ދީނާއި މިނިވަންކަން ހިމާޔަތްކުރަން ކަމަށް ބުނެ ރައީސް ޞާލިޙަށް ތާއީދުކުރަން ޢަދާލަތުން ނިންމައިފި

Loading

February 22, 2023
profile
Facebook
Twitter
WhatsApp

ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް ނިންމާފައިވާ ކަަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީން އެ މަނިކުފާނަށް ތާއީދުކޮށް ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާއަށް ރައީސް ޞާލިޙް ދައުވަތު އަރުވާފައިވާތީ އެކަމާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގެ ތަފްސީލު ޢަދާލަތުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީއާއެކު މަޝްވަރާކުރެވި އެއްބަސްވި ކަންތައްތައް:

އިސްލާމް ދީނުގެ ސައްހަ އަގީދާ ކުރިއަރުވައި ދަމަހައްޓައި ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކޮށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށް.

މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދަމަހައްޓައި ރާއްޖޭގެ ސުލްހަމަސަލަސްކަން ދަމަހައްޓައި ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަށް.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ޢަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށާއި މެނިފެސްޓޯ އެކުލަވާލުމުގައި ޢަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް.

ޢަދާލަތު ޕާޓީން ބުނީ ވޭތުވެދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު އެ ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާއާ އެކި ސަރުކާރުތަކުގައި އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ސިޔާސީ މާހައުލު މި ވަގުތު އޮތް ގޮތަށް ރިއާޔަތްކުރާ ހިނދު މި ވަގުތުގެ ހާލަތުގައި އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އެ ޕާޓީއަށް މަސައްކަތްކުރެވެން އޮތީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙު އިންތިޚާބު ކޮށްގެންކަމަށެވެ. 

“ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވަމެވެ.“ އަދާލަތުގެ ބަޔާނުގައި ވެއެވެ.

ފޮޓޯ: ޢަދާލަތު ޕާޓީ

Loading

One Response

  1. ރަނގަޅު ނިންމުމެކެވެ. ސަބަބަކީ ތިޔަ ގޮތުގައި އަދާލަތު ޕާރޓީއަށް އޮތް ފައިދާ ބޮޑުވާނެތީއެވެ. އަމިއްލަ ފުދުންތެރިކަން ލިބިގެން މެނުވީ އެހެން ބަޔަކަށް އެހީވެ ނުދެވޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް