ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް ދައުވާ އުފުލައި, އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް ޖުޑީޝަރީއަށް އަތް ބާނައި ސަރުކާރުން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ތުހުމަތުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ އިންތިޚާބީ ޙައްޤުތައް ނިގުޅައިގަނެ, އެ މަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދިއުމަކީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
“ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް ދައުވާ އުފުލައި އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް ޖުޑީޝަރީއަށް އަތް ބާނައި ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމީ ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމެއް.“ ބަޔާނުގައިވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރެވުނު ފުރަތަމަ ހުކުމަކީވެސް ޙައްޤު ނޫން ޙުކުމެއްކަން އިސްތިޢުނާފު މަރުހަލާގައި ކަން ހިނގައިދިޔަ ގޮތުން އެނގެން އެބަ އޮތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިހާރު ހައިކޯޓުގައި އިސްތިޢުނާފުކޮށްފައިވާ މައްސަލައަކީ ވެސް ސިޔާސީ ނުފޫޒުން ކޮށްފައިވާ ޙަރާން ޙުކުމެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަށް ވިސްނޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އެންމެ ފަހުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް އިސްތިޢުނާފީ މަރުޙަލާއިން ބާޠިލުވެގެން ދާނެކަމަށް ސަރުކާރަށް ވެސް ޤަބޫލުކުރެވެން ފެށުމާއެކު އިތުރު ދަޢުވާއެއް އެ މަނިކުފާނުގެ މައްޗަށް އުފުލައި އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް މަސައްކަތް ކުރުމަކީ އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަނެ އެ މަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމަށް އޮތް ފުރުސަތު ބަންދު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަކުން ވިސްނާއިރު ގަބޫލު ކުރެވޭ ކަމަށެވެ.
އެހެންކަމުން ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތާއި އުފުލާފައިވާ ދައުވާތަކަށް އަވަސް އަރުވާލައިގެން ޙުކުމް ކުރުމަށް ކުރެވޭ ސިޔާސީ މަސައްކަތްތައް ހުއްޓާލުމަށް ގޮވައިލާ ކަމަށެވެ. އަދި ހައިކޯޓުގައި އިސްތިޢުނާފު ކުރެވިފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށް ވެސް ގޮވައިލާ ކަމަށެވެ.