ޢަރަބިއްޔާގެ އާ އިމާރާތް ހުޅުވޭނީ އަންނަ އަހަރު: މިނިސްޓަރު

Loading

Facebook
Twitter
WhatsApp

ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ހުޅުވޭނެކަމަށް ލަފާކުރައްވަނީ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ. 

ޢަރަބިއްޔާ ސްކޫލަށް އާ އިމާރާތެއް ހެދުމަށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާ ކަމަށް މިދިޔަ އަހަރު އިއުލާނުކޮށްފައިވާކަން ފާހަގަކުރައްވައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވަނީ ކޮންޓްރެކްޓަރުގެ އަގަކީ ކިހާ ވަރެއްތޯއާއި, މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަކީ ކޮބައިތޯއާއި, މިހާރު މަސައްކަތް ނިމިފައިވަނީ ކިހާވަރަކަށްތޯ އަދި ސްކޫލުގެ ބޭނުން ކުރަން ފެށޭނެ ދުވަހަކީ ކޮބައިތޯ މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އިމާރާތުގެ ކޮންސެޕްޓް ކުރެހުން އެއްކޮށް ފައިނަލުކުރެވިފައިވާ ކަމަށެވެ. 

މިހާރު ކުރިއަށްދަނީ ޑީޓެއިލް ޑްރޯވިންގގެ މަސައްކަތްތައް ނިންމުމުގެ ކަންތައްތައް ކަމަށާއި މި މަހުގެ ނިޔަލަށް އެ މަސައްކަތް ނިމޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

“މިއަދުގެ ވަގުތެއްގައި އަމަލީ މަސައްކަތް ބާޖަމާލުއްދީން ހުރި ތަނުގައި ކުރަން ފަށާނެ.“ 

މިހާރު އޮތް ވަރކް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަމަށް ވެއްޖެއްޔާ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ސްކޫލު ހުޅުވޭނެކަމަށް ލަފާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހެދުމަށް ހަވާލުކުރެވުނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ 29 ސެޕްޓެމްބަރ 2022 ގައެވެ. މި މަޝްރޫއުގެ އަގަކީ 168,525,150.92 ރ. އެވެ.

ޢަރަބިއްޔާ ސްކޫލުގެ އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން އެއީ ދަރިވަރުން ބައިތިއްބަން އެކަށީގެންވާ ތަނަކަށްނުވާތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސުކޫލުގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. ނަމަވެސް އެ ތަނަކީ ސްކޫލެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް އެކަށީގެންވާ ޖާގައެއް އޮތް ތަނެއް ނޫނެވެ. 

ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ހުޅުވޭނެކަމަށް ލަފާކުރައްވަނީ އަންނަ އަހަރުކަމަށް ވިދާޅުވިއިރު, ކުރިން ވިދާޅުވީ މިއަހަރުތެރޭ އެ އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

Loading

One Response

  1. އެވެސް އިބޫ ސަރުކާރަށް ވޯޓް ލިބިއްޖެނަމަ. އެނޫނީ ދެން އަންނަ ބަޔަކު އެކަން ވޭތޯ ބަލާށެވެ.! އަހަރެމެން ވަޢުދުވާނަމެވެ. ކަލޭމެން ވަޢުދު ފުއްދޭތޯ ބަލާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް