އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު ރައީސް ޔާމީން ޢަބްދުލްްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ކުރަމުން އަންނަ މުޒާހަރާތައް ހުއްޓައިނުލާނެ ކަމަށާއި މުޒާހިރީން ގެއަށް ވަންނާނީ ރައީސް ޔާމީނާއެކު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޖަލަށް ގެންދިޔަތާ މިއަދަށް 94 ދުވަސްވެފައިވާއިރު, އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ކޮންމެ ރެއަކު ވެސް އަންނަނީ އެތައް ބަަޔަކު ހައްޔަރު ކުރަމުންނެވެ.
އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅުގެ މުޒާހަރާތަކުގައި މިހާތަނަށް ފުލުހުން 130 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މުޒާހަރާ ކުރާ މީހުން ތިބީ އެއްވެސް ޖެހިލުމެއްނެތި ވަރަށް ސާބިތުކަމާއެކު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން މިނިވަން ކުރުމަށް މުޒާހަރާ މީހުން ގެއަށް ވަންނާނީ ރައީސް ޔާމީނާއެކު ކަމަށާއި ކުރިމަގު ފެންނަނީ ވަރަށް ވެސް އުޖާލާކޮށް ކަމަށެވެ.
“ޕީޕީއެމް ސަޕޯޓަރުން އުންމީދު އާކުރައްވާ. ރައީސް ޔާމީން މިނިވަން ކުރުމަށް މުޒާހަރާކުރާ މީހުން ގެއަށް ވަންނާނީ ރައީސް ޔާމީނާއެކު. މިހާތަނަށް 130 އަށްވުރެ ގިނަ ސަޕޯޓަރުން, ފުލުހުން ހައްޔަރުކޮށްފައިވޭ. އެކަމަކު ޖެހިލުންވުމެއް ނެތި މުޒާހަރާކުރާ މީހުން ތިބީ ސާބިތުކަމާއެކު. ކުރިމަގު ފެންނަނީ އުޖާލާކޮށް.“ ޝަރީފް ކުރެއްވި ޓުވީޓުގައި ވެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޚިޔާނާތް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ނިންމަވައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައިި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އެ މައްސަލަ އަދި ބަލައެއް ނުގަނެއެވެ.
ފޮޓޯ: ދެން