ފުއްގިރި މައްސަލަ: ގާޒީ ނިންމެވީ ދިފާއުން އެދުނު ހެކި ރައްކާތެރި ކުރުމުގެ އަމުރުތައް ނެރެދެވޭނެ ތަނެއް ނެތްކަމަށް

Loading

February 21, 2023
profile
Facebook
Twitter
WhatsApp

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުން އެދިފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރުތައް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ ނަދީމް ނިންމަވައިފިއެވެ.

ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދައުލަތުން ދަޢުވާ ކުރަނީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމާއި މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ.

މި މައްސަލައިގެ ދަޢުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ކްރިކް ރިޟާ މެދުވެރިކޮށެވެ. އަދި މަނީ ލޯންޑާކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މެދުވެރިކޮށެވެ.

މަގާމުގެ ނުފޫޒު ބޭނުންކުރައްވައި ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ނެންގެވި ކަމަށް ދަޢުވާގައިވެއެވެ.

މި މައްސަލައިގައި ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައިވެއެވެ.

ކްރިކް ރިޟާގެ ފަރާތުން އެދިފައިވަނީ ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް, އޭނާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯއެއް ސިއްރުކޮށްދިނުމަށެވެ. 

އޭގެއިތުރުން ސަން އިންވެސްޓްމަންޓްގެ އެތެރޭގެ ތަހުގީގަކަށް އެ ކުންފުނީގެ ވެރިޔާ އަދި ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ދެއްވި ބަޔާނަކާއި, ކުންފުނީގައި މަސައްކަތް ކޮށްފައިވާ ބިދޭސީ ބައެއް މީހުން ދީފައިވާ ބަޔާންތަކަކާއި, ޑިރެކްޓަރުންގެ ބޯޑުގެ ބައެއް ގަރާރުތައް ސިއްރުކޮށްދިނުމަށް އެދިފައިވެއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ނިންމެވީ ދިފާއުގެ އެއްވެސް ހެއްކެއް ރައްކާތެރިކުރަން އަމުރެއް ނެެރެދެވޭނެ ތަނެއްނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ އިބްތިދާއީ އަޑުއެހުންތައް ނިމުނުކަމަށް ވިދާޅުވެފައެވެ. ދެން އޮންނާނީ ޝަރީޢަތް ފެށުމުގެ ކުރިން ހުރިހާ ފަރާތްތަކުން ވެސް އިފްތިތާހީ ބަޔާން އިއްވުމެވެ. ރައީސް ޔާމީންގެ އިފްތިތާހީ ބަޔާން އިއްވަން ތާވަލުކޮށްފައިވަނީ މާޗު 13 އަށެވެ. ކްރިކް ރިޟާގެ އިފްތިތާހީ ބަޔާން އިއްވަން ތާވަލުކޮށްފައިވަނީ މާޗު 12 ގައިކަމަށްވާއިރު ސަންގެ ދެ ކުންފުނީގެ އިފްތިތާހީ ބަޔާން އިއްވަން ތާވަލުކޮށްފައިވަނީ މާޗު 09 އަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް