ވައްކަންތައް ބައްލަވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންފައި ވެރިކަން ހިންގަވަން ބޭނުންކުރެއްވި ސިޔާސަތަކީ ވައްކަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޒާހިރު ފާޑުވިދާޅުވީ ސަރުކާރުން ދަނޑުވެރިނަށްވީ ވައުދުތައް ފުއްދުމަށް ގޮވާލައްްވައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައިގައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޒާހިރު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ އެތަކެއް ވައުދުތަކެއް ވެވަޑައިގަތުމަށްފަހު ކަމަށާއި, ނަމަވެސް ވައުދުތައް ވެވަޑައިގަތީ ފުއްދަވާކަށް ނޫންކަން ރައްޔިތުންނަށް ޔަގީންވާ ހިސާބަށް މިއަދު ކަންކަން ގޮސްފައިވާ ކަމަށެވެ.
“ވެރިކަމަށް އަންނަންވެގެން ރައްޔިތުންނަށް ވީ ވަރަށް ގިނަ ވައުދި. ދަނޑުވެރިންނަށް ވީ ވައުދު. މަސްވެރިންނަށް ވެސް ވީ ވައުދު. އެމްއެމްޕީއާރްސީގެ ވައްކަން ހޯދާނަމޭ ކިޔައި ވީ ވައުދު. މަރުތަކަށް އިންސާފު ހޯދާނަމޭ ކިޔައި ވީ ވައުދު. މީގެ އެއްވެސް ވައުދެއް ފުއްދުނު ތަނެއް އަޅުގަނޑުމެންނަކަށް ނުފެނުނު.“
ދެން އަނެއްކާވެސް ވެރިކަމަށް އަންނަންވެގެން ވައުދުވެވަޑައިގަތީމާ ރައްޔިތުން އެކަމެއް ގަބޫލެއް ނުކުރާނެ ކަމަށާއި މަކަރު ހެއްދެވޭނީ އެއްފަހަރު ކަމަށް ޒާހިރު ވިދާޅުވިއެވެ.
އަދި ދެވަނަ ފަހަރަކަށް އެ މަކަރެއް ނުހެއްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“ވެރިކަން ހިންގަން ބޭނުންކުރި ސިޔާސަތަކީ ވައްކަން. ވެންޓިލޭޓަރުން ކުރީ ވައްކަން. ދެން ހޯދީ މަޖިލީހުގެ މެޖޯރިޓީ. ކޮންޓްރޯލް ނަގައިގެން ވެރިކަންކުރީ. ރައްޔިތުންގެ ކޮންޓްރޯލް ނަގައިގެން ވެރިކަންކުރީ. މުއައްސަސާތަކުގެ ކޮންޓްރޯލް ނަގައިގެން ވެރިކަންކުރަނީ. ފުލް ކޮންޓްރޯލް. ކޮންޓްރޯލް އެންޑް ރޫލް މިއަށް ކިޔަނީ.“
ޒާހިރު ވިދާޅުވީ ރައްޔިތުންނަށް އަޅައިނުލައި ވެރިން ކުރައްވާ ކަމަކީ “ޖީބު ބަރުކޮށް“, ދެވަނަ ދައުރެއްގެ ހުވަފެން ބެއްލެވުން ކަމަށެވެ.
ވައްކަންތައް ނުބައްލަވާކަން ޒާހިރު ފާހަގަކުރެއްވިއިރު, އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައި ނުބަލަނީ އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ރައީސް ޞާލިޙް ވަކި މަސްލަހަތެއް ހިފަހައްޓަވާތީކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.