ހެޔޮވެރިކަމެއް ޤާއިމު ކުރެވޭނީ ފާޑުކިޔައިގެން

Loading

Facebook
Twitter
WhatsApp

ހެޔޮވެރިކަމެއް ކުރަން މިލިބުނު ފުރުޞަތުގައި މިއަދުގެ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް އަޅަންޖެހިފައިވަނީ ނުހަނު ވިސްނައިގެނެވެ. ސަރުކާރެއް ހިންގުމަށް މިލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ރަނގަޅަށް ހިންދެމިލާނެ ފުރުޞަތެއް ނުދިނުމަށް އަޒުމު ކަނޑައަޅައިގެން ތިބި މީހުން ފާރަވެރިކަމާއެކު އެބަތިއްބެވެ. އަދި ކިއެއްތަ، ޕާޓީގެ އެތެރެއިންވެސްމެއެވެ.  

މިއަދު ރައީސްކަމުގައި ހުންނެވި އިބްރާހިމް އަށް ދިމާވެފައިވާ ގޮންޖެހުންތައް ނުހަނު ގިނައެވެ. ރައީސް ބޭނުންވެ ލައްވާހާ ގޮތަކަށް ވެރިކަން ކުރުމަށް ފުރުޞަތު ދިނުމަށްވުރެ ބޮޑަށް މިވެރިކަން ވާންޖެހޭނީ ރައްޔިތުން ބޭނުންވާފަދައިން ކުރާ ވެރިކަމެއް ކަމުގައެވެ.ދެރައީ އެހެން ނުވިކަމެވެ. އިންޑިއާގެ ފަރސްޓް ޕޮލިސީ ދިވެހީންނަށް ތަންފީޒް ކުރައްވަން ޖެހުމާއި ވަޢުދުނާމާގައި ނުހިމެނީ ކޯލިޝަނެއް ހިންގެވުމަށް މަސައްކަތް ކުރެވުނީއެވެ. ނަތީޖާ ވަރަށް ސާފެވެ! 

އެހެންކަމުން މިއަދުގެ ސަރުކާރުން ނިންމާ ކޮންމެ ނިންމުމަމަކަށް އާދެ، ލައްބަ ކިޔާބޯޖެހުމަށްވުރެ ބޮޑަށް ސަރުކާރުން ނިންމާ ނިންމުންތަކަށް ބިނާކުރުވަނިވި ފާޑުކިޔުމަކީ މުހިންމު ކަމެކެވެ. ވެރިކަމުގައި ހުންނެވީ ކޮންމެ ޕާޓީއެއްގެ ކޮންމެ ބޭފުޅެއްނަމަވެސް އަދި އެއިރެއްގައި އޮތް ސަރުކާރަކީ ކޮންމެ ޕާޓީއަކަށް ނިސްބަތްވާ ސަރުކާރެއް ނަމަވެސް ވެރިކަންކުރަނީ މުޅި ރައްޔިތުންނަށް ފައިދާހުރި ގޮތްތަކަށް ކަމުގައި ވާންޖެހޭނެއެވެ. 

އެހެންކަމުން އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ މައްޗަށް ހެޔޮވެރިކަމެއް ކުރުމަށް މިލިބުނު ފުރުޞަތުގައި ވާނެ އެއްޗެއް ވަންދެން ބަލަން ނުތިބެ އަޅަމުން ދާ ފިޔަވަޅުތަކާއިމެދު ސަމާލުވެ ޚިޔާލު ބަދަލުކޮށް، ޚިޔާލު ފާޅުކޮށް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

މިއަދުގެ ސަރުކާރަށް އިޙުތިރާމް ކުރަމުން މިހާރުވެސް ވިސްނަވާލަން ޖެހޭ ބައެއްކަންކަން ހުރިކަމަށް ޚުދު އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެހެން ކަމުން އަޅުގަނޑުގެ މި ވާޖިބު އަދާކުރުމަށް އަވަސްވެގަންނަމެވެ.

މިޤައުމުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބި އެންމެ ހީވާގި ސިވިލް ސަރވިސްގެ މުއައްޒަފުނަށް ނުހަނު ކުޑަކުޑަ މުސާރައެއް ލިބިދޭއިރު ސިޔާސީ މާޤާމްތަކަށް ބޮޑެތި މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެން ހަމަ މިހާރުވެސް ދަނީއެވެ. ސިވިލް ސަރވިސް ކޮމިޝަނުން މިއަދުގެ ސަރުކާރަށް ސިވިލް ސަރވިސް މުއައްޒަފުންގެ ފަރާތުން ފުރިހަމަ ޢިތުބާރާ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އަރުވަމުންދާއިރު، މިދެންނެވި މުޢައްޒަފުންގެ ޚިޔާލަކީ ކޮބައިކަންވެސް އެނގިވަޑައި ނުގަންނަވާނެއެވެ. އަދި ސިވިލް ސަރވިސްގައި ތިއްބެވި މުއައްޒަފުންނާއިމެދު ވިސްނަވާ އެ މުއައްޒަފުންގެ މުސާރަޔާއި ޢިނާޔަތްތަކާމެދު ކޮންމެވެސް ރަނގަޅު އުޞޫލުތަކެއް އަވަހަށް ހަމަޖައްސަވާދެއްވަން އެބަޖެހެއެވެ.

ރައީސް އިބޫ ވެރިކަމަށް އައުމަށް ދެއްކެވި އެންމެ ފާހަގަކޮށްލެވޭ ވާހަކަޔަކީ ކުރީސަރުކާރުގައި ކޯޑިނޭޓަރުންގެ މައްޗަށް ކޯޑިނޭޓަރުންނޭކިޔާ އުފައްދާފައިވާ ބުރަބޮޑު ޚަރަދުބޮޑޫ ސިޔާސީ މަގާމުތަކުގެ ވާހަކައެވެ. ސިވިލް ސާރވަންޓުން ފުރިހަމަޔަށް ބޭނުން ކުރައްވައިގެން ހެޔޮވެރިކަމެއް ކުރެއްވޭނެ ވާހަކަތަކެވެ. މިވީ ކީއްތޯއެވެ. ބަހާ ޢަމަލަކާ ދިމައެއް ނުވިއެވެ. ހިތާމައިގެ ކޮޅެއްނެތެވެ.

މިއަދުގެ ހެޔޮވެރިކަމުގައި ރަައްޔަތުން އަތުންނެގޭ ޓެކްސް ބޮޑުކުރަމުންދާ ދިއުމަކީ އެކަމާއި އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ނިންމުމެކެވެ. އެހެން ދަންނަވާ ސަބަބުތަކަކީ މިކަމުގެ ސަބަބުން ދިމާވާ ނުރަނގަޅު ކަންތަކާއި މެދުގައެވެ. 

ދިވެހި ދަނޑުވެރިންނަކީ މުރާލިކަމާއެކު ބުރަ މަސައްކަތްތަކެއް ޤައުމަށްޓަކައި ކުރަމުންގެންދާބައެކަން ހަނދާން ކުރަންޖެހެއެވެ. ވޭތުވެ ދިޔަ 30އަހަރުގެ ދިގު ވެރިކަމުގައިވެސް ދަނޑުވެރިންނާއިމެދު އެކަށިގެންވާ އަޅާލުމެއް ދެވިފައި ނެތްކަން ހަނދާންކުރަމެވެ. ނުހަނު ދަތިތަކާއި އެކުވެސް މިއަދު ދިވެހި ދަނޑުވެރިންވަނީ  މި ޤައުމަކީ ތަފާތު މޭވާ، ތަރުކާރީ އާއި ފަތްޕިލާވެލި ހެއްދިދާނެކަން ދައްކުވައި ދީފައެވެ. އެހެންނަމެވެސް އެބައިމީހުން މިކަމަށްޓަކައި ކުރަންޖެހޭ ހޭދަ ބޮޑުކަމާއި މަސައްކަތުގެ ބުރަކަމާއި އެއްވަރުގެ އާމްދަނީއެއް ނުލިބޭތާ އެމީހުން ހައްދަމުންދާ ބާވަތްތަކަށް ރަނަގަޅު މާކެޓް އެއް ހޯދޭނެ ގޮތެއް އަދިވެސް ތަނަވަސްވެފައި ނެތްކަމަކީ ޙަޤީޤަތެކެވެ. އިތުރު ޓެކްސްގެ ސަބަބުން ޖުމްލަގޮތެއްގައި ރައްޔަތު އެންމެނަށް (ވެރިކަމގެ ބޮޑުންނަށް ފިޔަވާ) ވަރަށް ނިކަމެތިކަން ލިބިއްޖެއެވެ. 1 މިލިޔަން މީހުން ރާއްޖެއަށް ޒިޔާރަތްކޮށް ބޮލިއަން ޑޮލަރ ގައުމަށް ލިބިފައިވާއިރު ޑޮލަރެއްގެ އަގަކީ 17.30 ރުފިޔާއެވެ. ބޭންކު ލީގަލް ރޭޓަކީ 15.42 އެވެ. އެއްވެސް ކަމެއްގެ ޙައްލެއް މިސަރުކާރަކަށް ހޯދައިނުދެވި ދައުރު ނިމުނީއެވެ. ރައީސް އިބޫ ވިދާޅުވަނީ އަދި އިތުރު ދައުރެއް ދެނުމަށެވެ.

މި ދަނޑުވެރިން ހައްދަމުންދާ ބައެއް ބާވަތްތަކަކީ މި ރާއްޖެއަށް އެކަށީގެންވާ ވަރަށްވުރެ ގިނައިންވެސް އުފެއްދިދާނެ ބާވަތްތައްކަން ކަށަވަރުވާ ހިނދު އެ ދަނޑުވެރިންނަށް މިކަމުގައި ކުރިޔަށް ދެވޭނެ އިތުރު މަގުތައް ފަހިކޮށްދިނުމަށް މިއަދުގެ ސަރުކާރުން މަސައްކަތްތަކެއް ނުކުރެއެވެ. 

ރާއްޖެއަށް މިއަދު އެތެރެކުރެވޭ ބައެއް ތަރުކާރީ އާއި މޭވާއަކީ ޑިއުޓީ ކަނޑާލާތަކެތި ކަމުގައި ކަނޑައެޅުއްވުމުގެ ކުރިން އެކަމުން ނުކުމެދާނެ ނަތީޖާއަށް ބެއްލެވުން މުހިންމެވެ. މިގޮތުން ޑިއުޓީ މަޢާފް ކޮށްދެވޭ ތަކެތީގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނުއްވުމުގެ ކުރިން ދަނޑުވެރިކަމަށް ބޭނުންވާ މުހިންމު ތަކެތިން ޑިއުޓީ އެކުގައިކަނޑާލުން މުހިންމެވެ. 

އެއާއެކު މި ރާއްޖޭގައި ހައްދާ ޢާއްމުކޮށް ލިބެން ހުންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ރާއްޖެ އެތެރެ ކުރެވޭނަމަ އެފަދަ ބާވަތްތަކުން ޑިއުޓީ ނަގާގޮތަށް އޮންނަންޖެހޭނެ ކަމަށް ޤަބޫލުކުރެވެއެވެ. ނޫނީ އަޅުގަނޑުމެން ދިވެހި ދަނޑުވެރިންނަށް ލިބޭނެ ގެއްލުން އިތުރަށް ބޮޑުވެގެންދާނެއެވެ. 

ހަމަ މިއާއެކު ހަނދާންކޮށްލަން ޖެހެނީ ރާއްޖެ އެތެރެކުރެވޭ ގިނަ މޭވާއާއި ތަރުކާރީ ބޭނުން ކުރެވެނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ކާނާއަށްކަމެވެ. އެހެންކަމުން މި ރާއްޖޭގައި ހައްދާ މޭވާ ތަރުކާރީގެ ބާވަތްތަކަށް ރާއްޖޭގެ ރިސޯޓްތަކުން ރަނގަޅު މާކެޓް އެއް ލިބުމަށް މަގުފަހިވެގެން ދާނީވެސް މިފަދައިން ވިސްނަވާ ސަރުކާރުން ހެޔޮ ފިޔަވަޅެއް އަޅުއްވައިގެންކަން ޔަޤީން ކުރެވެއެވެ. މިއީ މި ރާއްޖޭގައި ނޫނަސް އެހެން ޤައުމު ތަކުގައިވެސް ކަންކުރަމުންދާ އުޞޫލެވެ. 

ހެޔޮވެރިކަމެއްގައި މުއްސަނދިން އިތުރަށް މުއްސަނދިވެ ފަގީރުން ފަގީރު ވުމުގެ ފުރުޞަތު ނައްތާލުމަށް މަގު ފަހިކުރަންޖެހެއެވެ. މިގޮތުން ވިޔަފާރިވެރިންގެ މަޞްލަޙަތު ރައްކާތެރި ކޮށްގެން ރާއްޖޭގެ ކުރިމަގު ބައްޓަން ކުރެއްވުމަށް އިސްކަން އަބަދު ދެވޭނަމަ ހެޔޮވެރިކަމެއް ޤާއިމުވުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުވާކަށް ލަހެއް ފަހެއްނޯންނާނެއެވެ. މިހާރުވެސް ވެގެން މިއުޅެނީހަމަ އެގޮތެވެ.

