ކުރިއަށް ދިވެހި ގައުމު : 2023 ގެ ވޯޓަށް ސަމާލުވޭ! 

Loading

Facebook
Twitter
WhatsApp


      ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑި ޑޭޓުންގެ ތެރެއިން އެންމެ ރަގަޅު މެނިފެސްޓޯއެއް ހުށަހަޅުވާ އެންމެ ލަފާދާރު ބޭފުޅަކަށް ވޯޓު ދިނުމަކީ ގައުމުގެ ކަރާމަތާއި މިނިވަން ކަން ޙިމާޔަށް ކުރުމަށް ދެންވެސް ދޭންވީ ވޯޓެއް ކަން ޔަގީނެވެ.

      ރައްޔިތުން ގެ ޖީބަށް ޙަލާލުގޮތުގައި ތިޔާގިކަން ކަށަވަރު ކޮށްދެވޭނެސަރުކާރެއް އެކުލަވާލެވެން ޖެހެއެވެ. އެނޫންނަމަ ހުރިހާ ގެއްލުމެއް ތަޙަންމަލް ކުރަން ޖެހޭނީ ހަމަ ރައްޔިތުންނަށެވެ. މިހާރުވެސް ވަމުންދަނީ އެހެނެވެ. ރައްޔަތުމީހާއަތުން ނެގޭވާރުތައް ގިނަކޮށް ރައްޔަތުންގެ ޚާދިމު މީހާ (ވެރިޔާ) އުފަލުގައި އުދުހި މަޖާނަގަމުން ދިއުމެވެ.

      މިފަހަރުވެސް 2023 ރިޔާސީ އިންތިޚާބުގެ ބައިވެރިންގެ ތެރޭގައި ވޯޓްގަނެގެން ވެރިކަމަށް އައުމުގެ ފިކުރު ގެންގުޅުއްވާ ކެންޑިޑޭޓުން ހިމެނެއެވެ. އެހެންވީމާ ވޯޓް ދެއްވުމުގެ ކުރީން ރައްޔިތުންގެ ޖީބަށް ލުއި ކޮށްދިނުމުގެ އިތުރުން ގައުމުގެ އިޖްތިމާޢީ ޢަދާލަތުގެ މައްޗަށްވެސް ނަޒަރު ހިންގާލަން ޖެހޭނެއެވެ. ބޮޑުވަރިހަމައި ތިބެގެން ގައުމުގެ މިނިވަންކަން ދެމިއެއް ނޯންނާނެއެވެ. 

ރައްޔަތުންގެ ޚާދިމަކީ ދައުލަތުގެ ތިޖޫރީގައި ފައިސާ އިތުރުކޮށްދޭނެ ޚަދީމަކަށް ވާންޖެހެއެވެ. ދައުލަތުގެ ތިޖޫރީގައި ފައިސާ ހުރިއްޔާ އެފައިސާ އިން ރައްޔިތުންގެ ޖީބުތަކަށް ފައިސާ އަޅާ ފުރާލެވިދާނެއެވެ. އެހެނަސް ގައުމީ މަސްލަޙަތާއި ގައުމީ އެއްބައި ވަންތަ ކަން ޙިމާޔަތް ކޮށް ދައުލަތް ވެއްޓިފައި މިވާ ވަޅުގަނޑުން ނަގައި ދެވޭފަދަ ގާބިލް ކެންޑި ޑޭޓަކު އިޚުތިޔާރު ކުރެއްވުމަކީ ރައްޔިތުމީހާގެ ފަރުދީ ޒިންމާއެއް ކަމުގައި ދަންނަވަމެވެ.

      ގައުމެއްގެ ހަމަޖެހުން ބިނާވެގެން ވަނީ އަދުލު އިންޞާފުގެ މައްޗަށެވެ. ކަންމިހެން ހުރުމާއިއެކު އަދުލު އިންޞާފުގެ ދާއިރާ ގަޑުބަޑު ނުކޮށް އެދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ދަމަހައްޓާން ވާނެކަމަށް ކޮންމެ އިންތިޚާބެއްގައި ރިޔާސީ ކެންޑިޑޭޓުން ގޮވައެވެ. އެހެނަސް ކޮންމެފަހަރުކުވެސް  ޢަދުލު އިންސާފު ދަނީ ބޮއްސުން ލައިގެނެވެ. ބައެއްފަހަރަށް ވިސްނާލުމުން ހިތައްއަރަނީ ކޮންމެފަދަ ދޮގުތަކެއް ހަދައިގެންވެސް ދައުލަތް ހިންގުމާއި ޚަވާލުވާން އުޅެނީ ކީއްވެބާއެވެ؟

ހަމަ ދީނަށްޓަކައި ގައުމަށްޓަކައި ރައްޔަތުންނަށްޓަކައި ބާވައެވެ. ހަމަ ގައިމުވެސް ތަޖުރިބާ ކުރެވިފާވަނި މަކަރާއި ޙީލަތުން ދޮގުގެ މައްޗަށް ދޮގުހަދައިގެން އަދި ނުވިތާކަށް ރިޝްވަތު ބަހައިގެން ސަރުކާރެއް އުފަށްދަނީ ކަމެވެ. އެހެނީ ސަރުކާރެއް އުފެދުމުން ދައުލަތް ކާލުމުގެ ފުރުސަތު ތައްމިނަށް ހުޅުވިގެން ދާތީއެވެ. ވައްކަން ހަބޭހަށްކޮށް ޒިންމާނަގަން ނުޖެހޭތީ ކަމަށް ގަބޫލު ކުރެވެއެވެ.

     ރިޔާސީ ނިޒާމް ބިނާވެގެން ވާ 3 ބާރުގެ ތެރެއަށް އެއްވެސް ފަރާތެއްގެ ބާރާއި ނުފޫޒު ވަދެގެން ނުވާނެއެވެ. މިއީ ރައީސް މައުމޫނު އަތުން ވެރިކަން އަތުލުމަށް ރައްޔަތުންނަށް އޭރުގެ ޑިމޮކްރެސީ މޫވްމެންޓުން ރައްޔަތުންނަސް ކިޔައިދިން ފިލާވަޅެވެ. އަދި ގަބޫލުވެސް ކުރިގޮތްވެސްމެއެވެ. ދެރައީ ހުރިހާ އެފަދަ ވަޢުދެއް ފަރިއްސަށް ބަދަލުވެ ދިޔަކަމެވެ. ހިތާމަޔާއި އެކު ދެންނެވެން އޮތީ   ރާއްޖޭގައި އުފެދިފައި މިވާ ރިޔާސީ ވެރިކަމުގެ 3 ބާރުގެ ތެރެއަށް ރިޝްވަތު ވައްދައިއެއްބާރުން އަނެއް ބާރު ހައިޖެކް ކޮށް އެބާރުތަކުގެ މުސްތަގިއްލުކަން މިވަނީ ގެއްލުވާލާފައެވެ.

      ވެރިކަމުގެ ތިންބާރަކީ މިނިވަން މުސްތަގިއްލު 3 ބާރު ކަމަށް ގާނޫނުގައި ލިއެފައި ވީ ނަމަވެސް ވެރިކަމުގެ ބާރުން އެހެންބާރުތައް ޚިޞާރުކުރުން ނިމުމަކަށް އަންނަތަނެއް ނުފެނެއެވެ. ދުވެހަކަށްވުރެ ދުވަހައް ދަނީ އެކަން ގޯހުން ގޯހަށް ފުޅާވަމުންނެވެ.

ކަން މިހެން ހުރުމާއެކު ކުރިއަށް އޮތް އިންތިޚާބުގައި ދައުލަތުގެ ވެރިކަން ކުރާބާރުން އަނެއްދެބާރު ހައިޖެކް ނުކުރެވޭނޭ ގާނޫނީ ޙައްލެއްވެސް ހޯދަން މިވަނީ ބޭނުން ވެފައެވެ. 

      ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިފައިވާ ބާރުގެ ތެރެއިން އަނެއް ދެބާރު ހައިޖެކް ކުރެވޭގޮތަށް އެ އޮންނަ އޮތުން ނިމުމަކަށް ގެންނާން ޖެހެއެވެ. 

     ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅު ވިޔަސް ރައްތުތުންގެ މަޖިލީހާއި ފަނޑިޔާރުގޭގައި ތަޅު އެޅުވިގެން ނުވާނެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ އަމުރަށް ދައުލަތު އަނެދެބާރުގެ ވެރިން ޖަލަށްލާއި ހެދިގެން ވެސް ނުވާނެއެވެ. ރާއްޖޭގެ ގާނޫނުއަސާސީގެ ބާރު ކަނޑުވާލާ ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާހާ ބަޔަކު ހިފާ ހައްރުކޮށް ޖަލަށްލާ އަނިޔާ ކުރެވިގެން ނުވާނެއެވެ. ރައީސްގެ ގަރާރުން ދައުލަތް ހިންގުން ނިމުމަކަށް ގެނެވެން ޖެހޭނެއެވެ. އެހެނީ ގަރާރުން ދައުލަތް ހިންގާ ސަރުކާރެއް ހިންގުމަށް ރައްޔަތުން ވޯޓެއް ނުދޭނެއެވެ. 

ރައްޔަތުން ބޭނުންވީ އަދިވެސް ބޭނުންވަނީވެސް އެންމެން، ހަމަ އެންމެންވެސް ގާނޫނީ ތަރަހައިގެން ތެރެއިން ތާހިރު ގޮތަކަށް ދިރިއުޅުމަށެވެ. ރައްޔަތުންގެ މަޖިލިސް މެމްބަރުންވެސް މަޖިލިސްކުރާ ގޭގައިވެސް ގާނޫން ނުހިނގާ ގޮތަށް މިނެޓަކުވެސް ނުހުރެވޭނެއެވެ. ގާނުނަށް އެންމެންވެސް ބޯލެބުން އެއީ ކުރިން ދިވެހީން ބީރައްޓެހި ޑިމޮކްރެސީގެ ފުރަތަމަ ރުކުން ނޫންތޯއެވެ؟

     މިރާއްޖޭގެ އާބާދީ އަކީ ބޮޑު ގައުމެއްގެ ސިޓީއަކަށް ވުރެ މަދު އާބާދީއަކަށް ވީއިރު ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރައްވާ ކެންޑި ޑޭޓުގެ ވަނަވަރާއީ އެބޭފުޅެއްގެ ހިސްޓްރީ ރަނގަޅަށް އެގެން ޖެހެއެވެ. އެއީ ވައްކަން ކޮށްފާވާ މީހެއްތޯ، ދައުލަތުގެ ޚަޒާނާއިން ނުހަމަގޮތުގައި ބަދަލު ހޯދާފައިވޭތޯ، އުޅުމުގައި ގާނޫނަށް ބޯލަނބާ ތެދުވެރި މީހެއްތޯ ބެލެން ޖެހޭނެއެވެ

   މިރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އިޚުލާސްތެރި ހެޔޮލަފާ ބޭފުޅުން ތިބިއްޔާ އެކަން ރައްޔިތުންނަށް ވަރަށްސާފުކޮށް އެނގޭނެއެވެ. އެހެންކަމާއެކު ރައްޔިތުންގެ ލާބައާއި މަންފާ އަށްޓަކާ މަސައްކަތް ކުރެއްވި ނުވަތަ ކޮށްދެއްވަފާނޭ އެފަދަ ބޭފުޅަކު ހުރީވިއްޔާ އެބޭފުޅަކަށް ވޯޓުދިނުން ލާޒިމުކުރއެވެ.

އެހެނީ 2023 ގައި ވޯޓް ވިއްކައި ދޮގުވެރީން ވޯޓް ހޯދަން ބައްލުވެ ދައްކާ ދޮގުވަހަކަތަކަށް ހެއްލިއްޖެނަމަ ދެން ގައުމު އަތުނުޖެހޭނެކަން ދަންނަން ޖެހޭނެއެވެ.

     ރައްޔިތުން ދެކެން ބޭނުންވަނީ ޚަލީފާ ޢުމަރުގެފާނުގެ ވެރިކަން ކަންކުރެއްވި ގޮތަށް ވެރިކަން ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ފަހުޒަމާނުގެ މިޖީލުގެ ތެރެއިން އެވަރުގެ އިޚުލާސްތެރި އަމާނާތްތެރި ތެދުވެރި ބޭފުޅަކު އެއްވެސް ގައުމަކަށް އުފަން ވެފައެއް ނެތްކަމަށް ގަބޫލުކުރަމެވެ.

     ކޮންމެ ވެރިޔަކީ ވެސް އިންސާނެކެވެ. އެހެންކަމުން ވެރިކަން ކުރައްވާ ކޮންމެ ބޭފުޅެއްގެ ކިބައިގާ އިންސާނަކަށް ވީތީ އަށަގެންފައިވާ ފިތުރީ އެތައްކަމެއް ހިމެނިފައި ވާނެއެވެ.

      ރާއްޖޭގައި ސިޔާސީ ޕާޓީތައް ރެޖިސްޓްރީ ކުރެވިފައި މިވަނީ ރާއްޖޭގެ އާބާދީއާ ނުބައްދަލު މިންވަރަކަށެވެ. އެހެން ކަމުން ރާއްޖޭ އާބާދީގެ ނިސްބަތުން 3 ޕާޓީއަށް ވުރެގިނަވެއްޖެ ނަމަ އުފެދޭ ހަމަނުޖެހުންތަކާއި އުފެދޭ ސިޔާސީ ފިތުނަ އެތައްގުނައަކަށް އިތުރުވެގެން އެބަދެއެވެ.

     މިރާއްޖެ އަކީ އިސްލާމީ ގައުމަކަށް ވީއިރު ފިތުނައުފެދޭ މިޒާތުގެ ކަންކަމުން ދުރުހެލިވެ ތިބެން ޖެހެއެވެ. ވެރިމަށް އަންނަ ބޭފުޅެއްގެ ކިބައިގާ އިޚުލާސްތެރި ކަން ނެތްނަމަ އަމާން ބަދަރަކަށް ރައްޔިތުންނާއެކު ވާޞިލެއް ނުވެވޭނެއެވެ.

      މިސަރުކާރަށްވެސް ވެގެން މިއުޅެނީ އެކަހަގޮތެކެވެ. ރައްޔިތުންނަށް ދެއްކި މެނިފެސްޓޯ ނޫން އެހެން މެނިފެސްޓޯއެއް ތަންފީޒު ކުރުމުގެ ނަތީޖާ އާއި މި ސަރު ކާރަށް އެވަނީ ކުރިމަތި ލާން ޖެހުނީއެވެ.

      ސަރުކާރެއް އެކުލަވާލަނީ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ބިނާ ކުރުމުގެ ބޭނުމުގައެވެ. ވޯޓަށް ސަލާމް ޖަހަން ރައްޔަތުމީހާ ކައިރިއަށް އަންނައިރުބުނެދެނީވެސް އެހެނެވެ. އެހެނަސް ވެރިކަން ލިބުމުން ވީ އެންމެހާ ވަޢުދެއް ބޮލާލައި ޖެހުމަށްފަހު ކުޅިބައި ރާވާލެވެނީ ޚާދިމުއާއި ކުޅިބަޔަ ހިތެކޭ ބުނެވޭގޮތަށެވެ.  އޭގެ ސަބަބުން ރައްޔަތުމީހާއަށް ލިބިދޭން ޖެހޭ ޒަރޫރީ ތަކެތީގެ އަގު ބޮޑުވެސް އަތްނުފޯރާ ފަށަށްގޮސް ރައްޔަތުމީހާ ނިކަމެތިކަން އިތުރުވެ ދަނީއެވެ.

     އަނެއްކޮޅުން ރިޔާސީއިންތިޚާބަށް ވާދަ ކުރައްވާ ކެންޑި ޑޭޓެއްގެ ފަހަތަށް ބޮޑެތި ކުށްވެރީން އަރާތިބުމުގެ ފުރުޞަތު ކޯލިޝަނެއްގެ ތެރެއިން ހުޅުވިގެން ދާ ދިއުމަކީ ގައުމުގެ ޢަދުލު އިންޞާފު ގާއިމްކުރުމަށް ޓަކާ ދައުލަތުން ކުރާ މަސައްކަތްތަކަށް އެޅިގެންދަ ހުރަކަށް ވެފައި ވެއެވެ. މިފަދަ އެންމެހާ ކަންކަމާއި ވިސްނުމަށްފަހު 2023 ގެ ވޯޓަށް ރައްޔަތުމީހާ ޚާއްސަ ސަމާލުކަމެއް ދެއްވުމީ ދިވެހިންގެ މިނިވަންކަން އަބަދުގެ އަބަދަށް މިދީބުގައި ދެމެހެއްޓިފާ އޮތުމެވެ.

ހަނދުމަފުޅު ބަހަށްޓަވާށެވެ. ބަޔެއްގެ ޙާލަތު މާތްރަސްކަލާންގެ ބަދަލު ނުކުރައްވަތޭ އެބަޔެއްގެ ޚާލަތު އެބަޔަކު ބަދަލުކޮށްފުމަށް ދާންދެން: ކުރިއަށް ދިވެހި ގައުމު!

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް