނާފަދައިން އިޔަހޫދީ މައްކާރީ ބޭނުންކުރާނެއެވެ.