އެމްއެންޕީގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި 4,000 އަށް ކުޑަ ކުރާނަން: ނާޒިމް

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކުލި 4,000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމުގައި އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް މިހެން ވިދާޅުވީ އެ ޕާޓީގެ ކްލަބްހައުސް އިވެންޓް ސިލްސިލާގެ ރޭގެ އެޕިސޯޑްގައި އިވެންޓުގެ ބައިވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި މިހާރު ދައްކަންޖެހެނީ މަހަކު 7500 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއާއެކު އެކު ޖުމްލަ 8500 ރުފިޔާއެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 4000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމަށެވެ. އެ ގޮތުން ހިޔާ ފްލެޓް ހެދުމަށް ނަގާފައިވާ ލޯން ރީސްޓްރަކްޗާ ކުރައްވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދެވަނަ ފިޔަވަހީގައި 7000 ފުލެޓު އިމާރާތް ކުރިއިރު, އެމަނިކުފާނުގެ ދައުރު ނިމުނުއިރު އެ ތަންތަނުގެ ގިނަ މަސައްކަތްތައް ހުރީ ނިންމައިފައެވެ. އެ ސަރުކާރުން އޭރު ކަނޑައެޅީ ފުލެޓުތަކުގެ ކުލީގެ ގޮތުގައި މަހަކު 5600 ރުފިޔާ ނަގާ ގޮތަށެވެ.

ދާދިމިދާކަށް ދުވަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފުލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަރަކާތްތެރިވާ ”ހިޔާ ރައްޔިތުންގެ ގުޅުން“ ހަރަކާތާ ބައްދަލުކުރައްވައި ރައީސް ޞާލިޙް ވަނީ ފުލެޓުތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ތިން ގޮތެއް ފާހަގަކުރައްވައިފައެވެ.

އެ ތިން ގޮތަކީ:

1.ކުލި ދައްކަން ޖެހިފައި އޮތް މުއްދަތަށް ބަލައި ކުލި ކުޑަކޮށް ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރުން.

2.ކުލި ދެއްކުމަށް ދަތިވާ މީހުން ބަލައި ދައުލަތުން އެފަދަ ފަރާތްތަކަށް ސަބްސިޑީއެއް ދިނުން.

3.ހިޔާ ފުލެޓްތަކުގެ އެންމެންގެ ކުލި އެއް އަދަދަކަށް ކުޑަކުރުން.

ދެމަހެއްހައި ދުވަސްތެރޭ އުފާވެރި ޖަވާބެއް ދެއްވާނެކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ފޮޓޯ: އެމްއެންޕީ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް