ޗައިނާގެ ރައީސް މޮސްކޯއަށް ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ރަޝިޔާއިން ޔޫކްރެއިންގައި ސްޕެޝަލް އޮޕަރޭޝަން ހިންގަންފެށިފަހުންް ޗައިނާގެ ރައީސް ޝީ ޖިންފިން ފުރަތަމަ ފަހަރަށް މޮސްކޯއަށް ވަޑައިގެންފިއެވެ. ރައީސް ޝީ ވަޑައިގަތީ ދެދުވަހުގެ ރަސްމީ ދަތުރު ފުޅެއްގައި ރައީސް ޕޫޓިންއާ މަޝްވަރާ ކުރެއްވުމަށްޓަކައެވެ.އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގުގައި ރައީސް ޝީގެ ދަތުރުފުޅު މިއައީ ރަޝިޔާއާއި ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫކްރެއިންގެ ހަނގުރާމަ ދެމެހެއްޓުމަށް ބޭނުންވާ ހަތިޔާރުވެސް ރަޝިޔާއިން ހުސްވާން ކައިރިވެފައިވާ ދަނޑިވަޅެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ. 

އަދި ޗައިނާއިން ބަރު ހަތިޔާރު ހޯދަން ރަޝިޔާއިން މަސައްކަތްކުރާނެ ކަމަށެވެ. ރައީސް ޝީ ޖިންޕިންގެ  ދަތުރުފުޅު ދިމާވެފައިމިވަނީ ޔޫކްރެއިނުގައި ރަޝިޔާއިން ހިންގަމުންގެންދާ ”އިންސާނިއްޔަތާ ޚިލާފް“ ޙަރަކާތް ތަކާގުޅިގެން ބައިނަލް އަގްވާމީ ޖިނާއީ ކޯޓުން ރައީސް ޕޫޓިން ހައްޔަރުކުރަން އަމުރު ނެރެފައިވަނިކޮށެވެ. ދުނިޔޭގައި ހިނގާ ޖިނާއީ ކުށުގެ ޙަރަކާތްތަކަށްނެދަރލޭންޑުގައި ހުންނަ އެކޯޓުގެ ބާރު ހިނގާނެކަމަށް އެކޯޓުން ބުނިނަމަވެސް އެމެރިކާއާއި ޗައިނާ އަދި ރަޝިޔާއިން އެކޯޓު ގަބޫލެއް ނުކުރެއެވެ. 

ރައީސް ޕޫޓިން ހައްޔަރުކުރަން ބައިނަލް އަގްވާމީ ޖިނާއީ ކޯޓުން ނެރުނު އަމުރާ ގުޅިގެން ބައިނަލް އަގްވާމީ ގާނޫނުން ބިޔަ ބޮޑެތި ޙާލަތުތަކާއި ކުރިމަތި ލާންޖެހޭނެކަމަށް ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ދެވަނައަށް އެންމެ އިސްވެރިޔާ ވަނީ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއިން އަފްގާނިސްތާނާއި އިރާގަށް އަރައި އެ ގައުމުތައް ސުންނާފަތި ކޮށްލުމުންވެސް ބައިނަލް އަގްވާމީ ޖިނާއީކޯޓުން އެމެރިކާގެ އިސްވެރިން ކުށްވެރި ނުކުރެވުމުން އެއީ އެއްވެސް އަގެއް ހުރިތަނެއްކަމަށް ދެކިވަޑައި ނުގަންނަވާކަމަށާއި އެކޯޓަކީ ހަތަރެސްފައި ވާގިނެތިފައި އޮތް ތަނެއް ކަމަށާއި ބައިނަލް އަގްވާމީ ގުޅުންތަކުގެ މުޅި ނިޒާމުގެ އިތުބާރު ގެއްލި ކަޅު އިރުއޮއްސުމެއް ކައިރިވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.          

ކްރެމްލިނުން ރައީސް ޝީގެ ދަތުރުފުޅު ސިފަކުރައްވާފައިވަނީ އެކުވެރިކަމާއި ސަލާމަތުގެ ޒިޔާރަތެއް ކަމުގައެވެ. އަދި ދެގައުމަށް ބޭނުންވާ މުހިންމު ދާއިރާތަކުގައި ދެބޭފުޅުން މަޝްވަރާ ކުރައްވާނެއެވެ. ޗައިނާއިން މިހާތަނަށް ޔޫކްރެއިންގެ މައްސަލާގައި ރަޝިޔާ ކުށްވެރިއެއް ނުކުރެއެވެ. އެއާ ޚިލާފަށް ޗައިނާއިން މަސައްކަތް ކުރަމުންގެންދަނީ ވަކި ފަރާތަކަށް ނުޖެހި މައްސަލަ ޙައްލުކުރެވިދާނެ ގޮތްތަކެއް ހޯދުމަށެވެ. 

