އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވި ނިންމެވުން ބަދަލެއްނުވާ ކަމަށާއި އަދިވެސް ހުންނެވީ ވާދަކުރައްވާ ގޮތަށް ކަމަށް ޝުޖާއު ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ޙުސައިން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ ކުރިން ވެސް އިއުލާނު ކުރައްވާފައިވާ ފަދައިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށެވެ.
“ކުރިންވެސް އަޅުގަނޑު އިއުލާނު ކޮށްފައިވާ ފަދައިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ވާދަކުރާނަމެވެ.“ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެ ނިންމެވުން އަނބުރާ ގެންދެވި ޝުޖާއުގެ ބަޔާނުގައިވެއެވެ.
އޭނާ ވިދާޅުވީ ސެޕްޓެމްބަރު 09 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ނިންމެވުމަށް ކުރިއަށް އޮތް ތަނުގައި އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ރިޔާސީ ރޭހުގެ ވާދަވެރިން:
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އެމްޑީޕީ)
ޤާސިމް އިބްރާހިމް (ޖޭޕީ)
މުޙައްމަދު ނާޒިމް (އެމްއެންޕީ)
ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު (އަމިއްލަ ގޮތުން)
ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު (އަމިއްލަ ގޮތުން)
ޑރ.ޝިހާމް (އަމިއްލަ ގޮތުން)
ޕީޕއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމެވެ. ނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ. ހައިކޯޓުން އެ ހުކުމް ބާތިލު ނުކުރާހައި ހިނދަކު އެކަން އޮތީ އެ ގޮތަށެވެ.
ނަމަވެސް އޮންލައިން ނޫސް ސަންއަށް ދެއްވި ބަސްދީގަތުމެއްގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެފައިިވަނީ އިސްތިއުނާފު މަރުހަލާގައި މައްސަލަ އޮތްކަމަށްވާނަމަ ޔާމީނަށް ފުރުސަތެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެކަމުގައި ގޮތެއް ނިންމުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. އަދި އެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ކޯޓު މަރުހަލާއަށް މައްސަލަ ގެންދިއުމުގެ ފުރުސަތު ވެސް އޭރުން އޮންނާނެކަމަށް ފުއާދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ކެނޑިޑެންސީ ބަލައިގަތުމަށް އޮތް ފުރުސަތެއް ގޮތުގައި ފުއާދު ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރަކަށް އިސްތިއުނާފުގެ މައްސަލަ ދިގު ދެމިގެން ގޮސްފައިވަނިކޮށް އިންތިޚާބެއްގައި ވާދަކުރެއްވުމުގެ ފުރުސަތު ކޯޓު ދީފައި އޮތް އޮތުމަށެވެ.