ބައިނަލް އަގްވާމީ މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކުގައި އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ޙަމަލާދިނުމަށް އިސްރާއީލުން ތައްޔާރުވާން ފަށައިފިއެވެ. ލީކުވެފައިވާ ރިޕޯރޓުތަކަށް ބަލާއިރު ބޮޑުވަޒީރު ނަތަންޔާހޫ ގެންދަނީ ދިފާޢީ އިސްވެރިންނާއިއެކު ސިއްރު ބައްދަލުވުން ތަކެއް ބާއްވަމުންނެވެ.
އަދި މިހާތަނަށް ދީފާޢީ އިސް ވެރިންނާއި އިންޓެލިޖެންސްގެ އިސް ވެރިންނާއި އަދި މޮސާދުގެ ވެރިޔާއާއިއެކު ފަސް ބައްދަލުވުމެއް ބާއްވާފައިވާކަމަށް ޗެނަލް 12 އިން މިދިޔަ އަންގާރަދުވަހު ބުނެފައިވެއެވެ.
އިސްރާއީލުން ދޭނެ ޙަމަލާތައް ކުރިން ފާޅެއް ނުކުރާނެއެވެ. އެހެންނަމަވެސް މިފަހަރު އިސްރާއީލުން އަޅާނެ ފިޔަޅުތަކުގެ ސިއްރު ލިއެކިއުންތައް އެމެރިކާއާއި ފްރާންސް އާއެކު ޙިއްސާ ކޮށްފައިވާ ކަމަށާއި ބައިނަލް އަގްވާމީގޮތުން ފިޔަވަޅު ނާޅައިފިނަމަ އިސްރާއީލުން އެކަނިވެސް އެކަން ކުރާނެކަން ޙިއްސާކޮށްފައިވާލިއެކިއުންތަކުން އެނގިއްޖެއެވެ.
އެހެންވީމާ ލީކުވެފައިވާ ލިއުންތަކަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވަން ހުޅަނުގުގެ ބައިވެރިންނަށް މަޖުބޫރުކުރުމުގެ ނިޔަތުގައި އިސްރާޢީލުން ކުރިކަމަކަށްވެސް ވެދާނެކަމަށް ބައެއް ތަޖްރިބާކާރުން ދެކިވަޑައިގަންނަވައެވެ.މިހާތަނަށް އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އެތައް ފަހަރަކު އިސްރާޢީލުން ޙަމަލާ ދިންކަމުގައިވިޔަސް އެކަމުގެ ޒިންމާ އިސްރާއީލުން އުފުލާފައެއް ނެތެވެ.
ނަތަންޔާހޫ ވިދާޅުވީ ގޮތްދޫނުކުރާ ސަރުކާރުތައް ހަމަބިމަށް ގެނެވޭނެ ހަމައެކަނި ގޮތަކީ މިލިޓްރީ ގޮތުން ބާރުގަދަ ގައުމަކުން އިންޒާރުދިނުން ނުވަތަ އެފަދަ ގައުމަކުން ޙަމަލާދީ ބިމާހަމަކޮށްލުން ކަމަށެވެ.

އެންމެ ރަނގަޅުގޮތަކީ ވަރުގަދަ ޙަމަލާތަކެއް ދީގެން އެގައުމެއް ހަމަބިމަށް ގެނައުމެވެ. ގިނަ ދުވަސްވީ ވަރަކަށް ފުރުސަތު ގެއްލުމުގެ ބިރު ބޮޑުވާނެއެވެ.ނަތަންޔާހޫ އަބަދުވެސް ބުނަމުން ގެންދަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އިސްރާޢީލަށް ހުރި ނުރައްކަލެއް ކަމަށެވެ. އެކަމަކު އީރާނުން ބުނަނީ އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކަށް ތަރައްގީ ކުރާ ވަސީލަތެއް ކަމަށެވެ. ފަނާކުރަނިވި ވަސީލަތެއް ތަރައްގީ ކުރުމެއް ނޫނެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއެކު ހެދި އެއްބަސްވުމަށްވެސް އިސްރާޢީލުން ވަނީ އިދިކޮޅު ހަދާފައެވެ. އެންމެފަހުން 2018 ގައި ރައީސް ޓްރަމްޕުގެ ރިއާސަތުގައި އެމެރިކާއިން އީރާނާއިމެދު ވެވިފައިވާ އެއްބަސްވުމުން ވަނީ އެކަހެރި ވެފައެވެ. އޭގެފަހުން އީރާނުންވެސް އެ އެއްބަސްވުމަށް އަމަލުކުރުމުގައި މާބޮޑު އަހަންމިއްޔަތެއް ދީފައެއް ނުވެއެވެ. އަދި އެ އެއްބަސްވުމުގައި އީރާނުން ޔުރޭނިއަމް ފައްކާކުރެވޭނެ އެންމެ މަތީ އަދަދަކީ %3.67 ކަމަށް ކަނޑައަޅާފައި އޮތްނަމަވެސް 2021 ވަނަ އަހަރާ ހަމަޔަށް ދިޔައިރު އީރާނުން ވަނީ %60 އަށް ޔޫރޭނިއަމް ފައްކާކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި އދ. ގެ ނިއުކްލިއަރ ވޮޗްޑޯގަށް ޙަވާލާދީ ބުލޫމްބާރގުން ރިޕޯރޓް ކޮށްފައިވަނީ އީރާނުން %84 އަށް ޔުރޭނިއަމް ފައްކާ ކޮށްފައިވާ ކަމަށެވެ. އަދި އެވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން އަތްފޯރާ ހިސާބަށް އާދެވުނީ ކަމަށެވެ. އީރާނުން މިހާރު އެއްބާރުލުން ނުދޭތީ އީރާނުގައި ނިއުކްލިއަރ ބޮމެއް މިހާރު ނެތޭ ބުނެވޭކަށް ނެތެވެ.
One Response
ދުނިޔެއަށް ޖެހިފައިވާ މުސީބާތެއް ތި އިޒްރޭލައި އެމެރިކާ ތިއީ! އަސްލު އެމީހުންގެ ގޮތް ޚަބަރުގައި ބުވެވިފާ ތިއޮތީ.