އެފްރިކަން ޔުނިއަންގެ ސަމިޓުން އިސްރާއީލުގެ އޮބްޒާވަރު ބޭރުކޮށްލައިފި

Loading

February 20, 2023
profile
Facebook
Twitter
WhatsApp

އިތިއޯޕިޔާގެ އެޑިސް އަބާބާގައި މިދިޔަ ހޮނިހިރު ދުވަހު ފެށުނު އެފްރިކަން ޔުނިއަންގެ ވެރިންގެ ބައްދަލުވުމުގައި ސައުތު އަފްރިކާއާއި އަލްޖަޒާއިރުގެ ބޭނުންކޮށްގެން އިސްރާއީލުގެ ޑިޕްލޯމެޓަކު ބޭރުކުރަން އީރާނުން މަސައްކަތް ކުރިކަމަށް އިސްރާއީލުން ތުޙުމަތު ކުރުމުން އެ ބައްދަލުވުމުގައި ހުޅު ފަޅައިގެން ހިނގައްޖެއެވެ. 

މި މައްސަލަ ކުރިމަތިވީ ބައްދަލުވުމުގެ ފުރަތަމަ ދުވަހު އެފްރިކާ ބައްރުގައި މެދުވެރިވެފައިވާބަނޑުހައިހޫނުކަން ފަދަ ބޮޑެތި މައްސަލަތަކާއި ދޭތެރޭ ވާހަކަފުޅު ދެއްކެވުމުގެ ތެރޭގައެވެ.މީޑިއާއަށް ހާމަވެފައިވާ ވީޑިއޯގައި ފެންނަނީ އެ ބައްދަލުވުމުގެ ސަލާމަތީ ކަންތައް ބަލަހައްޓަވާ ގާރޑުން އިސްރާއީލުން އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޝެރޯން ބާރ ލީ އެސެމްބްލީން ބޭރަށް ނެރޭ މަންޒަރެވެ. 

މިކަމާއި ގުޅިގެން އިސްރާއީލުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ބާރ ލީ އަކީ ހުއްދަ ލިބިވަޑައިގެން ހުންނެވި އޮބްޒާވަރެއް ކަމަށާއި އޭނާއާ ދޭތެރޭ ކަންތައްކޮށްފައި ވަނީ ވަރަށް ހަޑިހުތުރުކޮށް ކަމަށެވެ. އަދި މަދު އަދަދެއްގެ ހައްދުފަހަނަޅާފައިވާ ބަޔަކު ދިރިއުޅޭ ސައުތު އެފްރިކާއާއި އަލްޖަޒާއިރު އީރާނުގެ މުށުތެރޭގައި ތާށިވެފާ އޮތުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ.                                                                

މިމައްސަލަ ފެށިފައިވަނީ 2021 ވަނަ އަހަރުން ފެށިގެން އެފްރިކަން ޔޫނިއަންގެ ބައްދަލުވުން ތަކުގައި އޮބްޒާވަރެއްގެ ގޮތުން އިސްރާޢީލު ބައިވެރިކުރުން ހުއްދަ ދިނުމާ މެދު ދެބަސްވުން އުފެދިފައި ވަނިކޮށް އިސްރާއީލުގެ ވަފްދަށް އޮބްޒާވަރެއްގެ ގޮތުގައި ވަނުމުގެ ހުއްދަ ދިނުމުގެ ސަބަބުންނެވެ. 

އެފްރިކަން ކޮމިޝަންގެ ވެރިޔާ މޫސާ ފާކީ މުޙައްމަދު އެކަން ޢިއުލާން ކުރުމާއިއެކު އެފްރިކަން ޔުނިއަންގެ އެންމެބާރުގަދަ މެމްބަރުންގެ ތެރޭގައި ހިމެނޭ ސައުތު އެފްރިކާވެސް ހިމެނޭ ގޮތުގައި އެކަމަށް ގަދައަޑުން ނުރުހުން ފާޅުކުރުމުންނެވެ.

މިދިޔަ އަހަރުގެ ބައްދަލުވުމުގައި އިސްރާއީލަށް ދީފައިވާ ހުއްދަ އަނބުރާ އަތުލާނީތޯ ނުވަތަ މި މައްސަލަ ވަކި ކޮމެޓީއަކަށް ފޮނުވާނީތޯ ވަނީ ބަހުސް ކުރެވިފައެވެ. ނަމަވެސް މިއަހަރުގެ ބައްދަލުވުމުގައި މި މައްސަލަ ހިމަނާފައެއް ނުވެއެވެ.           

