ސަޢޫދީ އާއި އިރާނުގެ ޙައިރާންކުރަނިވި ސުލްޙައިގެ އެއްބަސްވުމަށް ފަހު އީރާނާއި އެމިރޭޓްސްގެ ގުޅުން ރަނގަޅު ކުރުމާބެހޭ ވާހަކަތައް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެބަ ކުރިއަށްދެއެވެ.
މި ވާހަކަފުޅުތަކުގައި އީރާނުން ބައިވެރިވެ ވަޑައިގަންނަވަނީ އެގައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ ޝަމްޚާނީއެވެ.
ޚަބަރުތަކުން އެނގޭ ގޮތުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެއްބައިވަންތަކަން ދެމެހެއްޓޭނެ ފުރުސަތުތަކާއި ބެހޭގޮތުން އަބޫދާބީގައި އެމިރޭޓްސްގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން އާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެމިރޭޓްސް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝައިޚް ތަހްނޫން ބިން ޒައިދު އަލް ނަހްޔާން އާއެކުވެސް ވާހަކަފުޅުކުރިއަށް ގެންދެވިއެވެ.
އީރާނުގެ ރަސްމީ ނިއުސް އޭޖެންސީ އިރްނާއިން ޚަބަރުދީފައިވާ ގޮތުގައި އީރާނާއި އެމިރޭޓްސް ގުޅިގެން ދެގައުމުގެ އަވަށްޓެރި ސިޔާސަތު ކުރިއެރުވުމާއިއެކު ދެގައުމަށް ފައިދާކުރަނި ގިނަ ކަންތައްތަކެއް ކުރެވިދާނެ ކަމަށާއި ވަރުގަދަ ސަރަޙައްދީ ގުޅުމެއް ގާއިމުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ވަގުތު އަތުވެއްޖެ ކަމުގައިވެސް ޝަމްޚާނީ އެމިރޭޓްސް ގެ ރައީސަށް ދެންނެވިއެވެ.
އީރާނާއި ސަޢޫދީގެ ސުލްޙައިގެ ވާހަކަ ތަކުގައިވެސް އެންމެ އިސްދައުރެއް އީރާނުގެ ފަރާތުން އަދާކުރެއްވި ބޭފުޅަކީ ޝަމްޚާނީއެވެ.
އެމިރޭޓްސްގެ ދަތުރުފުޅާއި ބެހޭގޮތުން ޝަމްޚާނީ ވިދާޅުވީ ސިޔާސީ ގޮތުންނާއި ވިޔަފާރި އަދި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ދެ ގައުމުގެ މެދުގައި ބަސްމަގު ރަނގަޅު ފެށުމެއް އުފެދިއްޖެ ކަމަށެވެ.
ދެން އޮތީ ބޭނުންނެތް ގޮތް ގޮތުން ބިދޭސީންނަށް ފުރުސަތު ނުދީ އަހަރެމެންގެ މެދުގައި ބިނާކުރަނި ވާހަކަ ތަކާއި އަދި ގުޅިގެން ކަންތައް ކުރުމުގެ އާދަކާދައެއް އަށަގެންނެވުމެވެ.
2016 ވަނައަހަރު ސަޢޫދީ އާއި އިރާނާއި ދެމެދު ހިނގާދިޔަ ދެކޮޅުވެރިކަމާގުޅިގެން އެމިރޭޓްސް އިންވެސް އީރާނާއެކު އޮންނަ ސިޔާސީގުޅުން ކުޑަކޮށްލިއެވެ.
އެހެންނަމަވެސް ދެ ގައުމުގެ ދެމެދުގައި ބޮޑެތި ވިޔަފާރިގެ މުޢާމަލާތުތަކެއް ހިންގަމުން ގެންދިޔައެވެ. އަދި 6 އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރުން ފެށިގެން އަލުން އެމިރޭޓްސް އެމްބަސީ އިރާނުގައި ވަނީ ހުޅުވާފައެވެ. އީރާނުގެ އެންމެ އިސް ޑިޕްލޯމެޓް އަމީރު އަބްދުއްލާއަން ވިދާޅުވެފައިވަނީ އީރާނުން އެމިރޭޓްސް އާއެކު ވަރުގަދަ ގުޅުމެއް ބާއްވަން އަބަދުވެސް ބޭނުން ކަމަށެވެ.
އެމިރޭޓްސް އަކީ އަބަދުވެސް އީރާނުގެ ވިޔަފާރީގައި ވަރަށް ބޮޑު ޙިއްސާއެއް އަދާކުރަމުން ގެންދާ ގައުމެކެވެ. އީރާނުގެ ތެޔޮ އެކްސްޕޯރޓު ކުރުމުގައިވެސް އެމިރޭޓްސްގެ ބައިވެރިވުން ވަރަށް ބޮޑުކަމަށާއި އޭގެ އިތުރުން ބޭރުގައުމުތަކުގައި ގަނޑުކޮށްފާހުރި އީރާނުގެ މިލްކިއްޔާތުތައް އަނބުރާ ހޯދުމުގައި އެގައުމުތަކާއި އެކު ވާހަކަ ދައްކާދިނުމަށް އެމިރޭޓްސްގެ ފަރާތުން ޝަމްޚާނީ އެދިވަޑައިގަތުން އެކަށީގެންވާކަމަށް މައުލޫމާތު ހާމަކޮށްފައިވެއެވެ.