ބެއިޖިން އިން ރޮއިޓާސް ޚަބަރު ދެމުންގެންދާ ގޮތުގައި ޔޫކްރެއިން ހަނގުރާމާގައި ޗައިނާއިން އަމަލުކުރާގޮތާއި ޗައިނާއާއި ރަޝިޔާގެ ގުޅުން ދިފާއު ކުރައްވައި އެމެރިކާއިން ޗައިނާއަށް ފިއްތުންތައް ކުރިމަތި ނުކުރުމާއި އެހެންނޫނީ ދެން އެމެރިކާއަށް ޖެހޭނީ ދެކޮޅުވެރިކަމާއި ކުރިމަތިލާން ކަމުގައި ޗައިނާގެ ޚާރިޖީވަޒީރު އެމެރިކާއަށް އިންޒާރު ދެއްވައިފިއެވެ.
ޕާރލަމެންޓުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ކަންތައްތަކުގައި ހަމަޔާއި އިންސާފުން ވާދަކުރުމުގެ ބަދަލުގައި އެމެރިކާއިން އަބަދުވެސް އިޚްތިޔާރު ކުރަމުންގެންދަނީ ކޮންމެ ގައުމަކަށްވެސް ފިއްތުންތައް ކުރިމަތި ކުރުމަށެވެ.
ވަރަށް ފަހަކާއި ޖެހެންދެން އެމެރިކާއަށް އައްޔަން ކުރައްވާފައިވާ ޗައިނާގެ ސަފީރު ކަމުގައި ހުންނެވިއަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަގާމާއި ޙަވާލުވެ ވަޑައިގެންނެވިމިހާރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާއިން އަބަދުވެސް އިޚްތިޔާރު ކުރަމުންގެންދަނީ ޗައިނާ އެކަހެރިކުރުމުގެ ވިސްނުން ކަމަށެވެ.
ޗައިނާއަކީ އެމެރިކާގެ ޖިއޯޕޮލިޓިކްސްގެ ކަރުގައި ތާށިވެފާހުރި ކައްޓެއްގެ ގޮތުގައި ދުށުމަކީ އެމެރިކާގެ ގަމީހުގައި ފުރަތަމަ ނުބައިކޮށް އެޅުވި ގޮށެވެ. މި ދެ ސުޕަރޕަވަރގެ މެދުގައި ތައިވާންފަދަ އެތައް މައްސަލައެއްގައި ނުތަނަވަސް މާޙައުލެއް ގާއިމްވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. އަދި މިހާރު ޔޫކްރެއިންގެ ހަނގުރާމައިގާ މި ނުތަނަވަސްކަން އިތުރަށް ފުޅާވެގެން ގޮސްފައިވަނިކޮށް އެންމެފަހުން ޗައިނާގެ ފުއްޕާހަން ފަޅާލި މައްސަލާގައި މި ނުތަނަވަސްކަން ފުޅާދާއިރާއެއްގެ ދެކޮޅުވެރިކަމަކަށް ބަދަލުވެގެން ހިނގައްޖެއެވެ.
އެމެރިކާ އާއި ޗައިނާގެ ގޯސްވަމުންދާ ގުޅުމާ ގުޅޭގޮތުން އެމެރިކާއިން ބުނަނީ އަހަރެމެން ދެކޮޅުވެރިވަނީ ނޫންކަމަށާއި ޗައިނާގެ ގުޅުމުގައި އިމެއް ގާއިމްކޮށް ޗެންޗޭނު ޖަހަނީ ކަމަށެވެ. އެހެންނަމަވެސް އެމެރިކާއިން މިބުނާ ބުނުން ޗައިނާގެ ޚާރިޖީ ވަޒީރު ތަރުޖަމާ ކުރައްވާ ގޮތުގައި އެމެރިކާއިން ޗައިނާއާއި ބެހޭގޮތުން ކޮންމެ ވާހަކައެއް ދެއްކިޔަސް ނުވަތަ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ޗައިނާއިން އަނގައިން ބުނެގެން ނުވާނެއެވެ. އަދި ރައްދު ދީގެންވެސް ނުވާނެއެވެ.
މިދިޔަ ޑިސެމްބަރު މަހު ޚާރިޖީ ވަޒީރުކަމާއި ޙަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއިވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެއީ ޗައިނާއިން ގަބޫލުކުރާނެގޮތެއް ނޫންކަމަށެވެ. މީގެ ކުރިން ހުންނެވި ޚާރިޖީ ވަޒީރުގެ ވިސްނުންފުޅުވެސް ހުރީ ހަމަ މިގޮތަށް ކަން ވަނީ ފާހަގަ ކުރެވިފައެވެ.
އެމަނިކުފާނު މިހާރުހުންނެވީ ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓްގެ ވަޒީފާގައި ފޮރިން އެފެއަރސް ކޮމިޝަން އޮފީހުގެ ޑިރެކްޓަރގެ މަގާމަށް ބަދަލު ކުރައްވާފައެވެ.
ދޭތެރެ ދޭތެރެއިން ސިޔާސީގޮތުގް އިމެއް ގާއިމުކޮށް ޗެންޗޭނުޖަހާ ވާހަކަ އެމެރިކާއިން އެބަ ދައްކައެވެ. އެކަމަކު މަގުގެ ނުބައިފަރާތުން އަބަދު ބާރަށް ދުއްވަންޏާ ކިތަންމެ ވަރުގަދަ ޗެންޗޭނެއް ޖަހާފައިހުއްޓަސް އެއަކުން ކުރާން ފައިދާއެއް ނޯންނާނެކަން އެމެރިކާ ދަންނަން ޖެހޭނެއެވެ. އަދި އޭގެ ސަބަބުން ލިބޭ ގެއްލުންވެސް ތަހަންމަލް ކުރަންޖެހޭނީ އޭރުން ހަމަ އެމެރިކާއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން ޚާރިޖީ ވަޒީރު ވިދާޅުވީ ޗައިނާއިން މަސައްކަތް ކުރަމުން މިގެންދަނީ ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓޭނެ މަގެއް ހޯދުމަށެވެ. އެކަމަކު ފޮރުވިފައިވާ އަތެއްގެ ޖިއޯޕޮލިޓިކްސް ގެ ސަބަބުން އެކަމަށް ހުރަސް އެޅެމުންދަނީއެވެ. ހުޅަނގުގެ ގައުމުތަކުން ބުނަމުންގެންދާ ފަދައަކުން ޗައިނާއިން އެހަނގުރާމައިގާ ރަޝިޔާ ކުށްވެރިނުކުރިނަމަވެސް އެ ހަނގުރާމައަށް ސުލަހަވެރި ހައްލެއް ގެންނަން ކުރާ މަސައްކަތަށް ބަދަލެއް ނާދެއެވެ.
ދުނިޔެއަށް މެދުވެރިވެފައިވާ ސިޔާސީ ކޯޅުންތަކުގެ ސަބަބުން ޗައިނާއާއި ރަޝިޔާގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުން ބޭނުންކަމުގައި ރައީސް ޝީ ޖިންޖިން އާއި ރައީސް ޕޫޓިން ދެކިވަޑައިގަންނަވައެވެ.
ރަޝިޔާއާއި ޗައިނާގެ ވިޔަފާރީގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާއާއި ރަޝިޔާގެ ފައިސާ ބޭނުންކުރަން ގަސްދުކޮށްފައިވޭތޯ ދެންނެވުމުން ޚާރިޖީ ވަޒީރު ވިދާޅުވީ ކޮންމެ ބަޔަކަށްވެސް އެބަޔަކު ބޭނުންވާ ފައިސާއަކުން ވިޔަފާރި ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަން ޖެހޭނެކަމަށެވެ. ޗައިނާއިން މަސައްކަތް ކުރަމުން މިގެންދަނީ ޔުއާން އަކީ ބައިނަލް އަގްވާމީ ބާޒާރުގައި ވިކޭ ފައިސާއަކަށް ހެދުމަށެވެ. ވަކި ފައިސާއަކީ ވިޔަފާރީގެ ކާލަ މަންނަ ކަމުގައި ހަދައިގެން ބޭނުން އިރަކު ގައުމުތަކުގެ އިގްތިސާދު ފުނޑާލުމަކީ ގަބޫލުކުރެވޭނެ ހަމައެއް ނޫނެވެ.
![]()