ބެއިޖިންގުން ބުނާގޮތުގައި ޗައިނާއިން އަބަދުވެސް މަސައްކަތް ކުރާނީ ސުލްޙައަށެވެ. އީރާނާއި ސަޢޫދީ އެރޭބިޔާ ސުލްޙަ ކުރުވުމުގައިވެސް ޗައިނާއިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ޔޫކްރެއިންގެ މައްސަލާގައިވެސް ޗައިނާއިން މަސައްކަތް ކުރަމުންގެންދަނީ އެގޮތަށް ސުލްޙައިގ ެވާހަކަތަކަށް ފުރުސަތު ހޯދުމަށްޓަކައި ވަގުތީގޮތުން ނަމަވެސް ހަނގުރާމަ ހުއްޓާލާނެ މަގެއް ފެނޭތޯއެވެ. 

އެކަމަކު މިހާތަނަށް ޗައިނާއިންކުރި މަސައްކަތް ޔޫކްރެއިނުންވަނީ ގަބޫލު ނުކޮށްފައެވެ. ޔޫކްރެއިންގެ ގައުމީ ސަލާމަތާބެހޭ ވެރިޔާގެއޮލްކްސީ ޑެނިލޯވް ބަހަކީ ސުލްޙައިގެ ވާހަކަތައް ފެށުމުގެ ކުރިންބައިނަލް އަގްވާމީ ގަނޫނުތަކާއި ޔޫ. އެން. ގެ ޗާޓަރުގައި ބުނާ ގޮތުގެ މަތިން ރަޝިޔާގެ ފައުޖުތައް ޔޫކްރެއިނުން ބޭރުވާން ޖެހޭނެއެވެ.                                                 

ރައީސް ޕޫޓިން އާއި ރަޝިޔާގެ ކުޑަކުދިންގެ ޙައްގުތަކާބޭހޭ ކޮމިޝަނަރ މާރިޔާ ލިޔޯލާ ބެލޯވާ ހައްޔަރުކުރަން ބައިނަލް އަގްވާމީ ޖިނާއީ ކޯޓުންނެރުނު އަމުރަކީ އެކޯޓަށް ބާރުލިބިގެންވާ އަމުރެއް ނޫންކަމުން އެކޯޓުގެ އެންމެ އިސް ޕްރޮސެކިއުޓަރާއި ބައެއް ފަނޑިޔާރުންގެ މައްޗަށްޖިނާއީ ދައުވާ އުފުލަން ރަޝިޔާގެ ތަޙްގީގުތަކާއި ބެހޭ މުއައްސަސާ އިން ވަނީ ނިންމައިފިއެވެ.                                                

ކީވްގައި ހުންނަ އޯޝަން ޕްލާޒާ މޯލްގައި އޮންނަ ރަޝިޔާގެ މަހުޖަނުންގެ ޙިއްސާތައް ސަރުކާރަށް ނަގަންވެސް މިއަދުޔޫކްރެއިންގެ އެންޓިކޮރަޕްޝަންކޯޓުން ވަނީ ޙުކުމް ކޮށްފިއެވެ.                                

Loading

One Response

  1. ޕުޓިން ހައްޔަރުކުރަން ދުނިޔޭގެ ކުރިމިނަލް ކޯޓުން އެންގީމާ ޗައިނާގެ ރައީސް ޒީ އެދިޔައީ އެރެސްޓްކޮށްދޭންބާ! 50 އަހަރަށްވުރެ ގިނަ އަހަރު ފަލަސްތީނު ބިން ފޭރިގެން އަދި އަބަދާއި އަބަދު ފަލަސްތީނުން މަރާއި އެމީހުންގެ ގެތައް ބުލްޑޯޒާކޮށް ބޮންއަޅާ ސުންނާފަތި ކުރާއިރުވެސް އެއްވެސް ކުރިމިނަލް ކޯޓެއް ހިއުމަން ރައިޓްސް އަށް ލޯބިކުރާ ގައުމެއް އޮތްކަމަކަށް ނުވޭ. ކިހާ މުނާފިގު ނުލަފާ ލީޑަރުން ތަކެއްމީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް