ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ފުލެޓާއި ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަވައިފިއެވެ.
ޕްލޭނިންގ މިނިސްޓްރީން މިއަދު ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާނީ “ގެދޮރުވެރިންގެ ކޮމިޓީ“ އިން ކަމަށެވެ.
އެ ކޮމިޓީގެ ޗެއާޕާސަންއަކީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޯ-ޗެއަޕާސަންއަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް ޢަބްދުއްސައްތާރެވެ.
ދެން ކޮމިޓީގައި ތިއްބަވާނީ އިކޮނޮމިކް މިނިސްޓަރުގެ ނައިބު މަރިޔަމް ނާޒިމާ, މއ.އެރިޒޯނާ އާއި, ޕްލޭނިންގ މިނިސްޓަރުގެ ނައިބު ޢާއިޝަތު ރަޝީދާ, ހ.ރެޖީނާ ހައުސް އަދި މުހައްމަދު އާރިފް, ހއ.އިހަވަންދޫ/ނެދުންގެ އެވެ.
މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވާފައެވެ.
މި ކޮމިޓީގެ ޗެއާ އަކަށް އަކްރަމް ހަމަޖައްސަވާފައިވާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަކްރަމަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ވެސް ކުރެވިފައިވާ ބޭފުޅެކެވެ.
“ގޯތި ގަޑުބަޑު ކުރާ ކޮމެޓީއަށް މި ލީ ވެސް ހިޔާ ފްލެޓް ލިސްޓު ގަޑުބަޑު ކުރި ކޮމެޓީ އަދި އެމްޑީޕީ ވޯޓާސް ލިސްޓު ގަޑުބަޑު ކުރި ކޮމެޓީގައި އިސްކޮށްހުރި ކަމަށް ބުނާ އަކްރަމް ކަމާލުއްދީނެވެ.“ މިދުއަމް ކިޔާ މީހަކު މިއަދު ޓުވިޓާގައި ލިޔުއްވާފައިވެއެވެ.
ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