މި ސަރުކާރު ބަދަލު ކުރުން ނޫން ހައްލެއް މި ގައުމަކަށް ނެތް ކަމަށް ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެެއެވެ.
ރާއްޖޭގެ އިގުތިސާދީ މިސްރާބު މިވަގުތު ހުރި ގޮތުން ބޭރުގެ ދަރަނި ބޮޑުވެ, ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުން ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް ހިސާބުތަކުން އެ ގޮތަށް ނުދައްކައެވެ.
މި ސަރަހައްދުގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ %5.6 ގައި ކަމަށާއި ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ %6.6 ގައި ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
މިއީ ކުރިން ލަފާކޮށްފައިވާ ވަރަށްވުރެ ގާތްގަނޑަކަށް %2 ދަށް އަދަދެކެވެ. ކުރިން ލަފާކޮށްފައިވަނީ މިއަހަރު ރާއްޖޭގެ އިގުތިސާދު %8.2 ކުރިއަރާނެ ކަމަށެވެ.
މިކަމާ ގުޅިގެން ނާޒިމް ވިދާޅުވީ ރާއްޖެއަށް އޮތީ ހުރިހާ ދިމާއަކުން ވެސް ނުރައްކާ ކަމަށާއި ގައުމުގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށެވެ.
އަދި ސިޔާސަތުތައް ބަދަލުކުރުމަށް ލީޑާޝިޕަށް ކަމުވޮށިގެންވާ ބޭފުޅަކު އިޚުތިޔާރު ކުރަންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު ބަދަލު ކުރުން ނޫން ހައްލެއް މި ގައުމަކަށް ނެތެވެ.