ވ.އާރަށުގެ މައްސަލައިގައި މަނީ ލޯންޑަރިންގއާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ އަނބުރާ ގެންދިއުމަށް އިދިކޮޅު ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމްގެ ކިބައިން މިއަދު އެދިއްޖެއެވެ.
ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އިއްވެވި ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށައެވެ.
ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން މިއަދު ވަނީ ޕީޖީ ޝަމީމާ ބައްދަލު ކުރައްވައިފައެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ އެމްއެމްޕީއާރްސީގެ ބައެއް މީހުންގެ މައްސަލަތައް އަނބުރާ ގެންދިޔަ ގޮތަށް ރައީސް ޔާމީންގެ މައްސަލަ ވެސް އަނބުރާ ގެންދަންޖެހޭނެ ކަމަށާއި އެއީ އެއް ބާވަތެއްގެ އެއް މައްސަލަ ކަމަށް ޕީޖީއަށް ދެންނެވި ކަމަށެވެ.
ބައެއް މީހުންގެ މައްސަލަތައް އަނބުރާ ގެންދިޔަ ކަމަށް އަދުރޭ އެ ވިދާޅުވަނީ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފުގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންގޮސްފައިވާތީ އެކަމަށް އިޝާރަތް ކުރައްވައެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ޝަމީމްގެ ވާހަކައިން ޔާމީންގެ މައްސަލައިގައި ގޯސްތަކެއް ހަދާފައި ހުރިކަމަށް ގަބޫލު ކުރެއްވެއެވެ.
“އަޅުގަނޑުމެންނަށް ވެސް ޝަމީމްގެ ވާހަކައިން ގަބޫލުކުރެވޭ ރައީސް ޔާމީންގެ މައްސަލައިގައި ގޯސްތަކެއް ހަދާފައި ހުރިކަން. ނަމަވެސް ޝަމީމް ހުންނެވި މަގާމުގެ ގޮތުން ޝަމީމަށް ވިދާޅުވާން ދަތިފުޅުވަނީ.“
ހައިކޯޓުގައި މިހާރު އޮތް މައްސަލައިގައި ޝަމީމްގެ ވިސްނުން ހުރި ގޮތަށް ބަލާއިރު ސަރުކާރުގެ ނުފޫޒު ނުފޯރުވައިިފިއްޔާ އެ މައްސަލަ ނިމިގެންދާނީ ރައީސް ޔާމީނާ އެއްކޮޅަށް ކަމަށް ދޭހަވާ އިބާރާތުން ޝަމީމް ވާހަކަ ދެއްކެވި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
“އެއިން ވެސް މި އެނގެނީ ޝަމީމް ވެސް ހުންނެވި މަގާމުގެ ގޮތުން ވިދާޅުވާން ބޭނުންފުޅުނުވިޔަސް ގަބޫލުފުޅު ކުރައްވައޭ ރައީސް ޔާމީނަށް އަނިޔާ ދެއްވާކަން. ހަމައެއާއެކީގަ ޝަމީމް ވިދާޅުވި ތިމަންނަ ގަބޫލު ކުރަނީ ތިބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓް ކަމަށޭ ރައީސް ޔާމީނަކީ. ތިބޭފުޅުން ތި ތިބީ އެ ގޮތަށް ނިންމައިގެންނޭ.“
“އެހެންވީމަ ތިމަންނަ ގަބޫލު ކުރަނީ ރައީސް ޔާމީނަށް ކުރިމަތިލުމުގެ ފުރުސަތު އޮއްވާ ރައީސް ޔާމީންގެ މައްސަލަ ނިމެންޖެހޭނެ ކަމަށޭ. ހައިކޯޓުން ސްޕްރީމް ކޯޓަށް ދަންޏާ ވެސް ސްޕްރީމް ކޯޓުން ވެސް ނިމެންޖެހޭ ކަމަށޭ ތިމަންނަ ގަބޫލު ކުރަނީ. ޕަބްލިކްގަ ވެސް ތިމަންނަ މި ވާހަކަ ދައްކަން ބޭނުންވެއޭ.“ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ޕަބްލިކްގައި ޝަމީމް މިވާހަކަ ދައްކަވާާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
2 Responses
ތީނީ ސާމީމު ހަމަރަގަޅަށް ގަނެލާފާ ދެން ކިހިނެއް އަދުލު އިންސާފު ގާއިމުކުރާނީ ދޯ ހުރި ކޯފާއެއްގެ ބޮޑުކަމާ
ބަލަ ޝަރީއަތުން ހުކުމް ކުރުމަށްފަހު ޕީ. ޖީ. އަކަށް ހުންނަވާ ބޭފުޅަކު ބޭނުމިއްޔާ މައްސަލަ އަނބުރާ ގެނެވޭހެއްޔެވެ. ސަޅި ނިޒާމެކެވެ.