އީރާނާއި އެކު މިހާރު ކުރިއަށްދާ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ބޭހޭ ވާހަކަތަކުގައި ރަނގަޅު ނަތީޖާއަކާ ހަމަޔަށް އާދެވިދާނެ ކަމުގެ އުންމީދު ބޮޑުކަމަށްއިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީގެ ޗެއަރމަން ރަފައެލް ގްރޮއްސީ ވިދާޅުވެއްޖެއެވެ.
ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އީރާނަށް ވަޑައިގެން އުޅުއްވާ ގްރޮއްސީ ވިދާޅުވީ އީރާނުގެ މައްސަލާގައި ފާހަގަކުރަންޖެހޭ ވަރަށް މުހިންމު ދެ ނުކުތާއެއް އެބައޮތް ކަމަށެވެ. ފުރަތަމަ ނުކުތާއެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅެގޮތުން ވާހަކަދެކެވޭއިރު އީރާނުން ބޭނުންވާ ކަންތައްތަކާ މެދުވެސް ވާހަކަދެކެވި އިތުބާރު ގާއިމް ކުރެވެންޖެހޭނެއެވެ.
ދެވަނަ ނުކުތާއަކީ އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީގެ ފަރާތުން ސައެންސާއި ޓެކްނޯލޮޖީގެ ރޮނގުން އީރާނަށް ފޯރުކޮށްދެމުން ގެންދާ އެއްބައިވަންތަކަން ދެމެހެއްޓުމެވެ.
ރޮއިޓާރސް އިން ޚަބަރު ދީފައިވާގޮތުގައި ރަފައެލް ގްރޮއްސީގެ މައިގަނޑު މަސައްކަތަށް ވާނީ އީރާނުން މިހާތަނަށް ހާމަކޮށްދީފައިނުވާ ސަރަޙައްދުތަކުން ހަތިޔާރު އުފެއްދުމަށް ބޭނުން ވާ ފެންވަރަށް ޔުރޭނިއަމް ފައްކާކޮށްފައި ހުއްޓާ ފެނިފައިވާ މައްސަލައެވެ.
ގްރޮއްސީ ގަބޫލުފުޅު ކުރައްވާ ގޮތުގައި ވާހަކަތައް ދެކެވެމުންދަނީ އެކުވެރި މާޙައުލެއްގައެވެ. އަދި ރަނގަޅު ނަތީޖާއަކާއި ހަމަޔަށް ދެވިދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް އީރާނުން ހާމަ ކޮށްފައިނުވާތަންތަނުން ފެނިފައިވާ ޔުރޭނިއަމްގެ ބައިތައް ތަޙްލީލު ކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އީރަނުން ޔަގީންކޮށް ދެއްވާފައިވާ ކަމަށެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ އެންމެ އިސް ވެރިޔާ މުޙައްމަދު އިސްލާމީއާއި އެކު ބޭއްވި ބައްދަލުވުން ތަކަށްފަހު ރައީސް އިބްރާހިމް ރައީސީ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކަތައް ކާމިޔާބީ އާއި ހަމަޔަށް ގެންދެވިދާނެ މާޙައުލެއް ގާއިމްކުރެވިދާނެ ކަމުގެ ފުރިހަމަ އިތުބާރު ލިބިވަޑައިގެންފި ކަމަށް ދެންނެވިއެވެ.
ގްރޮއްސީގެ އެވާހަކަފުޅާ ގުޅިގެން ރައީސީ ވިދާޅުވީ ދެފަރާތުގެ އެއްބާރުލުމުގެ ބިންގަލަކަށް ވާންޖެހޭނީ އެޓޮމިކް އޭޖެންސީގެ މިނިވަންކަން ކަށަވަރު ކުރުމާއިއެކު އީރާނުގެ ޙައްގުތަކަށްވެސް ޙުރުމަތްތެރިކޮށް ހިތުމެވެ.
އީރަނުން އަބަދުވެސް ކުރާ ޝަކުވާއަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްޙަވެރި ކަމާއިއެކު މަދަނީ ބޭނުންތަކަށް ހިންގޭ މަޝްރޫއެއް ކަމަށް ތަކުރާރުކޮށް ބުނަމުން ދާއިރުވެސް އެޓޮމިކް އޭޖެންސީން އެމެރިކާއާއި ހުޅަނގުގެ ބާރުތަކާއި އަދި އަހަރެމެންގެ ދުޝްމިނުން ކަމުގައިވާ އިސްރާއީލުގެ ކުރިމަތީގައި އަނގަ ބަންދުވެފާ އޮތުމެވެ.
ރިޕޯރޓަރުންނާ ވާހަކަ ދައްކަވަމުން އިސްލާމީ ވިދާޅުވީ އީރާނުން ޔުރޭނިއަމް ފައްކާކުރަން ބޭނުންވަނީ ހަކަތަ އުފެއްދުމުގެ ބޭނުމުގައި %60 އަށް ކަމުގައެވެ. އަދި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ އީރާނުން ގެންގުޅޭ ވިސްނުމެއް ނޫންކަމަށެވެ.
އެހެންނަމަވެސް 2015 ގެ އެއްބަސްވުމުން 2018 ގައި އެމެރިކާ އަމިއްލައަށް އެކަހެރި ވުމުގެ ސަބަބުން އީރާނުންވެސް ޔުރޭނިއަމް ފައްކާކުރުމުގެ ލިމިޓް ހިފާއްޓަން މާބޮޑަށް ބޭނުން ނުވީއެވެ.
ގްރޮއްސީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ ވާހަކަތަކަކީ ހަމައެކަނި އެންމެ ބައްދަލުވުމަކުން ނިންމާލެވޭވަރަށް ވުރެން ބޮޑަށް އީރާނުގެ މައްސަލަތަކަށްވެސް ރިއާޔަތްކޮށްގެން ރަނގަޅު މަގަކަށް ރޭވިގެން ކުރިއަށް ގެންދަން ޖެހޭ ވާހަކަ ތަކެއްކަމަށް އޭނާވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަހަރެން އައިސް މިހުރީ އެހެން ވެގެންނެވެ. މި މައްސަލާގައި ދެފަރާތުގެ ވާހަކަތައް ކަނުލައި އަޑުއަހައިގެން ނޫންގޮތަކަށް ރަނގަޅު ނަތީޖާއެއް ނުނެރެވޭނެއެވެ. މިހާރުވެސް ދުވަސްތަކެއް ގެއްލިގެން ހިގައްޖެކަމަށެވެ.
އިސްރާއީލުން ނުވަތަ އެމެރިކާއިން ވިޔަސް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހިންގާ ސަރަޙައްދަކަށް ޙަމަލާދީފިނަމަ އެއީ ބައިނަލް އަގްވާނީ ގާނޫނުތަކާ ޚިލާފް އަމަލެއްކަމަށް އެޓޮމިކް އެނަރޖީގެ ޗެއަރމަން ވިދާޅުވުމުން އިސްރާއީލު ބޮޑުވަޒީރު މަލާމާތް ކުރެއްވިއެވެ.
ރަފައެލް ގްރޮއްސީއަކީ ހަރުދާނާ ބޭފުޅެކެވެ. އެކަމަކު މިހާރު އެ ދައްކަވަނީ ހަރުދަނާ ބޭފުޅުން ދައްކަވާ ކަހަލަ ވާހައެއްނޫނެވެ. ޔަހޫދީންގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
އީރާނުން އެގެންދަނީ އަހަރެމެންގެ ގައުމު ވިރާނާ ކޮށްލާނެކަމަށް ގޮވަމުންނެވެ. އަދި އެކަމަށްބޭނުންވާ ހަތިޔާރު ތައްޔާރުކުރަމުން ގެންދާއިރު އަހަރެމްނެގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ޙަމަލާ ދިނުމަކީ ކޮން ގާނޫނަކާ ޚިލާފް ކަމެއްތޯ ނަތަން ޔާހޫ ސުވާލުކުރެއެވެ.
![]()
