ރ.ފުއްގިރި މައްސަލައިގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުންތައް ބާތިލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ހައިކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ.
ފުއްގިރި ކުއްޔަށް ދޫކޮށް, ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވީ އެ މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ބައެއް ނިންމުންތަކެވެ. އެއީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހެޅުއްވި ހުށަހެޅުމާއި ބައެއް ލިޔުންތައް ހޯދަން ހުށަހެޅި ހުށަހެޅުންތަކެކެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ނިންމެވީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު މުޙައްމަދު ފައިޞަލާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.
ތަފާތުވީ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޙަސަން ޝާފިޢުގެ ރައުޔެވެ.
އޭނާ ވިދާޅުވީ ޔާމީން ޢަބްދުލް ޤައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައިވާ ފުރަތަމަ ހުށަހެޅުމާ ގުޅޭ ގޮތުން, އެ ހުށަހެޅުން ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކޮށް އަލުން އެ ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ނިންމަންޖެހޭ ކަމަށެވެ.
އަދި ހެއްކާބެހޭ ގާނޫނާ ހަވާލާދީ އަޙްމަދު އަދީބާއި ޒިޔަތު ޖިނާއީ އިޖުރާއަތުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ޝަރީޢަތަށް ބަލައިނުގަތުމަށް އެދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ހުށަހެޅުމުގެ ފުރުސަތެއް އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭކަމަށް ނިންމައި އަދި އެ މުއްދަތުގައި އެ ހުށަހެޅުން ހުށަހަޅައިފިނަމަ ހެކި ގަބޫލުކުރުމާއި ނުކުރުމާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންޖެހޭނެ ކަމަށް ނިންމަން ފެނިވަޑައިގަންނަވާ ކަމަށެވެ.