ޔޫކްރެއިން ހަނގުރާމައާއި ގުޅުންހުރި އެމެރިކާގެ އަސްކަރިއްޔާ ޕެންޓަގަންގެ ސިއްރު ލިއެކިއުންތަކެއް ލީކުވެ ޖަސްޓިސް ޑިޕާރޓމްންޓުން ތަހްގީގު ފަށާފައިވާއިރު އިތުރު ލިއެކިއުންތައްވެސް ބޭރުވެފާހުރެދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ.
ލީކުވެފައިވާ ލިއެކިއުން ތަކުގައި އެމެރިކާއިން ޑްރޯން ބޭނުންކޮށްގެން ހިންގަމުންގެންދާ ޖާސޫސްކުރުމާއި މިލިޓްރީ ޙަރަކާތްތަކާބެހޭ ސިއްރު މައުލޫމާތުތަކާއި އަދި ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ހަތިޔާރާބެހޭ މަޢުލޫމާތުތައްވެސް ހިމެނޭ ކަމަށްވެއެވެ.
އެކަމުގައި ބައިވެރިވަނީ ކޮންބައެއްތޯ އަދި އެމީހުން މަގްސަދަކީ ކޮބައިތޯއާއި އިތުރު ލިއެކިއުން ތައްވެސް ލީކުވެފާ ހުރެދާނެތޯ ބަލަން އަސްކަރިއްޔާގެ އެދުމުގެ މަތިން ޖަސްޓިސް ޑިޕާރޓްމެންޓުން މިހާރު ވަނީ ތަހްގީގު ފަށާފައެވެ. އަދި ދިފާއީ ވުޒާރާގެއިންވެސް ރަސްމީގޮތުން މައްސަލަ ތަޙްގީގު ކޮށްދިނުމަށް ޖަސްޓިސް ޑިޕާރޓްމެންޓުގައި ދަންނަވާފައިވާ ކަމަށް އަސްކަރިއްޔާގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގހްވެސް ވަނީ ވިދާޅުވެފައެވެ.
ލިއުންތައް ލީކުވެގެން އުޅޭކަން އެންމެ ފުރަތަމަ ހާމަކުރީ ލީކްވެގެން އުޅޭ ލިއުންތަކާއިއެކު ނިއު ޔޯކް ޓައިމްސް ގެ ސޯޝަލް މީޑިއާ އާއި ޓްވިޓަރ ގައެވެ.
ބެލެވޭގޮތުގައި ލީކްވެގެން އުޅޭ ލިއެ ކިއުންތައް ނިކުމެފައިވަނީ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ އޮފީހުންނެވެ. އެއީ މިދިޔަ މާރޗް މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ ސިއްރު ލިއެކިއުންތަކެއް ކަމަށާއި އެ ލިއެކިއުންތައް ބިދޭސީ ގައުމުތަކަށް ދެވިގެން ނުވާނެކަމަށް ބުނެފައިވެއެވެ.
އެމެރިކާގެ ކަނޑާއި އެއްގަމާއި އަދި ވައިގެ ލަޝްކަރުތައް ގާއިމުވެ ތިބި ސަރަޙައްދުތަކާބެހޭ ތަފްސީލު މަޢުލޫމާތުވެސް އެ ލިއެކިއުން ތަކުގައި ހާމަކޮށްފައި ހުރިކަމަށް ވެއެވެ. އަދި ރަޝިޔާ ސިފައިންގެ ކޮމާންޑް ޕޯސްޓްތަކާއި ހަތިޔާރު ފޯރުކޮށްދޭ މަގާމުތަކަށް ޔޫކްރެއިން ސިފައިން ދިން ޙަމަލާތަކާއި ރަޝިޔާގެ މަގާމުތައް ނެތިކޮށްލަން ރޮކެޓް ބޭނުންކޮށްގެން ދިން މިސައިލް ޙަމަލާތަކުގެ ތަފްސީލުވެސް ހިމެނޭ ކަމަށްވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިއުޔޯރކް ޓައިމްސް އިން އިތުރަށް ރިޕޯރޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ބައިވެރިންނަށްވެސް އެމެރިކާއިން ޖާސޫސް ކުރާކަމުގެ ހެކިތައް ލިބެންހުރި ލިއެކިއުން ތައްވެސް މިހާރުވަނީ ލީކްކޮށްލާފައެވެ.
ޔޫ އެސް އޭ ޓުޑޭ އިން ސަރުކާރުގެ އިސްބޭފުޅުންގެ ފަރާތުން މަޢުލޫމާތު ހޯދަން ދެންނެވުމުން ވިދާޅުވެފައިވަނީ ލީކްވެފައިވާ ލިއެކިއުންތަކާއި މެދު ކަންބޮޑުވާ ކަމަށާއި އިތުރު ލިއެކިއުންތައް ލީކްވެފައި ނުވާކަމެއްވެސް ނޭންގޭ ކަމަށެވެ. ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި އިސް އޮފިޝަލް ވިދާޅުވީ އެބޭފުޅާއަށް މައްސަލާގައި ވާހަކަދެއްކުމުގެ ހުއްދަ ލިބިފައި ނުވާކަމަށެވެ.
އެހެން އޮފިޝަލް އަކުވެސް ވަނަވަރު ސިއްރު ކުރުން ޝަރުތުކޮށްފައި ވިދާޅުވެފައިވަނީ އެ ލިއެކިއުންތައް ލީކްކޮށްލުމަކީ ގައުމަށް ޣައްދާރުވުން ކަމަށާއި އެހެންނަމަވެސް ހަނގުރާމައިގެ ޙާލަތު ދުވަހުން ދުވަހަށް ބަދަލުވަމުންދާތީ މިހާރު އެމަޢުލޫމާތުގެ ފުރިހަމަ ބޭނުން ނުކުރެވޭނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެ ލިއެކިއުންތަކަކީ އެ ދާއިރާގައި މަސައްކަތްކުރާ އެތައް ބަޔަކަށް ފެނުން އެކަށީގެންވާ ލިއެކިއުންތަކެއް ކަމަށާއި ރަޝިޔާގެ ރައީސަށް ޙަމްދަރުދީވާން ބޭނުން މީހަކު ކުރިކަމަކަށްވެސް ވެދާނެކަމަށެވެ. އަދި އެމެރިކާއަށް ޣައްދާރު ޖާސުސަކު ކުރި ކަމަކަށްވެސް ވެދާނެކަމަށެވެ.
އެމެރިކާގެ ސިއްރުތައް ބޭޒާރު ކުރާމީހުންނަށް ވަރަށް ހަރުކަށި އަދަބު ދެވެއެވެ. ވިކިލީކަށް މަޢުލޫމާތު ހާމަކުރި ޗެލްސީ މޭނިންގ އަށް ވެސް 35 އަހަރުގެ ޖަލު ހުކުމެއް 2013 ގައި އިއްވުނެވެ. 2017 ގައި ރައީސް އޮބާމާ އޭނާއަށް މަޢާފްދިނީއެވެ.