ޝަކީލު ހައިކޯޓަށް އައްޔަންކުރުމަކީ ރިޝްވަތުގެ އަމަލެއް: އިދިކޮޅު

Loading

Facebook
Twitter
WhatsApp

މަނީލޯންޑަރިންގ މައްސަލައިގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލް, ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ.

ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއްޔެ ވަނީ ނިންމާފައެވެ.

އިދިކޮޅުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަކީލް ހައިކޯޓަށް އައްޔަންކުރުމަކީ ރައީސް ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް އަނިޔާވެރިވުން ކަމަށެވެ. 

އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށް ދަށު ކޯޓުން ހުކުމް އިއްވެވި ގާޒީއަށް މަގާމުގެ ކުރިއެރުން ދިނުމަކީ ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ޖުޑިޝަރީއަށް ފޯރުވައި ސަރުކާރު ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށާއި އެއީ ރިޝްވަތުގެ ޢަމަލެއްގެ ގޮތުގައި ބެލެވޭކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރައްވާފައިވަނީ ސަރުކާރުގެ ނުފޫޒާއެކު އެތައް މަންފާއަކާއި ވަޒީފާގެ ކުރިއެރުންތައް ހުށަހެޅި ގާޒީ އަމިއްލަ އިޚުތިޔާރުގެ ބޭރުން ކަމުގައި ދިވެހިންގެ ތެރެއިން އެތައް ބަޔަކު ގަބޫލުކުރާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރެއްވި ހައްގު ނޫން ހުކުމުގެ ހަދިޔާއެއްގެ ގޮތުގައި އެއަށްވުރެ މަތީ މަގާމަކަށް ގާޒީ ޝަކީލު ބަދަލު ކުރާނެ ވާހަކަ އެއީ މީގެ ކުރިން ވެސް އެ ކޯލިޝަނުން ދައްކަމުން ގެންދިޔަ ވާހަކައެއް ކަމަށާއި އެންމެ ފުރަތަމަ ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީ ޢަލީ ރަޝީދަށް ވެސް އެތައް މަންފާއަކާއެކު ވަޒީފާގެ ކުރިއެރުން ލިބިގެން ގޮސްފައިވާ ކަމަށެވެ.

“މިފަދަ ކަންކަމުން ރައީސް ޔާމީންގެ މައްސަލަތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ މިންވަރު ސަބަބުވެރި އިންސާނުންގެ ސިކުނޑިތަކަށް ވިސްނޭ.“

ރައީސް ޔާމީނަށް އިއްވެވި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އެ މައްސަލަ އަދި ބަލައިގަނެފައެއް ނުވެއެވެ.

އެ މައްސަލައިގެ އެއްވެސް ކަމެއް ހައިކޯޓުގައި ހިނގަމުން ނުދިޔުމަކީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ އަވަސްކޮށް އިންސާފު ގާއިމުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ފަސްނުކޮށް ކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އިދިކޮޅުން ވަނީ ގޮވައިލައިފައެވެ.

ފޮޓޯ: ރައީސް އޮފީސް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް