ރޮއިޓާސް ޚަބަރު ދޭ ގޮތުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ވެރިކަމުގައި އުފެއްދެވި ސްޓިމިއުލަސް ޕްރޮގްރާމުގެ ނާޖާއިޒު ފައިދާ އަމިއްލަފުޅަށް ނަންގަވާފައިވާ ކަމުގެ ތުޙުމަތުގައި މާދަމާ ( ބުރާސްފަތި ދުވަސް) ގެ ހެދުނު 11 ޖަހާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގަވައިފިއެވެ.
މުހުޔިއްދީން ޔާސީންވެސް އެ މަނިކުފާނުގެ ފޭސްބުކް ޕޯސްޓެއްގައި އެންޓިކޮރަޕްޝަނަށް ޙާޒިރުވާންޖެހޭކަމަށް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އެއީ ކޮންކަމަކާ ގުޅޭގޮތުންކަން ވިދާޅެއް ނުވެއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން މިއަދު އެ މަނިކުފާނު ހައްޔަރުކޮށްފައިވާ ކަމަށް ހާމަކޮށްފައިވީ ނަމަވެސް އެކަން ވަނީ ދޮގުކުރައްވާފައެވެ.
އަދި އެމަނިކުފާނަށް ކުރެވޭ ތުޙުމަތުތައްވެސް ވަނީ ދޮގު ކުރައްވާފައެވެ. މުހުޔިއްދީން ޔާސީނަކީ މިހާރުގެ އިދިކޮޅު ލީޑަރެވެ.
މިހާރުގެ ބޮޑުވަޒީރު ދަތޯ ސްރީ އަންވަރު އިބްރާހިމް ވެރިކަމަށް ވަޑައިގަތުމާއި އެކު ކުރީ ސަރުކާރުން ގަވައިދާ ޚިލާފަށް ހިންގަވާފައިވާ އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއުތަކާއި ކޮވިޑް 19 އާއި ގުޅުގެން ނުގަވައިދުން ހިންގަވާފައިވާ ރިލީފް ޕްރޮގްރާމ ްތައްވެސް އަލުން މުރާޖަޢާ ކުރަން ވަނީ އަންގަވާފައެވެ.
އަންވަރު ވެރިކަމަށް ވަޑައިގަތުމަށްފަހު ގެންދަވަނީ ޔާސީން އާއި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާރޓީއާ ދިމާލަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރަމުންނެވެ. އަދި އެ ޕާރޓީގެ އިސް ދެބޭފުޅަކު މިހާރުވެސް ތިބީ ރިޝްވަތުގެ މައްސަލާގައި ތަޙުގީގުގެ ކުރިމައްޗަށް ހާޒިރު ކުރެވިފައެވެ.
އަންވަރުގެ އޮފީހުން އަދި އެންޓިކޮރަޕްޝަނާ ބެހޭ އޮފީހުންވެސް މިހާރު ކުރިއަށްދާ މައްސަލަތަކާއިބެހޭ މަޢުލޫމާތެއް ނުލިބޭ ކަމަށް ބުނެފާވެއެވެ.
އެހެންނަމަވެސް ދާދިފަހުންވެސް އަންވަރު ވިދާޅުވެފައިވަނީ ކިތަންމެ މަތީ މަގާމެއްގައި ހުރި ބޭފުޅަކު ނަމަވެސް ގައުމުގެ ޚަޒާނާއަށް އަތްބާނައިފާވާނަމަ ނުވަތަ އަތްބާނައިފި ނަމަ އެ މައްސަލަ ބައްލަވައި ޝަރީއަތުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށެވެ. އެއީ ތާން ސްރީ އެއްކަމަށްވިޔަސް ހެޔޮކަމުގައެވެ.
ުހިޔުއްދީން އެކަމާއިބެހޭ ގޮތުން ވިދާޅުވެފައިވަނީ ކޯޓުގައި މައްސަލަ ފައިލް ކުރެވުމުން އެމަނިކުފާނުގެ ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވަން ވިސްނަވާނެކަމަށެވެ.