އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގައި ހިމެނޭ މީހެއްގެ އަތުން 37.9 މިލިއަން ރުފިޔާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީއަށް އަންގަވައިފިއެވެ.
އޭސީސީއިން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައިި ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި ހ.ސްނޫޕީ/ކ.މާލެ, ޢަބްދުﷲ ޢާޞިމަށް ލިބުނު 2,460,000.00 އެމެރިކާ ޑޮލަރު (37,933,200 ރުފިޔާ) ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި މި މަހުގެ 14 ވަނަ ދުވަހު އެމްއެމްޕީއާރްސީއަށް އަންގާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުން ޢާޞިމަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ބޮޑުބޭބެއެކެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ތަޙްޤީޤަށްފަހު އެކުލަވައިލިއެވެ. އޭގެތެރޭގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކުށް ސާބިތުވާކަމަށް ނިންމައި ޖަލަށް ލާފައިވާއިރު, އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށާއި, އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލްގެ މައްޗަށް ވެސް ވަނީ މި ޚިޔާނާތުގައި ހިމެނޭ އެކި މައްސަލަތަކުގައި ކުށް ސާބިތުވެފައެވެ.
ދުއިސައްތަ އެތައް ބޭފުޅުންނެއް ހިމެނޭއިރު އިތުރު ބައެއްގެ މައްޗަށް ދަޢުވާ އުފުލާފައެއް ނުވެއެވެ. އަދި ޚިޔާނާތުގައި ގެއްލުނު ލޯލާރިއެއް ވެސް ދައުލަތަށް އަނބުރާ ހޯދިފައެއް ވެސް ނުވެއެވެ. ނުވިތާކަށް އަދީބާއި ޒިޔަތު ވެސް މިހާރު ތިއްބަވަނީ ގޭގައެވެ.
ޢާޞިމް. ފޮޓޯ: އަދަދު
One Response
ޒިޔަަތުމެން މީދޯ ކުރިކަމަކީ. ބޭބެޔާއި އަނބިންނާއި އެންމެންގެ އެކައުންޓަށް ފައިސާތައް ކަހާލީ. ލަތެއް ހަޔާތެއް މި މީހުންގެ ނުހުރޭ. މި މީހުންނަށް ހީވަނީ ސަރުކާރެއް ހަވާލުކުރުމަކީ ދައުލަތް ޔަޢުނީ ރައްޔަތުންގެ ހުރިހާ މިލްކިއްޔާތެއް ކާލަން ދިނުންކަމަށެވެ. ވާނީ ވެސް އެހެންތާއެވެ؟ އަންނަ ކޮން ސަރުކާރަކުންވެސް މިފަދަ ބޮޑެތި ވަގުން ކަޓްނާގައިގެން ޙިމާޔަތް ކުރަނީވިއްޔާއެވެ. މިހާރު އިބޫއާއި އިމްރާނުމެން ވެގެން ކަޓްނަގާފައި ވަގު އަދީބުއާއި ވަރު ޒިޔަތު އެތިބީ ގޭގައި ބައިތިއްބާފަ. ޝަރުޢީ ހުކުމެއްގައި ޖަލައްލާން ޙުކުމް ކުރީމާ ރިހާކުރު ފުޅި ވަގަށްނެގި މީހާ ޖަލުގައި. ދައުލަތާއި ރައްޔަތުން ލޫޓްވާލި ވަގުންތައް ގޭގައި. ކިހާ ޢަދުލް އިންސާފުތޯއެވެ. އެމްޑީޕީގެ އެވަނީ ފަނޑިޔާރުގެ އިސްލާޙުކޮށްދީފާ. ދެން މިހާރު ފަކުރެއްގެ ދިރުން. އަސްލުވެސް އެމްޑީޕީ އަކީ މިއަދު ފަކުރެއް. ޕާޓީ އުފެއްދުމަށް ރައްޔަތުން ބޭނުންވެގެން އެއްބަސްވެ ލިޔުނު މެނިފެސްޓޯ އިން މިހާރު ދުވަނީ ކުނިވަސް. ވީމާ ފަކުރެއްގެ ދިރުން ދެން ތިފެންނަނީ!