އިސްލާމް އާބާދުން ޚަބަރުދޭ ގޮތުގައި ބޭރު ގައުމުތަކުންލިބުނު ހަދިޔާ ވިއްކުމުގެ ތުޙުމަތުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކުރެވެމުންދާ ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ވަޑައި ނުގަތުމުގެ ސަބަބުން ބަންދުކުރަން އަމުރުކޮށްފިއެވެ.
ކޯޓުގެ އަމުރު އައިސްފައިމިވަނީ ޕާކިސްތާނުގެ ސިޔާސީ ކުޅިގަނޑު އެގޮތްމިގޮތަށް އެނބުރެމުންދާ ދުވަސްވަރެއްގައެވެ. އަދި ފަނޑިޔާރު ޒަފަރު އިގްބާލުގެ އަމުރު ނެރުނު ދުވަހަކީ އިމްރާނުޚާންގެ މައްޗަށް ރިޝްވަތާއި ޓެރަރިޒަމާއި އަދި މީހުންމެރުމުގެ ތުހުމަތުގައި ދައުވާކުރަން ހުށައެޅިފައިވާ ތިންކޯޓަކުން އިމްރާންޚާން ހައްޔަރުކުރާނެ ތަނެއް ނެތް ކަމަށް ޙުކުމް ކޮށްފައި ވަނިކޮށެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އުމުރުފުޅުން 70 އަހަރުގެ އިމްރާން ޚާނަށް މީހަކު ބަޑިން ދިން ޙަމަލާގައި ޒަޚަމްވެ ވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރު ސަޕޯޓަރުންނާއިބައްދަލުކުރެއްވުމުން އެތައްހާސްބަޔަކު އުފާފާޅުކޮށް މަރުޙަބާ ދަންނަވަމުން ގެންދިޔައެވެ. އެ ދުވަހުގެ ޙަމަލާގައި އިމްރާން ޚާންގެ ސަޕޯޓަރަކު މަރުވިއެވެ. އަދި މުޅި ގައުމުގައި ނަފްރަތުގެ ޝޫޢޫރުތައް ފާޅުކުރެވެމުން ދިޔައެވެ.
ޕާކިސްތާނުގެ މިހާރުގެ ސަރުކާރު ނިމުމަކަށް ގެނައުމަށްޓަކައި އަލުން އާންމު އިންތިޚާބު ބޭއްވުން އަވަސްކުރަން ގޮވާލައި އިމްރާންޚާންގެ ސަޕޯރޓަރުން ގެންދަނީ މުޒާހަރާކުރަމުންނެވެ. މިހާރުގެ ސަރުކާރުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފު ވިދާޅުވަމުން ގެންދަވަނީ މިއަހަރު ޕާލަމެންޓުގެ އުމުރު ހަމަވުމުން މިއަހަރު ފަހުކޮޅު އިންތިޚާބު ބޭއްވޭނެ ކަމަށެވެ.
އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާރޓީގެ ވަރަށް އިސް ބޭފުޅަކު ކަމުގައިވާ ފަވާދު ޗައުދަރީ ވިދާޅުވީ ސަރުކާރުން އުފައްދައިގެން އުޅޭ ޙަގީގަތެއްނެތް ދައުވާތަކެއްގައި އެއްކޯޓުން އަނެއްކޯޓަށް އިމްރާން ކާން ދަމަމުން ގެންދިއުމަކީ އެބޭފުޅާގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ބޮޑެތި ނުރައްކަލާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފާނެ ކަމެކެވެ.
އިމްރާން ޚާން ބޮޑުވަޒީރަކަށް ހުންނެވި ދުވަސްވަރު ސަރުކާރަށް ލިބުނު ސްޓޭޓް ގިފްޓް ތަކެއް ވިއްކާލި ކަމަށް ބުނެ ކޯޓަށް ހުށައަޅާފައިވާ މައްސަލައާއި ގުޅިން ނޭޝަނަލް އެސެމްބްލީގައި އެބޭފުޅާގެ ގޮނޑިވަނީ ގެއްލިފައެވެ. ނަމަވެސް ޚާން ވަނީ އެކަމަށް އިންކާރުކުރައްވައި ޗެލެންޖް ކުރައްވާފައެވެ.
ޕާކިސްތާނުގެ ސިޔާސީ މަސްރަހުގެ އެންމެފަހުގެ ޚަބަރުތަކަށް ބަލާއިރު އިމްރާން ޚާންގެ ވަރަށް އަރިސްބޭފުޅަކު ކަމުގައިވާ ސިފައިންގެ ކުރީގެ ޖެނެރަލް އަމްޖަދު ޝުޢައިބް ރައްޔިތުންނާއި ސަރުކާރާ ދޭތެރޭ ފިތުނަ އުފައްދަން މަސައްކަތްކުރާ ކަމުގެ ތުޙުމަތުގައި ހައްޔަރުކުރުން ހިމެނެއެވެ.
ޖެނެރަލް ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ނިއުސް ޗެނަލެއްގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުން އިމްރާން ޚާންގެ ބައިވެރިން ގައުމުގެ އެކަހެރި ޖަލުތަކުގައި ބަންދުކުރާ ކަމަށް ވިދާޅު ފާޑުކިއުމުންނެވެ.
![]()
