ސިއްޙީ ޚިދުމަތުގެ ތެރެއަށް ސަރުކާރުގެ ސިޔާސީ ނަހަލާލު ގުޅުން

Loading

Facebook
Twitter
WhatsApp

ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި މި ގެނެސްދެނީ އެމެރިކާގައި ސިއްޙީޚިދުމަތާއިއެކު ގާއިމް ކުރެވިފައިވާ ސަރުކާރުގެ ސިޔާސަތުގެ ނަހަލާލު ގުޅުމުގެ ސަބަބުން މެދުވެރިވަމުންދާ ޙާލަތާމެދު އެމެރިކާގެ މަޝްހޫރު ބައެއް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށް ބައިނަލް އަގްވާމީ މީޑިއާގައި ހިންގަމުންގެންދާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ގެނެސްދޭ މަޢުލޫމާތުން އެތި އެތި ކޮޅެވެ. 

އެމެރިކާގައި ހިނގާ ކަމަކާއި އަހަރެމެންނަކާ ކޮން ގުޅުމެއްހޭއޮތީ ފަހަރެއްގައި ބައެއްކިއުންތެރިންގެ ހިތަށް އަރާފާނެއެވެ. އެކަމަކު އެމެރިކާގައި ހިނގާ ކޮންމެ ކަމަކުން މުޅި ދުނިޔެއަށް އޭގެ އަސަރު ފޯރަމުންދާކަން ގަބޫލުކުރަން ޖެހެއެވެ. މައިސޯބު އެނބުރޭ ގޮތަކަށް ނޫނީ ކުދި ސޯބުތަކަކަށް ނޭބުރެވޭނެއެވެ. އެހެންނޫނީ ފުށްތައް ދާނީ ކޮށައިގެންނެވެ. 

އަޅުގަނޑުމެންގެ ތެރޭގައިވެސް ސިއްޙަތާއި ގުޅޭ ޚިދުމަތްތަކުގައި ސަރުކާރުގެ ސިޔާސީ ނަހަލާލު ގުޅުން އުފެދުމުގެ ސަބަބުން ރައްޔިތުން އެ ޚިދުމަތްތަކުން ބިކާރީވެ ތުންބުރިކާޅުގެ ޙާލަތަށް މިއޮތީ ވެއްޓިފައެވެ. މައުޟޫއަކީ އެ ވާހަކަ ދެއްކުމެއްނޫނެވެ. އެހެންނަމަވެސް މިވާބަތުގެ ކޮންމެ ލިއުމެއް ފެންނައިރު ނުވަތަ ވާހަކައެއް އަޑު އިވޭއިރު އަމިއްލަޙާލަތު ތަސައްވުރު ނުވެ ނުދާނެއެވެ.                                              

އެމެރިކާގެ މަޝްހޫރު ނެޗްރޯޕަތިކް ޑޮކްޓަރ ޕީޓަރ ގްލައިޑްންގެ ތަގްރީރުގައި އަލިއަޅުވާލާފައިވާ ބައެއް ނުކުތާތަކަށް ޚުލާސާ ގޮތެއްގައި އަލިއަޅުވާލެވޭތޯ ބަލާނަމެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އިންސާނުންނަށް މެދުވެރިވާ ބަލިމަޑުކަމާއި އެކަމުން ސަލަމާތްވުމުގައި އިންސާނުންގެ އަމިއްލަ ހިއްސާ ވަރަށް ބޮޑެވެ. 

އޭނާ މިސާލު ނަންގަވާފައިވަނީ 1900 ގެ ކުރީކޮޅުންފެށިގެން އެމެރިކާ ސިއްޙީ ޙާލަތުގެ މައްޗަށް ކުރެއްވި ދިރާސާ ތަކުންނެވެ. އެ ދިރާސާ ތަކުން އެނގި ސާފުވެގެން ދިޔަކަމަށް އޭނާގެ ޓީމުން ހާމަކޮށްފައިވާ ގޮތުގައި އެދުވަސްވަރު އެމެރިކާގެ ރައްޔިތުންގެ ސިއްޙީ ޙާލަތު މިޒަމާނަށް އަޅާކިޔާއިރު މާރަނގަޅުކަމަށް ބެލެވެއެވެ.

