ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވަނިކޮށް އަވަހާރަވެވަޑައިގެންނެވި އަލްއުސްތާޒު އިބްރާހިމް ރިޟާ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.
މަރުހޫމް ރިޟާގެ ހަނދާނުގައި ބާއްވާ ޖަލްސާ އޮންނާނީ މިރޭ 21:00 ގައި ގުރައިދޫގައެވެ.
މި ޖަލްސާއަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމުގެ އެދިވަޑައިގަތުމުގެ މަތިން ބާއްވާ ޖަލްސާއެކެވެ.
މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރިޟާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ރިޟާގެ ޖަނާޒާ އޮތީ އެ މަހުގެ 24 ވަނަ ދުވަހު މެލޭޝިޔާގައި އެ ގައުމުގެ ގަޑިން ހެނދުނު 09:00 ގައެވެ.
ރިޒާގެ ޖަނާޒާގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤާއި ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ރައްޔިތުންގެ މަޖިލީހުގައި ގުރައިދުއާއި މާފުށްޓާއި ގުޅި ތަމްސީލުކުރައްވާ ޕީޕީއެމް މެންބަރު ރިޟާ އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވާތާ ގާތްގަނޑަކަށް އަހަރެއްހައި ދުވަސް ފަހުންނެވެ. އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައިގަތުމުން މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ.
ރިޟާއަކީ ޕީޕީއެމް އުފެއްދުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި އެ ޕާޓީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
1968 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ރިޟާ އަވަހާރަވުމަކީ އެ ޕާޓީއަށާއި ރައީސް ޔާމީނަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ރިޟާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރެއްގައި މެންބަރުކަން ކުރައްވައި މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.
މެންބަރުކަން ކުރެއްވީ 28 މޭ 2009 އިން ފެށިގެން 27 މޭ 2014 ގެ ނިޔަލަށް އަދި 28 މޭ 2014 އިން ފެށިގެން 27 މޭ 2019ވގެ ނިޔަލަށް އަދި 10 ޖޫން 2019 އިން ފެށިގެން 22 ފެބްރުއަރީ 2023 ގެ ނިޔަލަށެވެ.
މި ތިން ދައުރަށް ވެސް އިންތިޚާބުވެވަޑައިގަތީ ގުރައިދޫގެ %70 އަށްވުރެ މަތިން ވޯޓު ހޯއްދަވައިގެންނެވެ.
19 ވަނަ މަޖިލީހުގައި މަސައްކަތް ކުރެއްވި ކޮމިޓީތައް:
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
ޖުޑިޝަރީ ކޮމިޓީއާއި
ބަޖެޓު ދިރާސާކުރާ ކޮމިޓީ
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ދިރާސާކުރި ކޮމިޓީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ
ގަވާއިދު ކޮމިޓީގެ ޖޮއިންޓް ކޮމިޓީ
އިންތިގާލީ އިންސާފުގެ ބިލު ދިރާސާ ކުރުމަށް އެކުލަވައިލެވުނު ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީ
ހަމައެއާއެކު ރިޟާ ވަނީ 18 ވަނަ މަޖިލީހުގައި ގައުމީ ސަލާމަތުގެ ކޮމިޓީގެ މުގައްރިރުކަމާއި 17 ވަނަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ މުގައްރިރުކަމާއި އެ ކޮމިޓީގެ މުގައްރިރުގެ ނައިބުކަން ވެސް ކުރައްވައިފައެވެ.
މީގެއިތުރުން 18 ވަނަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަނުގެ ނައިބު ރައީސްކަން ވެސް ކުރެއްވިއެވެ. ޖޭއެސްސީގެ މެންބަރުކަމަށް ރިޟާ އައްޔަންކުރެއްވީ 24 ޖުލައި 2014 ގައެވެ.