ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ މި މަހުގެ 28 ވަނަ ދުވަހު ނިންމަން ހަމަޖައްސައިފިއެވެ.
މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލައެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލީ މިދިޔަ އަހަރުއެވެ.
އިޓްލޮސްއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި އެ ޓްރައިބިއުނަލްގެ ނިންމުން މި މަހުގެ 28 ވަނަ ދުވަހު މެންދުރު އިއްވާނެއެވެ. އަދި އެ މަޖިލިސް ލައިވްކޮށް ދައްކާނެ ކަމަށް އިޓްލޮސްއިން ވަނީ ބުނެފައެވެ.
މި މައްސަލަ ޓްރައިބިއުނަލްގައި އޮތުމުން ރާއްޖެއިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭން ނިންމައިފައެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ބައިނަލްއަގްވާމީ ޓްރައިބިއުނަލުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ވަނީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ރާއްޖެއިން ގަބޫލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ސިޓީއެއް ފޮނުއްވާފައިވާކަމަށް ވިދާޅުވެފައެވެ.
އޭގެކުރިން ޗާގޯސްގެ މައްސަލައިގައި މޮރިޝަސްއާއި އިނގިރޭސިވިލާތާ ދެމެދު އުފެދިފައިވާ މައްސަލައިގައި ރާއްޖެއިން އޮތީ މޮރިޝަސްއާ ދެކޮޅަށެވެ.
މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކައިލީ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ނަމަވެސް ރައީސް ޞާލިޙް ވިދާޅުވެފައިވަނީ މި މައްސަލައިގައި ސަރުކާރުން ދަމަހައްޓަމުން ދަނީ މިކަމުގައި އެންމެ ކުރިން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުންއައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއުކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައެއް ނޯންނާނެ ކަމަށެވެ.
މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ރާއްޖެއިން ގަބޫލުކޮށް ރައީސް ޞާލިޙް ސިޓީއެއް ފޮނުއްވާފައިވާއިރު, ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ ރައީސް ޞާލިޙް އެ ސިޓީ ފޮނުއްވީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި, ސިޓީ ފޮނުއްވީ މުޅި ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒަށް އަރައިގެންފައި ކަމަށެވެ.އެއީ ދިވެހިންގެ ހައްގު ގެއްލޭ ގޮތަށް ފޮނުއްވާފައިވާ ސިޓީއެއް ކަމަށް ވެސް ޔާމީން ވިދާޅުވެފައިވެއެވެ.
“2023 ވަނަ އަހަރަކީ ދިވެހި ރައްޔިތުންގެ އަހަރެއް ކަމަށްވަންޏާ, އަޅުގަނޑުމެނަށް ސަރުކާރު ލިބިއްޖެކަމަށްވަންޏާ, ގާނޫނާއި ޚިލާފަށް ގާނޫނުއަސާސީއާ ޚިލާފަށް މިހާރު ސަރުކާރުން މި މައްސަލައިގަ ކޮށްގެން އުޅޭ ކަންތަކަށް އަޅުގަނޑު އިހުތިރާމެއް ނުކުރާނަން. އެކަން އަނބުރާ ޖަހާނަން.“ މިދިޔަ ނޮވެމްބަރުމަހު ތެރޭގައި ޔާމީން ވިދާޅުވެފައިވެއެވެ.
މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ރާއްޖެއިން ގަބޫލުކުރީ އެއްވެސް ފަރާތެއްގެ ނުފޫޒަކާހުރެތޯ ކަށަވަރުކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލަ ވެސް ހުށަހެޅިއެވެ. ނަމަވެސް ސަރުކާރުގެ މެންބަރުން ވަނީ އެ މައްސަލަ ވެސް ތަޅުމުން ބޭރުކޮށްލައިފައެވެ.