ބޭރޫތުން މަޢުލޫމާތު ހާމަކުރަމުން ގެންދާގޮތުގައި ޢަރަބިންގެ އެންމެ އިސް ގާނޫނީ ބޭފުޅުން ސީރިޔާއަށް ވަޑައިގެންފިއެވެ. އެބޭފުޅުންގެ ދަތުރުފުޅަކީ ބަޣްދާދުގައި އޮތް ޢަރަބްލީގުގެ އެންމެ އިސްވެރިންގެ ކުޑަ ބައްދަލުވުމަކަށްފަހު ސީރިޔާ އަލުން އަރަބިންގެ ތެރެއަށް ގެނުމުގެ ބޭނުމުގައި ބައްޝާރުލް އަސަދާއެކު މަޝްވަރާ ކުރުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
މިވަފުދުގައި ފަލަސްތީނާއިއެކު ޢަރަބިންގެ ނުވަ ގައުމެއްގެ އިސް ގާނޫނީ ބޭފުޅުން ހިމެނިވަޑައި ގަންނަވައެވެ. އެބޭފުޅުންގެ ދަތުރުފުޅުގެ މަގްސަދަކީ ފާއިތުވެދިޔަ ދިހަވަރަކަށް އަހަރު ގިނަ ޢަރަބި ގައުމުތަކަކުން ސީރިޔާ އެކަހެރިކޮށްފާ ބޭއްވުމަށްފަހު އަލުން ގުޅުން ރަނގަޅުކުރެވޭތޯ މަސައްކަތް ކުރުމެވެ.
މި ވަފްދުގައި އެންމެ ފުރަތަމަ ދިމިޝްގަށް ވަޑައިގަތީ މިސްރުގެ ޕާލަމެންޓުގެ ރައީސް ޙަނަފީ އަލް ޖަބަލީ އެވެ. އެ ބޭފުޅާއަކީ ފައިތުވެގެން މިދާ ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި ސީރިޔާއަށް ވަޑައިގެންނެވި މިސްރުގެ އެންމެ އިސް ބޭފުޅާއެވެ. ދެވަނައަށް ވަޑައިގަތީ އިރާގުގެ ޕާރލަމެންޓުގެ ރައީސް މުޙައްމަދު ހަލްބައުސީއެވެ.
ސީރިޔާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދިޔަ އާންމު ރައްޔިތުންނާއި ދެކޮޅަށް އިންތިހާއަށް ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އުފެދުނު ދާޚިލީ ދެކޮޅުވެރި ކަމުގައި ތިންލައްކައަށްވުރެން ގިނަމީހުން މަރުވެ ގައުމުގެ 23 މިލިއަން އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ވިއްސި ވިހާލި ވެފައެވެ.
މި މައްސަލައާއި ގުޅިގެން 2011 ވަނައަހަރު ޢަރަބް ލީގުން ސީރިޔާވަނީ ބޭރުކޮށްފައެވެ.
ޢަރަބި ގައުމުތަކުން ސީރިޔާ އަލުން އަރަބިންގެ ސަފަށް ގެންނަން ބޭނުންވާތީ މިދިޔަ ހޮނިހިރު ދުވަހު އަރަބް އިންޓަރ ޕާރލަމެންޓަރީ ގްރޫޕުން ބަޣްދާދުގައި ވަނީ ބައްދަލު ކުރައްވައި މަަޝްވަރާ ކުރައްވާފައެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ތުރުކީއާއި ސީރިޔާއަށް މެދުވެރިވި ބިންހެލުމަށްފަހު ސީރިޔާ އަރަބިންގެ ސަފަށް އަލުން ގެނައުމަށް ވަކިންބޮޑަށް މަސައްކަތް ކުރައްވަން ޢަރަބި ގައުމުތަކުން ބޭނުންވަނީއެވެ.
މި ބިންހެލުމުގައި ތުރުކީންނާއި ސީރިޔާއިން 47000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި ސީރިޔާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުން 1400 މީހުންނާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން 2400 މީހުން ހިމެނެއެވެ.
މި ބިންހެލުމުގެ ސަބަބުން ކުރިއްސުރެން އިނދަޖެހިފައިވާ ސީރިޔާގެ އިގްތިސާދު އުނަގަނޑާހަމަޔަށް ވަނީ ވަޅުލެވިފާކަމަށް ބުނެފައިވެއެވެ.
One Response
ތަފާތު ޚިޔާލުތަކަށް ހުޅުވާލެވިފައިވާ ފުރުސަތުތަކެއް އޮވެ ސުލްހަވެރި ވިސްނުމެއް ގާއިމް ކުރެވިގެންނޫނީ ކާމިޔާބެއް ނުލިބޭނެއެވެ. އިސްލާމީ އުންމަތް ބަލިކަށިވަމުންދަނީވެސް އެހެން ވެގެންނެވެ.