ބޭސް ސިޓީއަށް ބޭސްނަގައިގެން އެ އިން ބަލި ރަނގަޅުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެދުވަސްވަރުގެ މީހުންގެ އާދައަކަށް ވެފާއޮތީ ދިރިއުޅުމުގެ އާދަކާދަތައް ހަށިގަނޑަށް ފައިދާހުރި ގޮތްތަކަށް އަށަގެންނެވުމެވެ.

ނަމަވެސް އެދުވަސްވަރުގެ ހޭލުންތެރިކަން ހުރިމިންވަރުން މަހުޖަނުންގެ ބައިވެރިވުމާއިއެކު މާކަސް ވެލްބީ ކިޔާމީހަކު ޑޮކްޓަރީ ބޭހުގެ ފައިދާއަށް ވަކާލާތު ކުރަމުން ގެންދިއުން ވަރަށް ގަދަޔަށް ވައިގާ ހިފައިފިއެވެ. 

ފުރުސަތުގެ ބޭނުން ކޮށްގެން 1915 އިން 1920 އާ ހަމަޔަށް ކާރނަގީ ކޯރޕަރޭޝަނުން ޚަރަދުކޮށްގެން މުޅި އެމެރިކާގެ ކަންކޮޅުތަކުގައި ހުރި ޑޮކްޓަރީ ބޭސް ފިހާރަތަކާއި ޑޮކްޓަރުން ބިނާ ކުރަމުންގެންދިޔަ ސްކޫލްތަކުގެ ތަފްސީލު ލިސްޓެއް އަބްރަހަމް ފްލެކްސަނަރ ކިޔާމީހަކު ލައްވާ ތައްޔާރުކޮށް އެމެރިކާގެ ސިއްޙީ ޙާލަތު ދެނެގަނެ ކާރނެގީ ކޯޕަރޭޝަނާއި މަހުޖަނު ރޮކްފެލަރގެ ހިލޭ އެހީގައި ސްކޫލްތަކާއި ބޭސް ފިހާރަތައް ތަރައްގީ ކުރުން މެކުހަށް ޖަހާލިއެވެ. 

ކާރނެގީ ކޯޕަރޭޝަނަކީ އެޒަމާނުގައި އެމެރިކާގައި ޑޮކްޓަރީ ބޭސް އުފެއްދުމުގައި އެންމެ މަޝްހޫރު ކުންފުންޏެވެ. ދެން އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ މެޑިކަލް އިންޝޫރެންސް ތައާރުފް ކުރެވިގެން ހިނގައްޖެއެވެ. ތެދުތެދަށް ބުނާނަމަ އެޒަމާނުގައި އެމެރިކާގެ ޢާންމު ރައްޔިތުންނަށް ޑޮކްޓަރީ ބޭހުން މިކުރާ ކަމަކާއި މެޑިކަލް އިންޝޫރެންސަކީ ކޮބައިކަން ރަނގަޅަށް އޮޅުންފިލައެކޭ ނުބުނެވޭނެއެވެ. 

ޑޮކްޓަރީ ބޭހުންކުރާ ކަމަކީ ހަށިގަނޑުގައި ގުދުރަތުން ލައްވާފައިހުރި ބަލިތަކުން ދިފާއު ވުމުގެ ނިޒާމް ބަލިކަށިކޮށްލައި ޑޮކްޓަރީ ބޭހުގައި އެކުލެވޭ ކެމިކަލް ތަކަށް ހަށިގަނޑު ހާނުވާލަނީއެވެ. ދުވަސްކޮޅަކުން ބޭހާއި ނުލައި ދިރިނޫޅެވޭ ހިސާބަށް ޙާލަތު ބަދަލުވެގެންދަނީއެވެ. 

އިންޝޫރެންސް ނިޒާމްގެ ބޭނުމަކަށް ވެފާ އޮންނަނީ ބޭސްކޮށްގެންނޫނީ ދިރިނުހުރެވޭ މިންވަރަށް އިންސާނާ ބަލިވެގެންދާނެ ދުވަސް އެބަ އަންނަކަން މާކުރިއްސުރެން ބޮލަށް ވައްދާދިނުމެވެ. އެކަމަށްޓަކައި އަތުގައިހުރ ފައިސާކޮޅުން ބައެއް އިންޝޫރެންސް ކުންފުނިތަކަށް ދައްކަމުން ގެންދަނީއެވެ. 

ސަރުކާރުގެ ސިއްޙީ ނިޒާމު އެކުލަވާލާފައި އޮންނަނީ ޑޮކްޓަރުން ބިނާކުރުމާއި ތަފާތު ވައްތަރުގެ ޑޮކްޓަރީ ބޭސް ތައްޔާރުކުރާ ކުންފުނިތަކަށް އެކި ސިފަ ސިފައިގާ މަގު އަމާން ކޮށްދިނުމެވެ. އިތުރު ޓެކްސް ފައިސާގެ ދަހިވެތި ކަމުގައެވެ. މުއްސަނދިން މުއްސަނދި ކުރުމުގެ އަމާޒުގައެވެ. މުއްސަނދިންގެ ތައްޕާހުން ވެރިކަން ކަށަވަރުކުރުމުގެ އަމާޒަށް ދަތުރު ކުރުމަށްޓަކައެވެ.           

އިންސާނުންނަށް އެމީހުންގެ ސިއްޙަތަށް މެދުވެރިވާ ނުރަނގަޅު ޙާލަތުތައް ދެނެގަތުން ވަރަށް ވެސް ބޭނުމެވެ. އެކްސްރޭއާއި ސްކޭނިންގ ފަދަ ވަސީލަތްތަކަކީ ކޮންމެހެންވެސް ބޭނުން ވަސީލަތްތަކެކެވެ. 

އެކަމަކު ޑޮކްޓަރީ ބޭހުގެ ބަދަލުގައި ކެއިންބުއިމާއި ހެލިފެލިވެ އުޅުން ރަނގަޅު އާދައެއްގެ މައްޗަށް ބިނާކުރެވިއްޖެނަމަ ޑޮކްޓަރީ ބޭހުގެ މުހިންމުކަން އެތައްގުނައަކަށް ކުޑަވެގެން ދާނެއެވެ. ޑޮކްޓަރީ ބޭހާއި ނުލާ ސަލާމަތް ސިއްޙަތެއްގައި ދިރިއުޅުމަކީ ޙަގީގަތަކަށް ވެގެން ދާނެއެވެ. 

މިސާލެއްގެ ގޮތުން ކިތަންމެ މޮޅު ކާރަކަށްވިޔަސް އެއަށް އަޅަން ޖެހޭ ތެލުގެ ބަދަލުގައި އެހެން ތެލެއް އަޅައިގެން ދުއްވަން ފަށައިފިނަމަ ހަލާކުވެގެންދާނީ ކާރުކަން ގަބޫލުކުރަން ޖެހޭނެއެވެ. 

ކިތަންމެ ރަހަމީރުކޮށް ތައްޔާރުކޮށްފާހުރި ކާނާއަކަށްވިޔަސް އިންސާނާގެ ހަށިގަނޑަށް ގެއްލުންދޭ މާއްދާތަކެއް އެކުލެވިފައިވާނަމަ ނަތީޖާއަކީ ހަށިގަނޑު ހަލާކުވުމެވެ. މިޒަމާނުގައި ލިބެންހުރި ގިނަ ކާތަކެއްޗަކީ އެއިން ހަށިގަނޑަށް ގިނަ ގެއްލުންތަކެއް ފޯރުކޮށްދޭ ކާނާތަކެކެވެ. 

ގުދުރަތީގޮތުން އުފެދޭ ކާނާތަކަށްވެސް މިހުންނަނީ އިންސާނުންގެ ސިއްޙަތަށް ގެއްލުން ލިބިދޭ ގިނަ މާއަދާތަކެއްގެ ބޭނުން ކޮށްފައެވެ.                    

މިހުރިހާ ކަމަކާއި ރޭވުންތަކުގެ އާޚިރު ނަތިޖާއާ ދޭތެރޭ ވިސްނާ ފިކުރު ކުރާ މީހުން އަދިވެސް ވަރަށް މަދުކަން ހިތާމައާއެކު ފާހަގަކުރެވެއެވެ. 

ހަމައެކަނި އެމެރިކާއަށް ބަލާލިއަސް އެމެރިކާގައި ނިސްބަތުން ތިންވަނައަށް އެންމެ ގިނަ މީހުންމަރުވަނީ ޑޮކްޓަރުންދޭ ބޭސް ސިޓީގައި ހުންނަ ބޭސް ބޭނުންކުރުމުންނެވެ. އެމެރިކާގެ ސިއްޙަތާ ބެހޭ ރަސްމީ އިދާރާއިން ހާމަކޮށްފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު ޑޮކްޓަރުންދޭ ބޭހުގެ ސަބަބުން މަހެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި ފަނަރަހާސްމީހުން އެމެރިކާގައި މަރުވެއެވެ. 

ދެތިން މީހަކުވެގެން ވޯލްޑް ޓްރޭޑް ސެންޓަރަށް ޙަމަލާދިނުމުން ތިންހާސް ފަސްސަތޭކަ މީހުން މަރުވީމާ އެމީހުންނާ ގުޅުން ހުރިކަމަށް ޝައްކުކުރެވޭ ގައުމަކަށް އެމެރިކާއިން ހަނގުރާމަ ޢިއުލާންކޮށް އެތައް ހާސްމީހުންނެއް މަރާލެވި އެ ގައުމު ވީރާނާ ކޮށްލެވުނެވެ. 

މަރުވި މީހުންނަށް އިންސާފު ހޯދާދިނުމުގެ ނަމުގައެވެ. އެކަމަކު ޑޮކްޓަރުންގެ ބޭސް ސިޓީއަށް ލިބޭ ބޭސް ބޭނުން ކޮށްގެން މަހަކު ފަނަރަ ހާސްމީހުންނަށްވުރެން ގިނައިން މަރާލެވޭއިރު އެއްވެސް ޑޮކްޓަރަކު ޖަލަކަށް ނުލެވެއެވެ. އިންސާފުގެ ވާހަކައެއް ނުދައްކައެވެ. ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާއެކު ސަރުކާރުން ގާއިމްކޮށްފާ އޮންނަ ނަހަލާލު ގުޅުމުގެ ސަބަބުން އެމީހުންގެ މަރު ސާބިތު ކުރުމަކީވެސް ކުރަން ނުޖެހޭ ކަމަކަށް ވެގެންދަނީއެވެ.

މިއީ ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާކަމަށް ބުނާ ގައުމުގެ ސިއްޙީހާލަތު އޮތް ގޮތެވެ. މިފަދަ ލިއުންތައް މީޑިއާއިން ފެނުމުން އަޅުގަނޑުމެންގެ ގައުމުގެ ޙާލަތާދޭތެރޭ އެތައް ހާސްފަހަރަކު ވިސްނާލަން ޖެހެއެވެ. 

އާސަންދައިން ފައިސާ ލިބޭތީ ޑޮކްޓަރުންގެ ބޭސް ސިޓީތައް ދިގުކަމުން ލިބޭ ބޭސް ބޭނުންކުރުމުގެ ކުރިން ދެވަނަފަހަރަކަށް ވިސްނާލަން ޖެހެއެވެ. ޑޮކްޓަރަށް މުސާރަ ލިބެއެވެ. ހޮސްޕިޓަލަށް ފައިސާ ލިބެއެވެ. އާސަންދަ ހުސްވުމާއި ބަލިމީހާގެ ނޭވާ ހުސްވުމަކީ އެމީހުން ވިސްނަން ޖެހޭކަމަކަށް ނުވެއެވެ. އަދި ރައްޔަތުންގެ ޓެކްސްފައިސާތައް އެއްވެސް ޖެހިލުމެއް ފިކުރެއްނެތި ނަހަލާލުގޮތުގައި އިޝްރާފްކޮށް ބޮޑުތަނުން ޚިޔާނާތްތެރި ވެވޭނެމަގު މިވަނީ ފަހިކޮށްެދެވިފައެވެ.                                       

Loading

One Response

  1. ރަނގަޅު ވާހަކައެކެވެ. ޑޮކްޓަރަށް ދެއްކުމުން ލިބޭ ބޭސް ސިޓީ ވަރަށް ދިގެވެ. ފާމަސީއަށާއި ހޮސްޕިޓަލަށް އާސައިންދައިން ފައިސާ ލިބޭނެއެވެ. މިސާލަކަށް އެ ބޭސްސިޓީން ބައެއްބޭސް ނަގަން ބޭނުން ނުވީއެވެ. އެކަމަކު ފާމަސީގެ ކޮމްޕިއުޓަރުން ހުރިހާ ބޭސް ދިންކަމަށް އެންޓަރ ކޮށްފިނަމަ ތަފާތަކީ ކޯބާހެއްޔެވެ ؟ ހަމަ ފައިސާ ލިބޭނެއެވެ. އެއްވެސް މީހަކުގެ ބޭސްސިޓީ އާސަންދައަކަށް ނުފޮނުވާނެއެވެ. އިއްޒަތްތެރިންވާހަކަ އަޅުގަނޑު ހަނދާންކުރާކަށް ބޭނުމެއް ނޫނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް