މެދުއިރުމަތީގައި އެމެރިކާއިން އަދާކުރަމުން ގެންދިޔަ ބާރުގަދަ ދައުރުގެ ހުޅުތަކުގައި ދަބަރުޖަހަން ފެށުމާއިއެކު ޗައިނާއާއި ރަޝިޔާއިން އުފައްދާފައިވާ ހުޅަނގުގެ ނުފޫޒުން އެއްކިބާވުމުގެ ޖަމާއަތް ޝެންހާއި ކޯޕަރޭޝަން އޯރގަނައިޒޭޝަންގައި ބައިވެރިވުމަށް ސަޢޫދީ އެރޭބިޔާ އިންވެސް ގަސްދުކޮށްފިއެވެ.
ސަޢޫދީ ސްޓޭޓް ނިއުސް އޭޖެންސީން ކަށަވަރުކޮށް ދީފައިވާ ގޮތުގައި އެ ޖަމާއަތުގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ “ ޑައިލޮގް ޕާރޓްނަރ “ އަކަށް ވުމަށް ސަޢޫދީ ވަޒީރުންގެ މަޖިލީހުން ވަނީ ސަރުކާރަށް ހުއްދަ ދީފައެވެ. 2001 ވަނަ އަހަރު ޗައިނާއާއި ރަޝިޔާގެ އިސްނެގުމާއެކު އުފެދުނު މި ޖަމާއަތް މިހާރު ވަނީ ސިޔާސީ އަދި ސެކިއުރިޓީ ޖަމާޢަތެއްގެ ގޮތުގައި ކުރީގެ ސޮވިއެޓް ޔުނިއަންގެ ބައެއް ގައުމުތަކާއި އަދި އިންޑިއާ ޕާކިސްތާނަށް ވެސް ފެތުރިފައެވެ.
އީރާނަށްވެސް މިދިޔަ އަހަރު އެ ޖަމާއަތުގެ ފުރިހަމަ މެމްބަރުކަން ވަނީ ލިބިފައެވެ. އެޖަމާއަތުގެ މަގްސަދަކީ އެ ގައުމުތަކުން ހުޅަނގުގެ ނުފޫޒު ބޭރުކުރުމެވެ. އެހެންނަމަވެސް އެ ޖަމާޢަތަކީ އަދި ނޭޓޯ ފަދައިން މިލިޓްރީ ގޮތުން އެއްބައިވަންތަ ޖަމާއަތެއް ނޫނެވެ.
ޝެންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަނުން ކޮންމެ އަހަރަކު އެއްފަހަރު ގައުމުތަކުގެ އިސްވެރިން ބައްދަލުވެ ބައިވެރިންގެ މެދުގައި ގުޅިފައިވާ އިގްތިސާދަކާއި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް މަގު އަމާންކުރެވިދާނެ ގޮތްތަކާ ދޭތެރޭ މަޝްވަރާ ކުރަމުން ގެންދެއެވެ.
އޭގެ ތެރޭގައި ހައްދު ފަހަނަޅާ ދިޔުމާއި ޓެރަރިޒަމްގެ ޙަރަކާތްތަކަށް ވަރަށް ޚާއްސަ ސަމާލުކަމެއް ލިބިގެން ދެއެވެ. މިއަހަރު އޯގަސްޓްމަހު ރަޝިޔާގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ ބައްދަލުވުމަށް ޓެރަރިޒަމާއި ދެކޮޅަށް ގުޅިފައިވާ ޕްލޭނެއް އެކުލަވާލުމާމެދު ގައުމުތަކުން ގެންދަނީ ވިސްނަމުންނެވެ.
ސަޢޫދީއާއި އީރާނުގެ ސުލްޙަ ގާއިމް ކުރުމަށްޓަކައި އިރާގާއި އުމާނުންވެސް ވަރަށް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންނަމަވެސް ސުލްޙައިގެ އެއްބަސްވުމުގައި ސިއްކަޖެހިގެން ދިޔައީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވަރަށްބޮޑު ޙިއްސާއަކާއި އެކުގައިކަމަށް ސަޢޫދީންވެސް ފާހަގަކުރެއެވެ.
މެދު އިރުމަތީގައި ޗައިނާގެ ނުފޫޒު ގަދަކުރެވެމުންދާތީ އެމެރިކާގެ ރައީސް ބައިޑަން މިހާރު ވިސްނަވަނީ އެމެރިކާގެ ނުފޫޒު އެހެން ދިމަދިމާލަށް އަމާޒުކުރުމަށެވެ. އެމެރިކާއަކީ މިހާތަނަށް ސަޢޫދީ އެރޭބިޔާގެ އެންމެ ގާތް ބައިވެރިޔާއެވެ. އެހެންނަމަވެސް ފަހަކަށްއައިސް އެ ގުޅުމުގައި އަޅަމުންދިޔަ ރެނދުތައް ފުޅާވަމުން ދިއުމާއެކު ސަރަޙައްދުގެ އެހެން ގައުމުތަކުގައިވެސް އެމެރިކާއާއި ދުރަށް ޖެހުމުގެ ވިސްނުމެއް ދަނީ އަށަގަންނަމުންނެވެ.
މިދިޔަ އަންގާރަދުވަހު ރައީސް ޝީއާއި ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނުގެ ފޯންކޯލްގައިވެސް އެ ސަރަޙައްދުގެ ޢަމަން އަމާންކަމާއި ހަމަޖެހުން ގާއިމްކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރިއަށް އޮތްތަނުގައިވެސް ކޮށްދެއްވާނެ ކަމަށް ރައީސް ޝީ ވަލީއަޙްދު މުޙައްމަދު އަރިހުގައި ދަންނަވާފައިވެއެވެ.
އީރާނާއި ސަޢޫދީ އެރޭބިޔާގެ ސުލްޙައަށް ތިންހަފްތާވެސް ނުވަނީސް އީރާނުންވެސް ބައިވެރިވާ ޝެންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގައި ސަޢޫދީންވެސް ބައިވެރިވާން ނިންމުމާއިމެދު އެ ޖަމާޢަތުން މަރުޙަބާ ކިޔަމުން އެބަ ގެންދެއެވެ.