މިއަދު އިގްތިޞާދީ ގޮތުން ދިވެހީން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށް އެޅޭ ފިޔަވަޅުތަކަކީ ހަމައެކަނި މުއްސަނދި ވިޔަފާރިވެރިންގެ މަޞްލަހަތު އޭގައި ފޮރުވިފައިވާ ކަންކަމުގައި ވާނަމަ ނިމިދިޔަ ޚުދުމުޚުތާރު 30އަހަރުގެ ޘަޤާފަތް މިވެރިކަމުގައިވެސް އަށަގެންފިކަމަށް ގިނަ ރައްޔަތުން ބުނަންފަށައިފިއެވެ. 

ދިވެހިރާއްޖޭގެ ކުރިމަގު ބިނާ ކުރަން ނިންމަނީ ކުރިންވެސް އަޅުގަނޑުމެންގެ ތެރޭގައި އޮތް ޚުދުމުޚުތާރު ޘަޤާފަތުގެ ބިންގަލުގެ މައްޗަށް ކަމަށް ހެއްދެވުމަށް ފުރުޞަތު ދެވިގެން ނުވާނެއެވެ. ރާއްޖޭގެ ރައްޔަތުން މިއަދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށް ހަމައެކަނި ބޭރުގެ އެހީއާއި ލޯނާއި ވިޔަފާރިވެރިންނަށް އިތުރަށް ވިޔަފާރި ފުޅާކޮށްދިނުން ވެގެން ނުވާނެއެވެ. އަދި އެމްޑީޕީގެ ފުރަމަ ހެޔޮވެރިކަމެއްގެ އަސާސްކަމުގައިވޭ ސަރުކާރުން ވިޔާފާރި ނުކުރުމުގެ ވަޢުދު ބޮލާލައި ޖަހައިގެން ނުވާނެއެވެ. 

ވެވޭ ވަޢުދުތަކަކީ ކަނޑައެޅިގެން ރައްޔަތުން މޮޔަހެއްދުމަށް ދައްކަވާ ހޮޅި ވާހަކަތަކަކަށް ވެގެން ނުވާނެއެވެ. މަކަރާއި ދޮގުން އަބަދަކު މޮޅެއް ނުލިބޭނެެތެވެ.

މި ސަރުކާރަށް އާމްދަނީ ހޯދޭނެ ރަނގަޅު މަގުތައް ފެންނާން އެބަހުރިކަން އެއީ ކަށަވަރުވާ ކަންކަމެވެ. އެހެން ކަމުން އެފަދަ ކަންކަން ކުރެއްވޭނެ މަގުތައް ފަހިކުރައްވައިއެކަންކަމަށް ބޭނުންވާ ޤާނޫނުތައް ހައްދަވަން ޖެހޭނަމަ އެ ޤާނޫނުތައް ހައްދަވައިގެންވެސް އަޅުގަނޑުމެންނަކީ ހަމަ ޙަޤީޤަތުގައިވެސް ހެޔޮވެރިކަމެއް ކުރާބަޔަކުކަން ޢަމަލުން ސާބިތު ކޮށްދޭންޖެހެއެވެ. 

މިފަދަ ކަންކަމަށް މަގުފަހިވެގެންދާނީ މިވެރިކަމުގައި ނިޔަތް ތެދުވެރި ހެޔޮލަފާ ވެރިން ތިބެގެންކަން ޔަޤީނެވެ. ދައުލަތުން ބައިއެޅޭތީ ރައީސްމީހާއަށް ހުވަފެން ދައްކައިގެން އެނބުރޭ މީހުންކޮޅެއްގެ ޗާލާކީ ބަސްމޮށުންތެރި ކަމަށް ހެއްލިގެން ރައްޔަތުމީހާއަށް  ފޯރުކޮށްދެވޭނޭ އެއްވެސް ލުޔެއްނެތެވެ.

ރައްޔިތުން މިއެދޭ ހެޔޮވެރިކަމަށް ޓަކައި މިއަދުގެ ސަރުކާރުގެ ޢަމަލުތައް ހަރުދަނީކުރްންވީ ގޮތްތައް ރައީސް އިބޫ އަށް އެނގިވަޑައިގެންފި ބާވައެވެ. އެންމެ ގާތުން ގެންގުޅުއްވައި 830 މިލިޔަން ޑޮލަރު ދައުލަތުން ބަދަލުގޮތުގައި ލިބިދެއްވައި ކޮމަންޑޫގައި ބަނޑަހަ ޖެއްސަވައިގެން 3 ދުވަހު ކުރެއްވި ކެމްޕޭނުގެ ބަދަލު އެވަނީ ވަރަށް ރަނގަޅައް ހިއްޕަވާފައެވެ. 

މިވެރިކަމުގެތެރޭގައި ހިމެނެންޖެހޭނީ އިޚުލާޞްތެރިންނެވެ. އިޞްލާޙީ މަސައްކަތައް މަގުދައްކާ މީހުންނެވެ. ވަގުތީ ފައިދާއާއި ވެރިކަމަށް މޮޔަވެފައިވާ މީހުންގެ ނަސޭޙަތައް ކަންކަން ނިންމެވައިގެން ރައްޔަތުންނަށް ވީ އެއްވެސް ވަޢުދެއް ފުއްދައެއް ނުދެވޭނެއެވެ. 

އަނެއް ދިވެހިރާއްޖެއަށް ދާންކުރި ދަތުރު ބޮޑުތަނުން ވަނީ ފެއިލްވެފައެވެ. ދެން ކުރިވަޢުދުތަށް ނިމުނީ ކެހިވެރި ފަތިހަކަށެވެ. ދެން މިއިވެނީ ހަމައެ ފެއިލިއަރުންގެ ރީ ބުރޭންޑެއްގެ ފިކުރެއްގެ ދިރުމެވެ. ރައީސް އިބޫ ފެކްޝަނުން ކިޔަނީ އެއީ ފަކުރެއްގެ ދިރުން ކަމަށެވެ. ކޮންމެ އެއްޗެއްކޭ ކީނަމަވެސް އިޚުލާސްތެރިކަމެއް ނެތި ޙީލަތްތެރި ރޭވުންތަކުން ރީބުރޭންޑް ކުރުމަކުން ތިމާގެ ވިސްނުމާއި ފިކުރަށް ބަދަލެއް ނާންނާނެކަން މިވަނީ ސާބިތު ކޮށްދީފައެވެ.

އިޚުލާސްތެރިކަމެއް ނެތް އިމްޕޯޓެޑް ސަރުކާރަކުން ދިވެހީނަށް ކޮށްދެވޭނެ ހެޔޮވެރިކަމެއް ނެތެވެ. މަސްވެރީންނަށްވެސް ދިމާވެފާވަނީ ހަމަ ދަނޑުވެރީންނަށް ދިމާވެފައިވާ ނިކަމެތި ޙާލަތެވެ.

Loading

One Response

  1. މައުމޫނަށް އެވަރަށް އެއްޗެހިގޮވާފައި ނަޝީދުވެސް ވެރިކަމާހެދި މަރުވަނީ ދޯއެވެ. ހަމަ އިބޫއަށްވެސް އެލިބުނި ހަމަ އެލަނޑެވެ. ވެރިކަމަކީ ހާދަ ފޮނީ އެއްޗެއްތާއެވެ. ވެރިކަން ލިބިއްޖެނަމަ ދޫކޮށްލެވެން ނެތީއެވެ. ހާދަ ބޮޑު މަންފާއެއް ލިބޭތީ ނޫންހެއްޔެވެ. ގައިމުވެސް ހެޔޮވެރިކަމެއް މިޒަމާނުގައި ކުރުމަކީ ނާ މުމްކިން ކަމެކެވެ. އެހުރިހާ ހަޔާތެއް ގޮވާފަ މިހާރު ގާސިމްވަރެއް ނެތެވެ. އަދި ގާސިމުވެސް އެހުރިހާ ހަޔާތެއް ގޮވާފައި ފަކުރުގެ ދިރުންވަރެއް ނެތެވެ. 830 މިލިޔަން ރުފިޔާ؟ ސުބުޙާނައްﷲ. ރައްޔަތުމީހާ އަނގަޔާ އަތާ ދިމާަނުވެގެން މިރޯދަމަހުވެސް ސަލާމް ޖަހަނީ. ބޭސްފަރުވާއަށްދާން ވަގުބާޒާރުން މިވެރީންގެ ޑޮލަރުތައް!! މިއޮތީވާ ހެޔޮވެރިކަމެއްގެ ފެށުން އައިސްފާ. ލަދެއްވެސް ނުގަނޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް