ސައުތު ފްލޮރިޑާގެ ނަރސިން ސްކޫލަކުން ދީފައިވާ 7600 ވަގު ޑިގްރީ ސެޓްފިކެޓްގެ މައްސަލައެއް ފަޅާއަރައިފިއެވެ. އެމެރިކާގެ ފެޑެރަލް ސަރުކާރުން ބުނެފައިވަނީ މިގޮތަށް ކަންތައްދާނަމަ ސިއްޙީ ދާއިރާގެ ފަންނީ މަގާމުތަކުގައި ތިބި މީހުންނަށް އިތުބާރު ކުރާނީ ކިހެނެއްހެއްޔެވެ.
ޑިގްރީ ސެޓްފިކެޓް އިމްތިހާނުގައި ބައިވެރިވުމަށް އޭގެތެރެއިން 2600 މީހުން ހުށައެޅި ޑިޕްލޮމާއަކީވެސް ވަގު ސެޓްފިކެޓް ތަކެކެވެ. ފަޅާއަރައިގެން މިއުޅޭ ސެޓްފިކެޓްތައް ދޫކޮށްފައި ވަނީ ފްލޮރިޑާގެ ނަންމަޝްހޫރު ކޮލެޖްތަކުންނެވެ.
އެހެންނަމަވެސް މިކަމަކީ ގިނަ ސްޓޭޓްތަކެއްގައި ހިނގަމުންދާ ކަމެއް ކަމުގައި މިހާރު ވަނީ ބަލަން ޖެހިފައެވެ. އެމެރިކާގެ ސިއްޙީ ވުޒާރާގެ ފަރާތުން މި މައްސަލަ ތަޙުގީގް ކުރުމުގައި ބައިވެރިވެ ވަޑައިގެން އުޅުއްވާ އެސިސްޓެންޓް ސްޕެޝަލް އޭޖެންޓް ފެރނާންޑޯ ޕެއްރާސް ވިދާޅުވީ ފްލޮރިޑާއަކީ ވަގު އައިޑީ ކާރޑާއި ސިއްޙީ ވަގު ސެޓްފިކެޓްފަދަ ލިއެކިއުންތައް ދޫކުރުން އާންމުކޮށް ހިނގާ ސަރަޙައްދެއް ކަމަށެވެ.
މީގެ އިތުރުން ޖޯޖިޔާގައިވެސް ސިއްޙީ ދާއިރާއިން ވަގު ސެޓްފިކެޓް ތަކެއް ފަޅާއެރުމާއެކު އެ ސެޓްފިކެޓްތައް ކަމާބެހޭ އިދާރާއަށް ހުށައަޅަން މިދިޔަ ޖެނުއަރީމަހު 17 ވަނަ ދުވަހު އެފަރާތްތަކަށް ވަނީ އަންގާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން ޖަވާބު ދީފައެއް ނުވެއެވެ.
ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ތަޙުގީގް ކުރަމުންގެންދާ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި 2016 އިން 2021 އަށް މިކަމުގައި އުޅުނުމީހުން ސަތޭކަ މިލިއަން އެމެރިކާ ޑޮލަރަށްވުރެން ގިނައިން ހޯދާފައި ވެއެވެ.
އަހަރެމެން އަންޑަރކަވަރ އޭޖެންޓުން ބޭނުންކޮށްގެން ހޯދި މަޢުލޫމާތުން އެނގުނު ގޮތުގައި އާންމުގޮތެއްގައި ސެޓްފިކެޓަކަށް އަގުނަގާ މިންވަރަކީ ސަތާރަހާސް އެމެރިކާ ޑޮލަރެވެ. މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ދެކުނު ފްލޮރިޑާގެ ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ނިއުޔޯރކް އާއި ނިއު ޖާރސީ އަދި ޓެކްސާސް ފަދަ ޝަޙަރު ތަކުގައިވެސް މީގެ އޭޖެންޓުން ޙަރަކާތްތެރި ވަމުން ގެންދެއެވެ.
އަދި މިކަމުގައި ޝާމިލުވާ މީހުންގެކުށް ސާބިތު ކުރެވިއްޖެނަމަ ވިހި އަހަރުދުވަހުގެ ޖަލު ހުކުމެއް ލިބޭނެއެވެ.
ޕޮއްރާސް ވިދާޅުވިގޮތުގައި އެމެރިކާގައި އެތައްބައެއްގެ ވަގު ސެޓްފިކެޓް ބާތިލު ކޮށްފައިވާއިރު މިހާރުވެސް އެތައްބަޔަކު ވަގު ސެޓްފިކެޓް ގައި ސިއްޙީ ޚިދުމަތް ދެމުން އެބަ ގެންދެއެވެ.
One Response
އަހަރެމެން މި ހީކުރަނީ އެމެރިކާ އާއި ޔޫރަޕުން ސެޓްފިކެޓެއް ހޯދިއްޔާ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެކަމަކު އެތަން ތަނުގައިވެސް ސެޓްފިކެޓް މިއޮއް ގަނެވެނީ ނޫންހެއްޔެވެ.