ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމަކީ އިދިކޮލޫ ކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ރިޒާ އަވަހާރަވުމާ ގުޅިގެން ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ޕާޓީގެ ގެ ސެނެޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އޮނަރަބަލް އިބްރާހީމް ރިޒާ އަވަހާރަވި ޚަބަރު އެ ކޯލިޝަންގެ އެންމެހައި މެންބަރުން އެހީ ވަރަށް ވެސް ފުން ހިތާމައާއި އަސަރާއެކު ކަމަށެވެ.
އޮނަރަބަލް އިބްރާހީމް ރިޒާ އަކީ އެ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށާއި އަދި އެ ޕާޓީއާއި ޑީއާރްޕީ އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް ދިވެހި ދައުލަތަށްވެސް އަގު ނުކުރެވޭ ޚިދުމަތްތަކެއް އިޚުލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެއް ކަމަށެވެ.
“އަލްމަރްހޫމް ރިޒާގެ އަވަހާރަވުމަކީ މިކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް.“
ރިޒާ އަވަހާރަވުމުގެ ހިތާމައިގައި ކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި، ގުރައިދޫ ދާއިރާގެ ތިން ރަށްކަމުގައިވާ ގުޅި، މާފުށި އަދި ގުރައިދޫގެ އެންމެހައި ރައްޔިތުންނަށް ޕީޕީއެމް ގެ ރައީސް, ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކޯލިޝަންގެ ލީޑާރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ ކަމަށް ބަޔާނުގައިވެއެވެ.
ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރިޒާ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ.
ރިޒާއަކީ މެދުނުކެނޑި 13 އަހަރު ވަންދެން މަޖިލީހުގެ މެންބަރުކަން ކުރައްވައިވާ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.