ޚަބަރު ލިބެމުންދާ ގޮތުގައި ޕާކިސްތާނުގެ ގިނަ ރައްޔިތުން ގަބޫލުކުރާގޮތުގައި ގައުމުގެ އިންފްލޭޝަން އަތްނުފޯރާ ހިސާބަށް މައްޗަށްގޮސް އަދި ގައުމުން ބޭރަށް ދަރާފައިވާ ދަރަނި އަދާކުރެވޭނެ މަގެއް ނުފެނިގެން މިދަނީ، ބައިވެރިންތަކައިކާއެކު އުފައްދާފައިވާ މިހާރުގެ ސަރުކާރުގެ ސަބަބުންނެވެ.
މިފަދަ ސަބަބު ތަކާއި ހެދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގެ މަޝްހޫރުކަން އިތުރުވެ އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު އެތައް ގުނައަކަށް އިތުރު ވެއްޖެއެވެ.ގެލޮޕްގެ ފަރާތުން ކުރި ސާރވޭއެއްގައި ބައިވެރިވި މީހުންގެ %62 މީހުންގެ ނަޒަރުގައި ފާއިތުވެގެންމިދާ ފަސްދޮޅަހަކަށް އަހަރުގައިވެސް ގައުމުގެ އިގްތިސާދު އިނދަ ނުޖެހޭ މިންވަރަށް ދަށަށް ގޮސް އަތްނުފޯރާ ހިސާބަށް އިންފްލޭޝަން އަރައިގެން މިދިޔައީ މިހާރުގެ ސަރުކާރު އެކުލެވިފައިވާ ޕާކިސްތާން ޑިމޮކްރެޓިކް މޫވްމެންޓުގެ ސަރުކާރުގެ ދޯހަޅި އިގްތިސާދީ ސިޔާސަތުގެ ސަބަބުންނެވެ.
ޝާހްބާޒު ޝަރީފްގެ ޕީ. ޑީ. އެމް. ގެ ބައިވެރިންގެ ސަރުކާރުން އިމްރާން ޚާނުގެ ސަރުކާރު އިތުބާރުނެތް ކަމުގެ ވޯޓަކުން ވައްޓާލުމުގައި އިގްތިސާދު ނުހިފޭއްޓުނު ކަމުގެ ބަހަނާ ދެއްކި ނަމަވެސް މިހާރު ހަކަތައިގެ އަގުތައް ބޮޑުކޮށް އިތުރު ޓެކްސްތައް ނަގައިގެންވެސް އައި. އެމް. އެފް. ގެ ލޯނުވެސް ހަމަޖެއްސޭނެ މަގެއްނުހޯދުނެވެ. އަދި މިހާރު ޝާހްބާޒް ޝަރީފްގެ ވެރިކަން ގަބޫލުކުރާ މީހުން ވަރަށް މަދުވެއްޖެ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 51% ގައި ހުރި ޕޮޕިއުލަރިޓީ ފެބްރުއަރީ މަހުގެ ތެރޭގައި %32 އަށް ވެއްޓިއްޖެއެވެ. އެހެންނަމަވެސް ގެލޮޕްގެ އެގްޒެކެޓިވް ޑިރެކްޓަރ ބިލާލް ގިލާނީ ވިދާޅުވާގޮތުގައި އިމްރާން ޚާންގެ ޕޮޕިއުލަރޓީ އުޅެނީ އާންމު ރައްޔިތުން އެބޭފުޅާއާއި ދިމާލަށް ދަމައިގަންނަ ސިފަތަކެއް އެކުލެވޭ ކަރިޝްމަޓިކް ލީޑަރެއްގެ ގޮތުގައެވެ.
ޕާކިސްތާނުގެ ހަތަރު ޕްރޮވިންގެ ތެރެއިން އިމްރާން ޚާން އަށް ތާއީދު އޮތް ދެ ޕްރޮވިންސސްގެ އެސެމްބްލީ އުވާލާފައި އޮތުމުގެ ސަބަބުން މިހާރުގެ ސަރުކާރުގެ މުއްދަތު އަންނަ އޯގަސްޓް މަހުގައި ހަމަވުމަށްފަހު ޖެހިގެންއަންނަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް މަޖުބޫރު ކުރެއެވެ.
އިމްރާން ޚާންއަށް ތާއީދުކުރާ ފަރާތްތަކުން މިއަންނަ އަންގާރަދުވަހު ކެމްޕޭން ޙަރަކާތްތައް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.