އިންޑިއާ ޕާކިސްތާނުގެ ލޯބީގެ ނިމުން ޖަލާހަމަޔަށް

Loading

Facebook
Twitter
WhatsApp

ޒުވާން އުމުރުގެ ލޯތްބަކީ އޭގައި ޝާމިލުވާ ދެމީހުން ފިޔަވައި އެހެންމީހަކަށް ތަސައްވުރު ކުރެވޭނެ އެއްޗެއް ނޫނެވެ. އަލިފުޅާއި ދޮންހިޔަލަކަސް ލައިލާ މަޖުނޫނަކަސް ތަފާތެއް ނެތެވެ. އެ ދެމީހުންގެ ޖަޒްބާތުތައް އޮޅުންފިލުވާދިނުން ޚުދު އެ ދެމީހުންނަށްވެސް އޮންނަނީ ނުކުޅެދިފައެވެ. 

މިފަހަރު މިއޮތީ ލޯބީގެ އިޙްސާސްތައް ވިސާއަކާ ނުލައި އެހެންގައުމަކަށް ވަދެފައެވެ. ޝާމިލުވާ ދެމީހުންގެ ދެކޭގޮތުގައި ޕާސްޕޯޓާއި ވިސާއޮތީ އެމީހުންހިތުގައި މާކުރިންވެސް ޖަހާދީފައެވެ.                                          

ބީބީސީން ޚަބަރު ދީފައިވާގޮތުގައި 2020 ގެ ކޯވިޑް ބަލިމަޑުކަމުގެ ދުވަސްވަރު ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފާ އޮތަސް އަދި އިންޑިއާ ޕާކިސްތާނުގެ ބޯޑަރު ހުރަސް ކުރުމުގައި ސިޔާސީގޮތުން ބޮޑެތި ހުރަސްތަކެއް ގިރާކުރަންޖެހިފާއޮތަސް އިންޑިއާގެ މުޔައްލަމް ސިންގ ޔަދާވް އާއި ޕާކިސްތާނުގެ އިގްރާ ޖީވާނީ ގެ ދެމެދު އޮންލައިންކޮށް އުފެދުނު ލޯބީގައި ބޯޑަރ ބަންދެއް ނުކުރެވުނެވެ.

އިންޑިއާގެ އުމުރުން 21 އަހަރުގެ މުޔައްލަމް ސިންގ ޔަދާވް އާއި ޕާކިސްތާނުގެ އުމުރުން 19 އަހަރުގެ އިގްރާ ޖީވާނީ އަށް ބޯޑަރު ބަންދު ކުރުމާއި ކޯވިޑްގެ ނުރައްކަލާ މެދު ވިސްނާކަށް ވަގުތެއް ނެތެވެ. 

އެކަމަކު އެދެމީހުންގެ ދިރިއުޅުން އެކުގައި ހޭދަކުރުމަކީ އުދަނގޫތަކެއް ކުރިމަތިވާނެ ދުވަސްތަކެއްކަމުގެ އިޙްސާސް ކުރެވުނެވެ. އެހެންނަމަވެސް އެ ދެލޯބިވެރިންގެ އަޒުމަކީ ދިމާވާ ހުރަސްތައް ގިރާކުރުމެވެ.

މި އަމާޒަށް ވާސިލުވުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރ މަހުގެ ތެރޭގައި ދެމީހުން ނޭޕާލަށް ދަތުރުކޮށް އެގައުމުގައި ކައިވެނި ކުރީއެވެ. އެއަށްފަހު ބެންގަލޫރަށް އައިސް ދިރިއުޅުން ފަށައިގަތީއެވެ.

އެހެންނަމަވެސް އެ ދެމަފިރިން ހީކޮށްގެންތިބި ވަރަށްވުރެން މާއަވަހަށް އެމީހުންގެ އުފާވެރި ދިރިއުޅުމުގެ މައްޗަށް ބަނަވިލާތައް ފެތުރިގެންފިއެވެ. ޔަދާވް އަކީ ބެންގަލޯރުގެ އައި. ޓީ. ކުންފުންޏެއްގެ ސެކިއުރިޓީ ގާޑެކެވެ. އިގްރާއަކީ ޕާކިސްތާނުގެ ހައިދަރް އާބާދުގައި ކިޔަވަމުން ގެންދާ ކުއްޖެކެވެ.

އެންމެފަހުން ވަގު ލިއުންތަކެއްގައި އިގްރާ ޖީވާނީ އިންޑިއާއަށް އެތެރެކުރުމުގެ ތުޙުމަތުގައި މުޔައްލަމް ސިންގ ޔަދާވް މިއަހަރު ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެއެވެ. 

މުޔައްލަމްގެ މައްޗަށް ވަގުލިއުންތަކެއް ތައްޔާރުކުރުމާއި ގާނޫނާ ޚިލާފަށް ބިދޭސީއަކު އިންޑިއާއަށް އެތެރެކޮށް ހިޔާވަހިކަން ދިނުމުގެ މައްސަލަ އުފުލާފައި ވެއެވެ. އަދި އިގްރާ އިންޑިއާއަށް ވަގަށް ވަނުމުގެ ކުށުގައި ހައްޔަރު ކުރުމަށްފަހު މިދިޔަ ހަފްތާގައި ވަނީ ޕާކިސްތާނަށް ފޮނުވާލާފައެވެ. މުޔައްލަމް ހުރީ ބެންގަލޯރު ޖަލުގައި ބަންދުކޮށްފައެވެ.          

މުޔައްލަމް ސިންގ ގެ މައިންބަފައިން ބުނީ އެދެމަފިރިންގެ އުފާވެރި ދިރިއުޅުމަކީ ލޯބީގެ މައްޗަށް ބިނާވެފައި އޮތް އުފާވެރި ދިރިއުޅުމެކެވެ. ލޯބި ވުމަކީ ކުށެއް ހެއްޔެވެ؟ އުފާވެރި ދިރުޅުމަކަށް މަގުފަހިކުރުމަކީ ކުށެއް ހެއްޔެވެ؟  އިންޑިއާ އާއި ޕާކިސްތާނުގެ މާޙައުލު އަހަރެމެން ގަބޫލު ކުރަމެވެ. އެކަމަކު އެއީ ސިޔާސީ މައްސަލައެކެވެ. ލޯބިވުމުގައިވެސް އިމެއް ބޯޑަރެއް ހުރަސްކުރަން ޖެހޭނެ ހެއްޔެވެ؟                             

ބެންގަލޯރުގެ ފުލުހުންގެ އޮފިޝަލަކު ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް ބުނެފައިވަނީ އެދެމީހުން ކޮށްފައިވަނީ އެމީހުންގެ އިޚްތިޔާރުން ބޭރުގެ އިޙްސާސްތަކެއްގެ މައްޗަށްބިނާކޮށް ގާނޫނީ ކުށެކެވެ. ލޯބި ވުމަކީ ކުށެއް ނޫނެވެ. ދެންކުރި ކަންތަކުގައި ގާނޫނާ ޚިލާފް ވެފައި ވެއެވެ.

އޭނާ ވިދާޅުވީ  ބައިނަލް އަގްވާމީ މުހިންމު ދެ ޙާދިސާއެއް ފެބްރުއަރީ މަހަށް ބެންގަލޫރުގައި ރޭވިފައި އޮތުމާއެކު ފުލުހުންތިބީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ޚާއްސަ ޙާލަތެއްގައެވެ. ފުލުހުންނަށް މި މައްސަލައިގެ ތެރެއަށް އާދެވުނީ އިގްރާ ކޮންމެ ދުވަހަކު އޭނާގެ މައިން ބަފައިންނާ ވަޓްސްއެޕުން ވާހަކަ ދައްކަމުން ގެންދިއުމުގެ ސަބަބުންނެވެ.                                  

އިގްރާ ޖީވާނީގެ ޢާއިލާއާއި ގުޅުމަށް ބީބީސީން ކުރިމަސައްކަތް ކާމިޔާބެއް ނުވިއެވެ. އެހެންނަމަވެސް އިގްރާ ޕާކިސްތާނަށް ހިގައްޖެކަން ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. ޔަދާވްގެ މަންމަ ޝާންތީ ދޭވީގެ އުންމީދަކީ އިންޑިއާއި ޕާކިސްތާނު ސަރުކާރުން އެދެމަފިރިން އެކުގައި ދިރިއުޅުމަށް މަގު ފަހިކޮށްދިނުމެވެ. 

އިގްރާއަކީ މުސްލިމެއް ކަމަށާއި ޕާކިސްތާނުގެ ރައްވެއްސަކަށް ވުމަކީ އަހަރެމެންނަށް މައްސަލައެއް ނޫނެވެ. އެއީ އަހަރެމެންގެ ދަނބި ދަރިފުޅެވެ. އެއީ އަހަރެމެންގެ ޢާއިލާގެ ދަރިއެކެވެ. އަހަރެމެން އެނާ ހެޔޮގޮތުގައި ބަލަހައްޓާނަމެވެ.                                                

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް