ފުރަމޭގެ ފަރުވާއަށް ބޭނުންކުރާ ބޭހެއްގެ ނަކަލެއް އުފައްދައިގެން ބޭނުންކުރާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އެދިލައްވައިފިއެވެ.
އެމް.އެފް.ޑީ.އޭއިން ހާމަކުރެއްވި ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އާއި ކިރިގިސްތާނުން ފެނިފައިވަނީ (Defibrotide Sodium) Defitelio ނަމަކަށް ކިޔާ ބޭހެއްގެ ނަކަލެކެވެ.
އެ އޮތޯރިޓީން ވިދާޅުވީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ތެރޭގައި މި ބޭސް ނުހިމެނޭ ކަމުގައެވެ. ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުން ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް ބޭނުންކުރާނަމަ މި ބޭހާމެދު ސަމާލުވުމަށް ވެސް އެ އޮތޯރިޓީން ވަނީ އެދިލައްވައިފަވެ.
ހަމައެހެންމެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އެތެެރެކުރާ ބޭހަށް ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރައްވަމުން ގެންދާނެކަމަށް ވެސް އެމް.އެފް.ޑީ.އޭއިން ވަނީ ވިދާޅުވެފައެވެ.
އަދި ޕާކިސްތާނުގެ ކަރާޗީގައި އުފައްދާ ލޭ މައްޗަށް ދިއުމަށް ދޭ ބޭހެއްކަމުގައިވާ ޓެލްސާޓާ 40 ގެ ބެޗެއްގައި މުށިކުލައިގެ ލައްތަކެއް ހުރުމުން އެކަމާމެދު ސަމާލުވުމަށް ވެސް ވަނީ އެދިލައްވައިފައެވެ.