އެފްރިކަން ޔުނިއަންގެ އޮފިޝަލަކު އޭ އެފް ޕީ އަށް އޮޅުން ފިލުވާދިން ގޮތުގައި އެ ޖަމާއަތުގެ ބައްދަލުވުން ތަކުގައި އޮބްޒާވަރެއްގެ ޙައިސިއްޔަތުން ބައްދަލުވުމުގެ ހުއްދަ ދެވިފައިވަނީ ހަމައެކަނި އިސްރާޢީލުން އެފްރިކަން ޔުނިއަން އަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލޭލީ އަދްމަސޫ އަށެވެ.

އެ ހުއްދައަކީ އެހެންއެއްވެސް މީހަކަށް ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންވީމާ ބާރ ލީ އަކީ ހުއްދަ ލިބިގެން ވަޑައިގެންނެވި ބޭފުޅަކަށް ނުވާތީ ބޭރުކުރީކަމަށެވެ. ފާކީގެ ފަރާތުން ވާހަކަ ދެއްކެވި އެއްބާ ކަލޯންޑޯ ވިދާޅުވީ ހުއްދަ ދެވިފައިވާ ބޭފުޅާގެ އިމްތިޔާޒް ނަހަމަގޮތުގައި މިގޮތަށް ބޭނުން ކުރެއްވުމަކީ ހިތާކުރައްވާ ކަމެކެވެ.                               

އިސްރާޢީލުގެ ތުޙުމަތު ތަކާދޭތެރޭ ސައުތު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާގެ ސްޕޯކްސްމަން ވިންސެންޓް މަގްވެންޔާ އޭ. އެފް. ޕީ. އަށް ވިދާޅުވީ އިސްރާއީލުން އެމީހުން އެކުރާ ތުޙުމަތުތައް ކަށަވަރުކޮށްދޭން ޖެހޭނެއެވެ.    

އެފްރިކާގެ ވެރިންގެ ބައްދަލުވުމުގައި ބޭރުގެ ލޯތައް އަމާޒުކުރެވިފައިވާ އެންމެ ބޮޑު މައްސަލައަކީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ  ސަހޭލް ސަރަޙައްދުގައި ވަކިވެގަތުމަށް މަސައްކަތްކުރަމުން ގެންދާ އެމް.23 ގެ ބާޣީންގެ ބާރުގެ ދަށަށް ބައެއް ސަރަޙައްދުތައްދިއުމާގުޅިގެން ކިންޝާސާ އާއި ރުވަންޑާ ސަރުކާރުގައި އުފެދިފައިވާ ދެބަސްވުން ޙައްލު ކުރުމެވެ. 

ރުވަންޑާއިން އެ ޖަމާއަތަށް މަދަދު ފޯރުކޮށްދޭ ކަމަށް ކިންޝާސާ އިން (ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ވެރިރަށް)  ތުޙުމަތުކުރެއެވެ. މި މައްސަލާއާއި ގުޅިގެން އެފްރިކަން ޔުނިއަންގައި ހިމެނޭ 7 ގައުމެއްގެ ވެރިން ހުކުރު ދުވަހު ބައްދަލު ކުރައްވައި މިހާރުން މިހާރަށް ހަތިޔާރު ބަހައްޓައި މިހާރު ހިފާފައިވާ ހުރިހާ ސަރަޙައްދަކުން މާރޗް މަސް ހުސްވުމުގެ ކުރިން ފޭބުމަށް ވަނީ ގޮވާލާފައެވެ.           

އެފްރިކަން ޔުނިއަންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ޔުނައިޓެޑް ނޭޝަންސްގެސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރެސް ވިދާޅުވެފައިވަނީ ޑީ.އާރ.ސީ. ގެ ސަހޭލް އާއި އެހެނިހެން ސަރަޙައްދު ތަކުގައި ހިނގަމުންދާ ލޭއޮހޮރުވުން ތަކާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް އެފްރިކާގެ ލީޑަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ގަޓަރެސް އިތުރަށް ވިދާޅުވީ މުއްސަނދި ގައުމުތަކުން އެފްރިކާގެ ގައުމުތައް ދަރަނިވެރިކުރުވާފައި ވާތީ އެކަމުން އެގައުތައް ސަލާމަތް ކުރަންޖެހޭ ކަމަށެވެ. މިކަމާގުޅިގެން ދަރަނި ދީފައިވާ ގައުމުތަކަށް ދައްކަންޖެހޭ އިންޓެރެސް މައާފްކޮށް ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

މި ގޮވާލެއވުން އަލަށް ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ހަމައެކަނި ނުވަލައްކަ މީހުންގެ އާބާދީއެއް އޮތް ކޮމޮރޯސްގެ ރައީސް އަޒާލީ އަސޯމަނީ ތަކްރާރު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެދަރަނިތައް އެކުގައި ދަރަނިދިން ގައުމުތަކުން މަޢާފް ކޮށްދެއްވާނެ ނަމައޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށެވެ.                                         

ގަޓަރެސް ވިދާޅުވީ ޔުނައިޓެޑް ނޭޝަންސްގެ ސެންޓްރަލް އިމަރޖެންސީ ފަންޑުން އެފްރިކާގައި އެންމެ ބޮޑަށް ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 250 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ނިންމާފައިވާ ކަމަށެވެ. އެފްރިކާގައި މި އެހީއަށް ޝަރުތު ފުރިހަމަވާ 339 މިލިއަން މީހުން އެބަތިއްބެވެ. އެއީ މިދިޔަ އަހަރަށްވުރެން %25 އިތުރުވުމެކެވެ.                                           

ސިފައިންގެ ވެރިކަން ހިންގަމުން ގެންދާ މާލީ އާއި އަދި ބުރުކީނާ ފާސޯ އާއި ގިނީ ވަނީ އެފްރިކަން ޔުނިއަނުން ވަގުތީގޮތުން ދުރު ކޮށްފައެވެ. ނަމަވެސް އަލުން އެ ޖަމާއަތުގައި ބައިވެރިވާން ބޭނުންވާތީ އެކަމާ ވާހަކަ ދެއްކުމަށްޓަކައި އެ ގައުމުތަކުން އެޑިސް އަބާބާއަށް ޑިޕްލޯމެޓުން ތިބީ ފޮނުވާފައެވެ. 

މި މައްސަލާގައި ވާހަކަ ދެއްކުމަށް އެފްރިކަން ޔުނިއަންގެ ޕީސް އެންޑް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް އޮންނާނެކަމަށް ފާކީ ޢިއުލާން ކުރެއްވިއެވެ. އެހެންނަމަވެސް ވަކި ތާރީޚެއް ވިދާޅެއް ނުވެއެވެ. ގާނޫނު އަސާސީ އާއި ޚިލާފަށް ވެރިކަން ބަދަލު ކޮށްފައިވާ އެފްރިކާގެ ގައުމުތަކާމެދު އަޅާފައިވާ ފިޔަވަޅުތަކުން ރަނގަޅު ނަތީޖާއެއް ޙާސިލު ކުރެވިދާނެ ކަމަށް ނުފެންނާތީ އެހެންގޮތަކަށް ވިސްނަންޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.                   

ސަމިޓްގެ ބައްދަލުން ތައް ބަންދުކުރެވިފައިވާ ދޮރުގެ އެތެރޭގައި ހިނގަމުންދާއިރު އެފްރިކާގެ ގައުމުތަކުގެ ފްރީ ޓްރޭޑް އަލުން ދިރުވުން އޮތީ އެންމެ ޚާއްސަ އެޖެންޑާގައި ހިމެނިފައެވެ. 

އެފްރިކާގެ ގައުމުތަކުން މިހާރު އެފްރިކާގެ އެހެން ގައުމުތަކާއެކު ކުރާ ވިޔަފާރިއަކީ ހަމައެކަނި %15 އެވެ. ލީޑަރޝިޕުން މަސައްކަތްކުރަނީ 2034 ގެ ކުރިން ހުރިހާ ޓެރިފެއް އުވާލައި މިހާރުކުރެވޭ ވިޔަފާރި %60 އަށް ކުރިއެރުމެއް މަށެވެ.        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް