ބްރެޒީލުންވެސް ބޭނުންވަނީ އެމެރިކާޑޮލަރުގެ ބާރު ކަނޑުވާލަން

Loading

Facebook
Twitter
WhatsApp

ބްރެޒިލްގެ ރައީސް ލޫލާ ޑި ސިލްވާ ޗައިނާއަށް ކުރެއްވި ރަސްމީދަތުރުފުޅުގައި ނިއު ޑިވެލޮޕްމެންޓް ބޭންކް އޮފް ޝެންހާއީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބްރިކްސްގެ ގައުމުތަކުގެ ބޭންކެއް އުފެދި އެ ގައުމުތަކުގެ ވިޔަފާރީގައި ބޭނުންކުރާނެ ފައިސާއެއް ކަނޑައެޅުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި އަދި ބްރިކްސްގައި ބައިވެރިވާ ގައުމުތަކުން އެމެރިކާ ޑޮލަރު އެއްފަރާތް ކުރުމަށް ބާރު އަޅުއްވާ ކަަމަށެވެ.

މިކަމާއި ގުޅޭގޮތުން މިދިޔަ އަހަރުއްސުރެން މިއަންނަނީ ވާހަކަދައްކަމުންނެވެ. އެމެރިކާ ޑޮލަރާ ދުރުވުމުގެ ނިޔަތުގައި ބްރެޒިލްއާއި އާރޖެންޓީނާއިން އެއްފައިސާއެއް ބޭނުންކުރުމުގެ މަޝްވަރާތައްވެސް ކުރިއަށް އެބަ ގެންދަވާ ކަމަށެވެ. މިވަގުތުވެސް ޗައިނާ ބްރެޒިލްގެ ވިޔަފާރިތަކަށް އަގު އަދާކުރަން އެއްބަސްވެފައިވަނީ ޗައިނާ ފައިސާ ޔުއާނުންނެވެ. އެހެންނަމަވެސް ތަޖްރިބާކާރުން ދެކޭގޮތުގައި ކައިރި މުސްތަގްބަލެއްގައި ބްރެޒިލުންވެސް އެމެރިކާ ޑޮލަރު މުޅިން އެއްފަރާތް ކުރުމަކީ ކުރެވިދާނެ ކަމެއްނޫނެވެ. ބްރެޒިލްގެ ވިޔަފާރީގައިވެސް އެމެރިކާޑޮލަރު މިހާރުވެސް ކުޅެމުންދަނީ އާދައިގެ ރޯލެއް ނޫންވީމައެވެ                                                                 

ފައިނޭންޝަލް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ލޫލާ ވިދާޅުވީ އަހަރެމެންގެ އަމިއްލަ ފައިސާއިން ވިޔަފާރި ނުކުރެންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ ރަނުގެ ބަދަލުގައި އެމެރިކާޑޮލަރަކީ މަރުކަޒީ ފައިސާއަކަށް ބަދަލުވެގެން ދިޔައީ ކޮން ގާނޫނަކުން ހެއްޔެވެ؟ ތަރައްގީވަމުން އަންނަ ގައުމުތަކުންވެސް ޑޮލަރުގެ މައްޗަށް ލެނބިގެން ތިބުމުގެ ބަދަލުގައި އެހެން ފައިސާއެއް އިޚްތިޔާ ކުރަންވީ ވަގުތު ޖެހިއްޖެއެވެ. 

މިނޫން ގޮތެއްގައި އެއްވެސް ގައުމަކަށް މިނިވަން ވިޔަފާރިއެކޭ ނުބުނެވޭނެއެވެ. އަހަރެމެންގެ ބޮލުތެރޭން އެމެރިކާޑޮލަރު ލިބިގެންނޫނީ އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ނުހިންގޭނެ ކަމަށްގަބޫލުކޮށްގެން މިތިބި ގަބޫލުކުރުން ނެރެ އެއްލާލެވިގެން ނޫނީ އެހެންގޮތެއް ހޯދަން ވިސްނާ ފިކުރުވެސް ނުކުރެވޭނެއެވެ. ފުރަތަމަ ގިނަ ހުރަސްތަކެއް ކުރިމަތިވާނެއެވެ. 

އެކަމަކު އެ ހުރަސްތައް ގިރާކުރުމަކީ އުނދަގޫ ކަމެއް ނޫންކަން ދުވަސްކޮޅަކުން ތަޖްރިބާ ކުރެވޭނެއެވެ.  ދުނިޔޭގެ އިގްތިސާދުން ޑޮލަރު ބޭރުކޮށްލުމަކީ ނުކުރެވޭނެކަމެއް ކަމުގައި އިގްތިސާދީ މާހިރުން ލަފާދެއްވަމުން ގެންދަވާކަން އެނގެއެވެ. އެބޭފުޅުންގެ ދިރާސާތަކަކީ އެމެރިކާ ޑޮލަރުން އަގު އަދާކުރާގޮތަށް ކުރެވެމުންދާ ދިރާސާތަކެކެވެ. 

އެހެންވީމާ އެމީހުންގެ ދިރާސާގެ ނަތީޖާއާއި ވިސްނުން ބައްޓަންކުރެވިފައި ހުރިގޮތް ރަނގަޅެއްނޫނޭ  ބުނާކަށް ނެތީމެވެ. އެކަމަކު ދެގައުމެއްގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތު ތަކުގައި އެދެގައުމުގެ ފައިސާ ބޭނުން ނުކުރެވެންވީ ސަބަބެއް އެބޭފުޅުން ވިދާޅެއް ނުވެއެވެ. 

ހަމައެކަނި ޗައިނާގެ ޔުއާނަށް ބަލާލިއަސް ޔޫކްރެއިންގެ ހަނގުރާމައަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގަ މާރކެޓުން ޔުއާން ފައިތިލަ ސާބިތުކޮށްލާނެ ޖަގައެއް ހޯދައިފިކަން ގަބޫލުކުރަން ޖެހެއެވެ. 

ތަޖްރިބާކާރުންގެ ރައުޔު ޑޮލަރާ ހަމައިން ހުއްޓެނީ ކީއްވެގެންކަން ރަނގަޅަ ވިސްނާލައިފިނަމަ އެނގިގެންދާނީ އެއީ ޑޮޅލަރުން އަގު އަދާކޮށްގެން ނެރެފައިވާ ރައުޔެއް ކަމެވެ.                                                    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް