ކްރެޑިޓް ސުވީސްގެ ލާލަޗުގައި ސަޢޫދީއަށްވެސް ލިބުނީ ލަނޑު

Loading

April 5, 2023
profile
Facebook
Twitter
WhatsApp

ކްރެޑިޓް ސުވީސްގެ ފުރަތަމަ އޮފީސް ސަޢޫދީ އެރޭބިޔާގެ ރިޔާޒުގައި  2021 ވަނައަހަރުގެ ކުރީކޮޅުގައި ހުޅުވުމާއިއެކު އެ ބޭންކުގެ މެދުއިރުމަތީގެ ވެރިޔާ ބުރުނޯ ޑޭހާރ ބުނެފައިވަނީ މިއީ އިތުރަށް ފުޅާކުރެވޭނެ މާރކެޓެއް ކަމަށެވެ.

ރިޔާޒުގެ މެދުތެރޭން ރަސްގެފާނު އަބްދުﷲ އާއި ރަސްގެފާނުފަހްދުގެ ނަންފުޅަށް ނިސްބަތްކުރެވޭ މަގުގެ ކަންމަތީގައި ހުޅުވުނު މި ބޭންކުން މުއްސަނދި ސަޢޫދީ އެރޭބިޔާއާއިއެކު ގުޅުންތައް އިތުރު އުސްމިންތަކަކަށް ގެންދާނެ ކަމަށް އުންމީދުތަކެއް ކުރެވުނެވެ.  

އެހެންނަމަވެސް އޭގެ ދެއަހަރު ފަހުން ފެނިގެން މިދަނީ މުޅި މަންޒަރު ބަދަލުވަމުންދާތަނެވެ. 167 އަހަރުގެ ދިގު ތާރީޚެއް އޮތް ކްރެޑިޓް ސުވީސްގެ އަރި އަޅާލުމުގައި ސައޫދީ އިންވެސްޓަރުންގެ ވަރަށްބޮޑު ދައުރެއް ޙިއްސާކުރާ ކަމަށް ތުޙުމަތު ކުރެއެވެ.

މިކަމުގެތެރޭގައި ސަޢޫދީއަކީ ދުނިޔޭގަ ބޭންކިންގް ނިޒާމް ފައިހަރުކޮށްލަން ކަމުދާ ތަނެއް ނޫންކަމަށް ބުނެ ސަޢޫދީން އެމީހުންގެ އަމިއްލަ އިންވެސްޓްމެންޓްތައް ހުއްޓުވާލުންވެސް ހިމެނެއެވެ.

ކްރެޑިޓް ސުވީސް 2005 ވަނައަހަރުއްސުރެން ސަޢޫދީގައި ހިންގަމުން ދެއެވެ. އެހެންނަމަވެސް އެ ބޭންކުގެ ޙަރަކާތްތައް ފުޅާކުރެވެންފެށީ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާގެ ބާރު ހިނގަންފެށުމުން ބޭރުގަ މާރކެޓަށް ސަޢޫދީ އެރޭބިޔާ ހުޅުވާލުމާ ގުޅިގެންނެވެ.

ސަޢޫދީ އެރޭބިޔާގެ މުއްސަދިންގެ ޑިޕޮޒިޓްތަކުން ކޮންމެވެސް މިންވަރަކަށް ޙިއްސާކުރުމުގެ ފުރުސަތު ހޯދަން ކްރެޑިޓް ސުވީސްއިން މަސައްކަތް ކުރަމުން ގެންދަނިކޮށް އެ ބޭންކުން ދެމުންގެންދާ ހުރިހާ ވަސީލަތަކަށް މަގުހުޅުވާލަދިން ލޯކަލް ބޭންކިން ލައިސެންސް 2019 ވަނައަހަރު ލިބުމުނެވެ.                                         

ކްރެޑިޓް ސުވީސްއިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމުގެ ބޭނުމުގައި އިތުރު ފައިސާ ބޭނުންވާތީ މަޝްހޫރު އިންވެސްޓްމެންޓް ބޭންކަރ އަދި ސިޓީބޭންކުގެ ކުރީގެ އެގްޒެކެޓިވް މައިކަލް ކްލޭން މެދުއިރުމައްޗަށް ފޮނުވިއެވެ. 

އޭނާ އެނބުރި ވަޑައިގަތީ ޒިއުރިކް ހިތްހަމަޖެހޭވަރުގެ ޗެކެއް ހިފައިގެންނެވެ. ސަޢޫދީ އެރޭބިޔާގެ ފަސްޓް ނޭޝަނަލް ބޭންކުގެ ޗެއަރމަން އަމްމާރު އަލްޚުދުރީ ސޮއިކުރައްވާފައިވާ 1.5 ބިލިއަން ޑޮލަރުގެ ޗެކެކެވެ.            

ސަޢޫދީ އެރޭބިޔާގެ ފަސްޓް ނޭޝަނަލް ބޭންކު އުފެދުނީ 2021 ވަނައަހަރުގައެވެ. އެއީ ސަޢޫދީ ކޮމާރޝަލް ބޭންކާއި ސަޢޫދީ ސަމްބާ ފައިނޭންޝަލް ގުރޫޕާ އެއްކޮށްލައިގެންނެވެ. ސަޢޫދީ ފަސްޓް ނޭޝަނަލް ބޭންކަކީ 250 ބިލިއަން ޑޮލަރުގެ ރައުސުލްމާލަކާއިއެކު ސަޢޫދީ އެރޭބިޔާގައި އެންމެ ގިނައިން ދަރަންޏަށް ފައިސާ ދޫކުރާ ބޭންކެވެ. ތުރުކީއާއި ޕާކިސްތާނުފަދަ ގައުމުތަކަށްވެސް އެބޭންކުން ދަރަނި ދީފައިވެއެވެ. 

މައިކަލް ކްލޭން އައުމުން އަލްޚުދުރީއަށް ހީފުޅުކުރެއްވުނީ ބައިނަލް އަގްވާމީ ބޭންކިންގ އަށް ރަނގަޅު މަގެއް ހުޅުވުނީ ކަމަށެވެ. އަދި ކްރެޑިޓް ސުވީސް އާއިއެކު މަސައްކަތް ކުރުމުން ސަޢޫދީއަށްވެސް ފައިދާކުރާނެ ކަމަށެވެ. ޙަގީގަތުގައި އަލް ޚުދުރީއަކީ އެމެރިކާގެ ޖޯޖްވޯޝިންގްޓަން ޔުނިވަރސިޓީގެ އިންޖިނިއަރިން ގްރޭޖްއޭޓެކެވެ.                       

ކްރެޑިޓްސުވީސްގެ ކާމިޔާބީ ފަހަކަށްއައިސް މާ ރަނގަޅުނޫން ކަމަށާއި ފަސްޓް ނޭޝަނަލް ބޭންކުން ފައިސާ ދިނުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށް މާލީ މުސްތަޝާރުންގެ ވިސްނުންފުޅު ފާޅުކުރެއްވިނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެތެރޭގައި ވަލީ އަޙުދު އަމުރުކުރެއްވީ 1.5 ބިލިއަން ޑޮލަރު ދިނުމަށެވެ. އަދިވަލީ އަޙުދުވެސް އުންމީދު ކުރެއްވީ އެ ބޭންކުގައި އިންވެސްޓް ކުރުމަކީ ބައިނަލް އަގްވާމީ ބޭންކިންގ އަށް ހުޅުވިގެންދާނެ ދޮރަކަށް ވާނެކަމަށެވެ. ކްރެޑިޓް ސުވީސް އަކީ ސަޢޫދީ ޝާހީ ޚާންދާނުގެ ހުރިހާ ފޮރުވުންތަކުގެ ޖަގަހަ ކަމަށްވެސްއޮންނަނީ އަޑު ފެތުރިފައެވެ.                                                  

އަލްޚުދުރީގެ ވިސްނުންފުޅުގައި ސަޢޫދީ އެރޭބިޔާއިން މިހާތަނަށް ގެންގުޅެމުން އައިސްފައިވަނީ ތަންކޮޅެއް ހަނި ވިސްނުމެކެވެ. އެހެންނަމަވެސް ތެލުން ލިބޭ ފައިސާ އެކިދިމަދިމާލުގައި އިންވެސްޓްކުރަން ފެށުމުން އެއީ ވަރަށް ރަނގަޅު ވިސްނުމެއްކަމަށް ވިދާޅުވެ އެބޭފުޅާވެސް އެކަމަށް ތައުރީފް ކުރެއްވިއެވެ. ނަމަވެސް އެބޭފުޅާއަށް ވިދާޅުވެވުނު ބަސްފުޅާމެދު މިހާރު ހިތާމަ ކުރައްވައެވެ.                                               

މި ހުސްވިމަހު ސިލިކޯން ވެލީ ބޭންކު ބަންދުކުރަން ޖެހުމާގުޅިގެން ކްރެޑިޓް ސުވީސްވެސް ހިމެނޭގޮތުގައި ބޭންކިންގ ސިސްޓަމް މިއޮތީ ގޮތް ނޭންގޭ ޙާލަތަށް ވެއްޓިފައެވެ. ކްރެޑިޓް ސުވީސްގެ ޙިއްސާގެ ބާޒާރުވެސް މިއޮތީ %70 އަށް ވެއްޓިފައެވެ.                                                            

ދާދިފަހުން އޮތް ބައްދަލުވުމެއްގެ ހަވާސާގައި އަލް ޚުދުރީ އަރިހުގައި އަދިވެސް ސަޢޫދީ ނޭޝަނަލް ބޭންކުން ކްރެޑިޓް ސުވީސް ނަގަހައްޓަން ފައިސާ ދީފާނަންތޯ ސުވާލު ދެންނެވުމުން އެއްވެސް ހިފޭއްޓުމެއްނެތި ވިދާޅުވީ “ ހަމަހިލާ ނުދޭނަމެވެ ”. މިހެންނެވެ. 

އެ ދެ ލަފްޒުން ކްރެޑިޓް ސުވޭސް އާއި އެބޭފުޅާގެ ކެރިއަރވެސް އަރިއަޅާލާފައިވާ މިންވަރު ރަނގަޅަށް ހާމަވެގެން ހިގައްޖެއެވެ. އެހެން ސީނިއަރ ބޭންކަރަކު ހާމަކޮށްފައިވާ ގޮތުގައި އޭނާ އުންމީދު ކޮށްގެންހުރީ ރަނގަޅު ހުށައެޅުމެއް ލިބިއްޖެނަމަ އެކަމާއި ދޭތެރޭ ވިސްނަވާނެ ކަމަށެވެ. މިކަހަލަ ޖަވާބެކެވެ. އެހެންނަމަވެސް އަލް ޚުދުރީގެ ޖަވާބުން އިތުރު އުންމީދެއްވެސް ނެތްކަން ވަރަށް ސާފުވެއްޖެއެވެ.

އަލް ޚުދުރީގެ ޖަވާބަށްފަހު މިވަގުތު އެހެންމަގެއް ފެންނާން ނެތުމާއެކު ކްރެޑިޓް ސުވީސް އިތުރަށް އަރިއަޅާލިޔަ ނުދީ ހިފޭއްޓުމުގެ ގޮތުން ސުވިޒަރލޭންޑުގެ ސަރުކާރުން އެހީތެރިކަމުގެ އަތެއް ދިއްކޮށް ވަގުތީގުތުން ޔުނިއަންބޭންކް އޮފް ސުވިޒަރލޭންޑުގެ ދަށަށް ކްރެޑިޓް ސުވޭސްއަށް މިވަނީ ގެނެސްފައެވެ. 

މިގޮތަށް ހަމަޖެއްސުމަށްފަހު ސުވިޒަރލޭންޑުގެ ބޭންކާއިބެހޭ ގާނޫނީ ފަރާތްތަކުން ކްރެޑީޓް ސުވީސްގެ ބެއެއް ބޮންޑް ހޯލްޑަރުންނަށް އެއްވެސް އެއްޗެއް ނުދޭގޮތަށް ނިންމައިފިއެވެ. 2008 ވަނަ އަހަރު ދިމާވި މާލީ މައްސަލަތަކާއި ގުޅިގެން ކްރެޑިޓް ސުވީސް އިން އުފެއްދި އޭ ޓީ 1 ( އެޑީޝަނަލް ޓިއަރ 1 ) ގެ ދަށުން ބޭންކަށް ލިބޭ ހުރިހާ ގެއްލުމެއް ބޮލުގައި އަޅަންޖެހޭނީ އިންވެސްޓަރުންނެވެ. ޝެއަރހޯލްޑަރުންނަށް ނިސްބަތުން ވަކިލާރިކޮޅެއް ލިބިދާނެއެވެ.                   

ސަޢޫދީ ނޭޝަނަލް ބޭންކުން އިންވެސްޓްކުރަން ދިންފައިސާއަށް މިވީގޮތުން ޝާހީ ޢާއިލާގެ މުއްސަނދިކަން ކުރިޔަތް އޮތް ތަނުގައި ސްވިޒަރލޭންޑުގެ ބޭންކުތަކަށް ހިނގައިދާނެ ކަމާއި ދޭތެރޭވެސް މިހާރު އޮތީ ސުވާލު އުފެދިފައެވެ.                                                             

ކޮންމެއަކަސް އަލްޚުދުރީގެ ވަޒީފާގެއްލި ނޭޝަނަލް ބޭންކުގެ ޗީފް އެގްޒެކެޓިވް ސަޢީދު މުހައްމަދު އަލް ޣަމްދީ އެމަގާމާއި ޙަވާލުވެވަޑައިގެންފިއެވެ. އަލްޚުދުރީގެ މުސްތަގްބަލް އެހާހިސާބުން ވަޅުލެވުނީއެވެ. އިންޖިނޭރަކަށް ބޭންކު ހިންގަން ހަވާލުކުރީމާ މިހެންވެދާނެއެވެ. އެހެންނަމަވެސް މިއީ ދިވެހިންގެ ސިޔާސަތުގައި އެންމެގިނައިން ކުރާކަންތަކެވެ.                                                          

އަލްޣަމްދީގެ އެންމެ ބޮޑު މަސްއޫލިއްޔަތު އަކަށްވާނީ ގެއްލިފައިވާ ބޭންކުގެ ޝުހުރަތު އިއާދަކުރުމެވެ. ހަމައެއާއެކު ވަލީއަޙުދު މުޙައްމަދު ބައްލަވަމުންގެންދަވަނީ މިހާ ނުރަނގަޅު ނިންމުމެއް ބޭންކުން ނިންމި ގޮތެއް ދިރާސާކުރުމަށެވެ.    

Loading

One Response

  1. އެހެންވީމާ ސުވިސްބޭންކުގައި ފައިސާ ބެހެއްޓީމާ ލަނޑުވެސް ލިބިދާނެތާ. ހުޅަނގުގެ މީހުން އެއްވެސް ކަމެއް އެޔޯ މެނަށް ގެއްލުން ވާގޮތަކަށް ނުކުރާނެ. އަހަރެމެންގެ ރާއްޖޭގައި ވަޒީފާ ލިބޭ މީހާއަށް އެވަޒީފާގައި ކުރަންޖެހޭ ކަންތަކުގެ އިލްމާއި ހިލްމު ދަސްވެފާއޮތުން ކޮންމެހެން ބޭނުމެއް ނުވާނެ. ބޮސް އަންގާގޮތަށް ކުރީމާ އޮންނާނީ ރަނގަޅަށް. ވަޒީފާގެ ބަޔާން ނިންމާލާއިރު އޮންނާނީ ބޮސް ގެކޮންމެ އެންގުމަކަށް ކިޔަމަން ވާންޖެހޭނެކަމަށް. އެހާހިސާބުން އެގެންޖެހޭނެ ބޮސް ނުރުހިއްޖެނަމަ ގުރުބާންކުރެވޭނެ ކަންބަޅިއަކީ އޭނާކަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް