ރައީސް ޔާމީންގެ ދެ މައްސަލައެއްގައި މާދަމާ ހުކުމް އިއްވަވަނީ

Loading

Facebook
Twitter
WhatsApp

ހައިކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދެ މައްސަލައެއްގައި މާދަމާ ހުކުމް ކުރެއްވުމަށް ތާވަލުކޮށްފިއެވެ.

އޭގެތެރެއިން އެއް މައްސަލައަކީ ވ.އާރަށު މައްސަލައިގައި 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައްކަން ރައީސް ޔާމީންގެ މައްޗަށް އެންގި މައްސަލައެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވާކަމަށް ނިންމަވައި ކްރިމިނަލް ކޯޓުން އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ މައްސަލައިގައި ލޯންޑާކުރެއްވި ކަމަށް ބުނާ 53 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އަމުރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ގައެވެ.

ުޔާމީންގެ ގާނޫނީ ޓީމުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެ ކޯޓުން ފުރަތަމަ ބޭއްވެވި އަޑުއެހުމުގައި ވަކީލުން ވިދާޅުވީ މަނީ ލޯންޑްރިންގެ ގާނޫނަށް ބަލާއިރު ކުށް ކުށްކޮށްގެން ހޯދި މުދަލެއް ދައުލަތަށް ނަގަން އަމުރު ކުރެއްވެވޭނީ އެ މައްސަލައެއްގެ ހުކުމް ކުރައްވާއިރު ކަމަށެވެ. ނަމަވެސް ޔާމީންގެ މައްސަލައިގައި ފައިސާ ދައްކަން އެންގެވީ ހުކުމް ކުރެއްވި ފަހުން ނެރުއްވި އަމުރަކުން ކަމަށާއި އެއީ ގާނޫނާ ޚިލާފު އަމުރެއް ކަމަށެވެ.

ވަކީލުން އިތުރަށް ވިދާޅުވީ ހުކުމް ކުރައްވާއިރު ހަނދާން ނެތިގެން ނުވަތަ ދޫކޮށްލެވޭ ކަންކަމާމެދު ގޮތެއް ކަނޑައަޅުއްވަން ޖެހޭނީ އިސްތިއުނާފު މަރުހަލާގައި ކަމަށާއި އެ ފައިސާ ދައްކަން އަމުރު ނެރުއްވީ ޔާމީނަށް އިއްވެވި ޖަލު ހުކުމް އިސްތިއުނާފަށް ހުށަހެޅުއްވި ފަހުން ކަމުގައެވެ.

އެ ކަންކަން ފާހަގަކުރައްވައި ވަކީލުން އެދިވަޑައިގަތީ 52 މިލިއަން ދައްކަން ނެރުއްވި އަމުރު ބާތިލުކޮށް ދެއްވައި, ކުށް ކޮށްގެން ހޯދި ފައިސާއެއް ދައުލަތަށް ނަގަން އަމުރު ކުރެއްވެވޭނީ އަސްލު މައްސަލައިގެ ހުކުމުގެތެރެއިން ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.

މި މައްސަލައިގެ ހުކުމް ކުރެއްވުން އޮންނާނީ މާދަމާ 11:30 ގައިކަމަށް ހައިކޯޓުން ވަނީ ވިދާޅުވެފައެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުޙައްމަދު ފައިސަލް, ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

މީގެ އިތުރުން ރ.ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދައުވާތަކާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކާބެހޭ މައްސަލައިގެ ހުކުމް ކުރެއްވުމުގެ އަޑުއެހުން މާދަމާގެ 11:45 އަށް ވަނީ ތާވަލުކޮށްފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައ އިސްތިއުނާފު ކުރެއްވީ ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ނިންމާފައިވާ ނިންމުންތަކެކެވެ. އޭގެތެރޭގައި ބައެއް ހެކިތައް ބަލައިނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުން ބަލައިނުގަތުމާއި ބައެއް ލިޔުންތައް ހާމަކުރަންނުޖެހޭނެ ކަމަށް ނިންމަވާފައިވާ ނިންމެވުން ހިމެނެއެވެ.

މި މައްސަލައިގައި އެ ކޯޓުން ގޮތެއް ނިންމަންދެން ނުވަތަ އެހެން ގޮތެއް އަންގަންދެން ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދަން ވަނީ އަމުރު ކުރައްވައިފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ވެސް ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުޙައްމަދު ފައިސަލް, ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާކަމަށް ނިންމައި 11 އަހަރަށް އެމަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވެވި ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާއިރު އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް