އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލު ކުރުމަށް އެދި ސިވިލް ކޯޓަށް ތިން ފަރާތަކުން މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން ބަލައިގަތީ ޢަލީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލައެވެ.
އޭނާ ހުށަހެޅި މައްސަލައިގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ ޕާޓީގެ 39,000 މެންބަރުން ވަކިކޮށް އެ މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށްކަން ފާހަގަކޮށްފައެވެ. އަދި އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ނުލިބޭ ގޮތަށް ބޭއްވި އިންތިޚާބު ސައްހައެއް ނުވާނެކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެކަން ބަލައި ނިމެންދެން އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ވެސް މައްސަލައިގައި އެދުނެވެ.
ސިިވިލް ކޯޓުން މިއަދު ވަނީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމް ކުރައްވައިފައެވެ. އެ ގޮތަށް ހުކުމް ކުރެއްވީ ދައުވާކުރި ޢަލީ އަމްޖަދަކީ އެމްޑީޕީގެ މެމްބަރަކަށް ނުވާތީއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދައުވާކުރާ ޢަލީ އަމްޖަދަކީ 12 އޮގަސްޓް 2008 އިން ފެށިގެން އެމްޑީޕީގެ މެންބަރުންގެ ދަފުތަރުން އުނިކުރެވިފައިވާ ފަރާތެއް ކަމަށެވެ.
އެހެންކަމުން އެމްޑީޕީގެ މައްޗަށް ހުށަހެޅިފައި މިވާ ދައުވާކުރުމަށް ޢަލީ އަމްޖަދުގެ ކިބައިގައި އެކަށީގެންވާ މަސްލަހަތެއް އަދި ހައިސިއްޔަތެއް ނެތްކަމުން މި ދައުވާ ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަން އެނގޭ ކަމަށް ހުކުމުގައިވެއެވެ.
ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އެ ޕާޓީން މިހާރު ވަނީ ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓް ވެސް އަރުވައިފައެވެ.